ދިވެހި ލިޔުންތެރިކަމާއި ކިޔުންތެރިކަމަށް ޙުސައިން ފަރިޔާދުގެ ހިތްޕުޅުގައި ޝައުގުވެރިކަން އުފެދުނީ، މަދްރަސީ ދައުރުގައެވެ. އޭރުވެސް ވާހަކަ ދެއްކުމުގެ މުބާރާތްތަކުގަޔާއި އަދަބީ ކަންކަމުގައި ބައިވެރިވެވަޑައިގެން މަތީ ވަނަތައް ހާސިލުކުރައްވާފައިވެއެވެ. ޙުސައިން ފަރިޔާދަށް ނޫސްވެރިކަމުގެ ދާއިރާއިން ކުރިޔަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ، މީގެ 14 އަހަރު ކުރިންނެވެ. އާފަތިސް ނޫހުގެ ލޯކަލް ސްޕޯޓްސް ނިއުސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރުކަމާއި، ސްޕޯޓްސް އެޑިޓަރުކަމާއި، އާފަތިސް ނޫހުގެ ސްޕޯޓްސް އެވޯޑުގެ ހެޑުގެ މަގާމު އަދާކުރައްވާފައިވެއެވެ.
ޙުސައިން ފަރިޔާދަށް، އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދެއްވި ފުރުޞަތެއްގައި ވީ.ޓީ.ވީ.އާ ގުޅިވަޑައިގަތީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެތާނގެ އެސިސްޓެންޓް ވީޑިއޯ ޖަރނަލިސްޓެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ޚަބަރު ހެއްދެވުމާއި، ވީޑިއޯ ކުރައްވައި އެޑިޓް ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އަދި ކުޅިވަރަށް ޚާއްޞަ ޚަބަރު ބްލެޓިންއެއްވެސް ގެނެސްދެއްވަން ފެށްޓެވިއެވެ. ފަރިޔާދަކީ، ކުޅިވަރާބެހޭ އެކިއެކި ޚަބަރުތައް ގެނެސްދެއްވުމުގަޔާއި، ކުޅިވަރާބެހޭ މަޢުލޫމާތު ފެތުރުއްވުމުގައި މަޤްބޫލު ޖަރނަލިސްޓެކެވެ.
ވީ.ޓީ.ވީ.ގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ލިބިވަޑައިގެންނެވި ފުރުޞަތެއްގައި 2013 ވަނަ އަހަރު، ރާއްޖެ ޓީ.ވީ.ގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރަކަށް ފަރިޔާދު ބަދަލުވެވަޑައިގެން، މަސައްކަތް ކުރެއްވީ، ރާއްޖެ ޓީ.ވީ.ގެ ހެޑް އޮފް ސްޕޯޓްސްގެ ގޮތުގައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުޅިވަރު ޚަބަރުތައް ލިޔުއްވައި ހުށަހެޅުއްވުމުގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅުން ބަދަހިކުރައްވައި، ކުޅިވަރާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް، ސްޓޭޝަން މެދުވެރިކުރައްވައި ޢާންމުންނާ ހަމަޔަށް ގެނެސްދެއްވުމުގައި ފަރިޔާދު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ފަރިޔާދުގެ އިސްނެންގެވުމާއެކު، ރާއްޖެ ޓީ.ވީ.ގައި ކުޅިވަރަށް ޚާއްޞަ ޚަބަރު ބްލެޓިންއެއް ގެނެސްދެއްވުމުގެ އިތުރުން، މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދާ ކުޅިވަރު މެޗުތައް ލައިވްކޮށް ގެނެސްދެއްވަން ފެށްޓެވިއެވެ.
