އަލްފާޟިލް މުޙައްމަދު ޝާކިރު ޢަބްދުﷲ
ވ. ފައުނު

މުޙައްމަދު ޝާކިރު ޢަބްދުﷲ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 23 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މި ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި ޝާކިރު ގުޅިވަޑައިގަތީ، ދިވެހިރާއްޖޭގެ އަޑާއެވެ. 1995 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ. ފުރަތަމަ ކުރެއްވީ، ހަމައެކަނި ޕްރޮގުރާމް އުފައްދަވައި ހުށަހެޅުއްވުމުގެ މަސައްކަތެވެ.

ޕްރޮގުރާމުތައް އުފައްދަވައި މަޢުލޫމާތު ފެތުރުއްވުމަކީ، ޝާކިރުގެ އެންމެ ޚާއްޞަ އެއް ފަންނެވެ. ފުރަތަމަ އަދާކުރެއްވި ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ އެއީކަމަށްވާއިރު، އެ ދާއިރާގައި ޝާކިރު އުފައްދަވައި ހުށަހަޅުއްވާފައިވާ ޕްރޮގުރާމުގެ އަދަދު 1200 އަށްވުރެ އިތުރުވާނެއެވެ. މީގެތެރޭގައި، ދީނީ އަދި އިޖުތިމާޢީ ޕްރޮގުރާމުތަކާއި، ޤާނޫނީ އަދި ސިޔާސީ ޕްރޮގުރާމުތައް ހިމެނެއެވެ.

ރާއްޖޭގައި ތިއްބެވި، ފުޓްބޯޅަ ކޮމެންޓްރީ ދެއްވާ ބޭފުޅުންގެ ތެރެއިން ޝާކިރަކީ މި ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފުޓްބޯޅަ މެޗްތައް ހިނގަމުންދާއިރު، ކުޅުންތެރިންގެ ހަރަކާތްތައް ސިފަކޮށްދެއްވައި، މެޗާ އެއްވަރަށް ކޮމެންޓްރީ ދެއްވުން އެއީ ވަރަށްމަދު މީހަކަށް ނޫނީ ނުވާނެ ކަމެކެވެ. ޝާކިރަކީ މިކަމަށް ވަރަށް ކުޅަދާނަ އަދި ގިނަ ބައެއްގެ މަޤްބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 300 އަށްވުރެ ގިނަ ފުޓްބޯޅަ މެޗުގެ ކޮމެންޓްރީ ދެއްވާފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުން ކޮންމެ ދުވަހަކު ހެނދުނު ފޮނުވަމުންގެންދާ [ބާއްޖަވެރި ހެނދުނެއް] މި ޕްރޮގުރާމު ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީވެސް ޝާކިރެވެ. އެއީ، ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންގެ މެދުގައި އެންމެ މަޤްބޫލުކަން ލިބިފައިވާ އެއް ޝޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާލައި ދިވެހިރާއްޖޭގެ އަޑުން ގެންސްދޭން ފެށި ޕްރޮގުރާމް ތައްޔާރުކުރައްވައި ހުށަހަޅުއްވައިދެއްވީވެސް ޝާކިރެވެ. މީގެއިތުރުން [ޝާކިރުގެ ވަގުތު] ގެ ނަމުގައި ކަރަންޓް އެފެއާޒްގެ ޚާއްޞަ ޕްރޮގްރާމެއްވެސް ވަނީ ގެނެސްދެއްވާފައެވެ. ޚަބަރު ހެދުމާއި، ބްރޭކިންގ ނިއުސް އިވެންޓްތައް ވަގުތުން ގެނެސްދެއްވައި، އަދި ނިއުސް އެޑިޓަރެއްގެ ޒިންމާވެސް ޝާކިރު ވަނީ އުފުއްލަވާފައެވެ.

