ޢަބްދުﷲ ޢާމިރު، ކުޅިވަރުގެ ދާއިރާއަށް ވެދެވަޑައިގަތީ 1983 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭނާ ފެނިގެންދިޔައީ، ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުންނެވެ. މަޖީދިއްޔާ ސްކޫލްގައި އުޅުއްވިއިރު، އިންޓަރހައުސް ފުޓްބޯޅަ މުބާރާތްތަކުންނާއި، އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތްތަކުންނާއި، ބާސްކެޓްބޯޅައާއި ކްރިކެޓުން މަތީ ވަނަތައް އޭނާ ހާސިލު ކުރެއްވިއެވެ.
މަދްރަސީ ދައުރު ނިންމަވާލެއްވުމަށްފަހު، ޢަބްދުﷲ ޢާމިރު ގުޅިވަޑައިގަތީ، ކްލަބް ވެލެންސިއާއާއެވެ. ކްލަބް ވެލެންސިއާއަށް ކުޅުއްވިއިރު، ފުޓްބޯޅައާއި ބާސްކެޓްބޯޅައިގެ އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވުނެވެ. 1985 ވަނަ އަހަރު، ޤައުމީ ފުޓްބޯޅަ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އަދި 1987 ވަނަ އަހަރު އެންމެމޮޅު މިޑްފީލްޑް ކުޅުންތެރިޔާގެ މަގާމު އޭނާ ހޯއްދަވާފައިވެއެވެ. އޭގެފަހުން ކްލަބް ވެލެންސިޔާގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރެއްގެގޮތުން އޭނާ ޚިދްމަތް ކުރައްވާފައިވެއެވެ.
ޔޫތު ސްޕޯޓްސް ކްލަބުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ އިތުރުން، 1991 ވަނަ އަހަރުން ފެށިގެން ކްލަބް ހިންގެވުމުގައި ޢަބްދުﷲ ޢާމިރު މަސައްކަތް ކުރައްވާފައިވެއެވެ. ޔޫތް ސްޕޯޓްސް ކްލަބުގެ އެއް މަސްއޫލުވެރިޔަކީވެސް އޭނާއެވެ. ޤައުމީ ބާސްކެޓްބޯޅަ މުބާރާތްތަކުގައި، ޔޫތު ސްޕޯޓްސް ކްލަބަށް ކުޅުއްވައި، ފާހަގަކުރެވޭފަދަ ކާމިޔާބީތަކެއް އޭނާވަނީ، އެ ކްލަބަށް ހޯއްދަވައިދެއްވާފައެވެ. އަދި ޤައުމީ ފެންވަރުގެ ބާސްކެޓްބޯޅަ މުބާރާތްތަކުން ހޮވާ އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި، އެކި އަހަރުތަކުގައި ޢަބްދުﷲ ޢާމިރުވަނީ ހިމެނިފައެވެ. އަދި ބާސްކެޓްބޯޅައިން ޔޫތު ސްޕޯޓްސް ކްލަބް ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި ޢަބްދުﷲ ޢާމިރުގެ ޙިއްޞާ ވަރަށް ބޮޑެވެ. އޭގެފަހުން އޭނާ ފެނިގެންދިޔައީ، ހުނަރުވެރި ބާސްކެޓްބޯޅަ ރެފްރީއެއްގެ ގޮތުންނެވެ.
ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުއްވުމަށާއި، މިރޮނގުން މީހުން ބިނާކުރެއްވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޢަބްދުﷲ ޢާމިރު ކުރައްވާފައިވާ މަސައްކަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ މަސައްކަތްތަކެކެވެ. އަދި މިފަދަ ޚިދްމަތްތައް ފާހަގަކުރައްވައި، ކުޅިވަރަށް ޚިދްމަތްކުރުމުގެ ރޮނގުން 2000 ވަނަ އަހަރު، ޢަބްދުﷲ ޢާމިރަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. ގިނަ ޢަދަދެއްގެ ބާސްކެޓްބޯޅަ ރެފްރީންނާއި އޮފިޝަލުން ޢަބްދުﷲ ޢާމިރު ވަނީ ތަމްރީނު ކުރައްވާފައެވެ. ދުނިޔޭގެ ބާސްކެޓްބޯލް ޖަމްޢިއްޔާ، ފީބާގެ ބައިނަލްއަޤްވާމީ ބާސްކެޓްބޯލް ރެފްރީ ލައިސަންސް ލިބިވަޑައިގެންފައިވާ ހަމައެކަނި ރާއްޖޭގެ ބޭފުޅަކީވެސް ޢަބްދުﷲ ޢާމިރެވެ. އަދި 2005 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި އޭނާ ރެފްރީކަން ކުރެއްވިއެވެ.
ބާސްކެޓްބޯޅައިގެ ދާއިރާއިން ކުދިން ތަމްރީނު ކުރެއްވުމަށްޓަކައި، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން 1998 ވަނަ އަހަރު ހިންގަވަން ފެށްޓެވި ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތެރެއިން ކުދިން ތަމްރީނުކުރެއްވުމުގައި އޭރު އެންމެ އިސްކޮށް ހުންނެވީ، ޢަބްދުﷲ ޢާމިރެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން ބާސްކެޓްބޯލް ރެފްރީންނާއި އޮފިޝަލުން ތަމްރީނުކުރެއްވުމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން ހިންގި ހުރިހާ ކޯސްތަކަކާއި، 2007 ވަނަ އަހަރުން ފެށިގެން، ކުޅިވަރާބެހޭ މިނިސްޓްރީގެ” ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް ސެންޓަރ “ އިން ހިންގި ހުރިހާ ކޯސްތަކެއްގެ އިންސްޓްރަކްޓަރަކީވެސް ޢަބްދުﷲ ޢާމިރެވެ.
ޢަބްދުﷲ ޢާމިރަކީ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީއެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަންގެ ރެފްރީޒް ކޮމިޓީގެ ޗެއަރޕަރސަންގެ މަޤާމުވެސް ފުރުއްވަމުން ގެންދަވަނީ އޭނާއެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުޅިވަރުގެ އެކިއެކި މަސައްކަތް ކުރެއްވުމަށް އެކުލަވައިލައްވާ އެކިއެކި ކޮމިޓީތަކުގައި ޢަބްދުﷲ ޢާމިރު މަސައްކަތް ކުރައްވާފައިވެއެވެ. އަދި 2010 ވަނަ އަހަރު ޗައިނާގައި ބޭއްވި 16 ވަނަ އޭޝިއަން ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފްޑިމިޝަނެއްގެ ގޮތުގައިވެސް ޢަބްދުﷲ އާމިރު މަސައްކަތް ކޮށްދެއްވާފައިވެއެވެ.
ޢަބްދުﷲ ޢާމިރަކީ، ކުޅިވަރުގެ ދާއިރާގައި ވަރަށް ރަނގަޅު ހަމަތަކަކާއި އުޞޫލުތަކެއް ހިފެހެއްޓެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި މިދާއިރާއާ ވަކިވެވަޑައިގަތުމުގެ އެއްވެސް ޚިޔާލެއް އޭނާ ނުގެންގުޅުއްވައެވެ. އެހެންނަމަވެސް، އޭނާ ކުރައްވާ އުންމީދަކީ، މިރޮނގުން އޭނާއަށްވުރެވެސް ފެންވަރު ރަނގަޅު ގިނަ ޒުވާނުންތަކެއް މި ދާއިރާގެ ޚިދްމަތަށް ނެރުއްވުމެވެ.