ރާއްޖެ ޓީ.ވީގައި މަސައްކަތް ކުރެއްވުމަށްފަހު، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު ފަރިޔާދު އަލުން ވީ.ޓީ.ވީ. އާ ގުޅިވަޑައިގަތެވެ. އެ ސްޓޭޝަންގެ ސްޕޯޓްސް އެންޑް އިވެންޓްސް މެނޭޖަރެއްގެ ގޮތުގައެވެ. ފަހުން އެތަނާ ގުޅިވަޑައިގަތުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި، ވީ.ޓީ.ވީ.ގެ ކުޅިވަރު ޑިޕާޓްމަންޓް ހަރުދަނާ ކުރުމަށްޓަކައި އެކިއެކި ޕްރޮގްރާމުތައް ހުށަހަޅުއްވައި ދެއްވަމުން ގެންދަވައެވެ. ވީ ސްޕޯޓްސްއަކީ، ކުޅިވަރުގެ ދާއިރާގައި އެންމެ ގާތުން ކުޅިވަރުގެ ކަންކަން، މީޑިއާ މެދުވެރިކޮށް ގެނެސްދޭ ސްޓޭޝަން ކަމަށް ހައްދަވައި، ސްޕޮންސަރުންގެ އިތުބާރު ހޯއްދަވައި، ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދިރާގު ދިވެހި ލީގާއި، ރިޒޯޓްތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތް ކަމަށްވާ، ރިޒޯޓް ފުޓްސަލް ލީގު އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑް "މިހާރު ސްޕޯޓްސް އެވޯޑް"ގެ މީޑިއާ ޕާޓްނަރަކަށް ވީ.ޓީ.ވީ ވެގެންދިޔުމުގައި، ފަރިޔާދުގެ ޙިއްޞާ ވަރަށް ބޮޑެވެ. މީގެ އިތުރުން ސްޕޯޓްސް ނިއުސް ގެނެސްދޭ އަދަދާއި ވަގުތު އިތުރުކުރުމާއި، ކުޅިވަރުގެ އެންމެފަހުގެ މަޢުލޫމާތުތައް ގެނެސްދެވުމަށް ފަރިޔާދު އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.
ފުޓްބޯޅައާއި އެހެން ކުޅިވަރުތަކުގެ ލައިވް ކޮމެންޓްރީ ދެއްވުމުގައިވެސް ފަރިޔާދަކީ، ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ އެކި ކުޅިވަރުތައް ވާދަކުރާ މުބާރާތްތަކުގެ މެޗުތަކާއި، ޤައުމީ ޓީމު ވާދަކުރާ ބޮޑެތި މުބާރާތްތަކުގެ ލައިވް ކޮމެންޓްރީ ފަރިޔާދު ވަނީ ގެނެސްދެއްވާފައެވެ.
ވޭތުވެދިޔަ 14 ވަރަކަށް އަހަރުގެ ތެރޭގައި، ކުޅިވަރުގެ ދާއިރާއިން އެކިއެކި މަޢުލޫމާތު ޢާއްމުންނާ ހަމަޔަށް ގެނެސްދެއްވުމުގައި ފަރިޔާދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ރާއްޖޭގައި އުފެދުނު މަޝްހޫރު އެކި ކުޅިވަރުތަކުގެ ބޭފުޅުން ހިމަނައިގެން ޕްރޮގްރާމެއް އުފައްދަވައި، އެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ ފުޓްބޯޅައާއި، އެނޫން ކުޅިވަރުތަކުގެ ތާރީޚީ އެކިއެކި މަޢުލޫމާތުތައް ޢާއްމުންނާ ހަމަޔަށް ގެނެސްދެއްވައެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ހިނގަމުންދާ އެކިއެކި މުބާރާތްތަކުގެ މަޢުލޫމާތާއި، ބޭރުގެ މަޝްހޫރު ކުޅުންތެރިންގެ މަޢުލޫމާތުވެސް އޭނާ އެއްކުރައްވަމުން ގެންދަވައެވެ.
ފަރިޔާދުގެ އުންމީދަކީ، ރާއްޖޭގައި ހަމައެކަނި ކުޅިވަރަށް ޚާއްޞަ ޗެނަލެއް އުފެދި، އެ ޗެނަލް ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ ފުރުޞަތު އޭނާއަށް ލިބިވަޑައިގަތުމެވެ.