2007، 2008 މި ދެ އަހަރުގެ ތެރޭގައި ފޮނުވި، [10 ން 11 އަށް] މި ޕްރޮގްރާމާއި [ސިޔާސަތު] ޕްރޮގްރާމަކީވެސް ޝާކިރު ހުށަހަޅުއްވާފައިވާ ޕްރޮގްރާމެކެވެ. މީގެތެރެއިން [10ން 11 އަށް] މިއީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތަކާއި، ނޫސްތަކުން ފާހަގަކުރެވޭ ޚާއްޞަ ޚަބަރާއި، ވަޒީރެއްގެ [ވަން އޮން ވަން] އިންޓަރވިޔު ހިމަނައިގެން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން ވަގުތުން ގެނެސްދިން ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި ސަރުކާރުގެ އެކިއެކި މަސައްކަތްތަކަށް، އެކަމަކާ ގުޅުންހުރި ބޭފުޅުންގެ ހާޒިރުގައި ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔައި، ޖަވާބު ދިނުމުގެ ފުރުޞަތާއި، އެކިއެކި ވަޒީރުންގެ މަސައްކަތްޕުޅުތަކަށްވެސް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުޞަތު އަރުވާފައިވެއެވެ.

ސިޔާސަތު ޕްރޮގުރާމަކީ ޝާކިރަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތުތަކަށް ބައްލަވާއިރު، ރިޔާސީ ކެންޑިޑޭޓުންނާއި، [ވަން އޮން ވަން] އަދި [ހާޑް ޓޯކް] ސްޓައިލްގައި ސުވާލުކޮށްގެން ރާއްޖޭގެ މީޑިއާ ވަސީލަތަކުން ފުރަތަމަ ފޮނުވި ސިލްސިލާ ޕްރޮގުރާމެވެ. [ސިޔާސަތު] ސިލްސިލާގެ ޕްރޮގުރާމުތައް ޝާކިރު ހުށަހަޅުއްވަމުން ގެންދެވީ، އަމިއްލަފުޅަށް ރިސަރޗް ކުރައްވައިގެން، ވަކިފަރާތަކަށް ޖެހިވަޑައިނުގެން، ނޫސްވެރިކަމުގެ ޕްރޮފެޝަނަލް ހަމަތަކާއި، ޒިންމާދާރުކަމާ އެކުގައެވެ. މި ޕްރޮގްރާމްތަކަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ނެރެފައިވާ ދުވަހު ނޫސްތަކާއި، މަޖައްލާތަކާއި، ގުޅުންހުރި ލިޔުންތައް ދިރާސާ ކުރައްވާފައިވެއެވެ. އަދި މީގެތެރެއިން ބައެއް ޕުރޮގްރާމްތަކަށް ތައްޔާރުވެވަޑައިގަތުމަށް މިއަށްވުރެ ދިގު މުއްދަތެއްގެ ލިޔެކިޔުންތަކާއި ސިޔާސީ މަސްރަޙް ދިރާސާ ކުރައްވާފައިވެއެވެ.

[10 ން 11 އަށް] އަދި [ސިޔާސަތު] ފަދަ ޕްރޮގުރާމުތަކަކީ، ދައުލަތުގެ މީޑިއާއާމެދު ރައްޔިތުން ދެކޭގޮތް ބަދަލުވެ، ގިނަ ބައެއްގެ އިތުބާރު ލިބިގެންދިޔަ އެއް ސަބަބު ކަމުގައި ވިއެވެ.

ޝާކިރު ކުރައްވާ އެހެން މަސައްކަތްތަކުގެ ތެރޭގައި، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރެއްވުންވެސް ހިމެނެއެވެ. އަދި ރޭޑިއޯއާ އަލަށް ގުޅޭ ޕްރޮޑިއުސަރުންނަށް ތަމްރީނު ދެއްވައި، ރޭޑިއޯއިން ފުޓްބޯޅަ ކޮމެންޓްރީ ދޭނެ ކޮމެންޓޭޓަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް ޝާކިރު ވަނީ ކޮށްދެއްވާފައެވެ. މިއީ ހިލޭސާބަހަށް ޝާކިރު ކޮށްދެއްވާފައިވާ ކަންކަމެވެ. ޝާކިރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރ، ރޭޑިޔޯ ޕްރޮޑަކްޝަންގެ މަގާމުގައެވެ.