އަލްފާޟިލާ ޢާއިޝަތު (ޝަރީފާ)
މ. ސަބުދެލިގެ

ޢާއިޝަތު (ޝަރީފާ) ޢާންމު ނަމުންނަމަ [ޝަރީ] އަކީ، ކުޑައިރުއްސުރެ ބިއުޓީޝަނަކަށްވުމުގެ ހުވަފެން ދެކެވަޑައިގެންނެވި ބޭފުޅެކެވެ. އޭރު އަވަށްޓެރި ކުދިންނާއި، މަދަރުސާގެ ރަޙްމަތްތެރިންގެ ބޯކޮށައިދެއްވައި، އަދި އިސްތަށިގަނޑު ގަތައިދެއްވައި ހެއްދެވިއެވެ. ޝަރީފާއަކީ އަބަދުވެސް، ސްޓައިލަށާއި ފެޝަނަށް ލޯބިކުރައްވާ ބޭފުޅަކަށްވާތީ 2001 ވަނަ އަހަރު ޔޫތު މިނިސްޓްރީއިން ހިންގެވި ހެއަރޑްރެސިންގ އެންޑް ބިއުޓީ ކޯހެއް ފުރިހަމަ ކުރެއްވުން ވެގެންދިޔައީ، މިދާއިރާއިން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރަކަށެވެ. އެ ކޯހުން، ބޭސިކް އިންޓަރމީޑިއަޓް އަދި އެޑްވާންސް ސެޓްފިކެޓް ހާސިލުކުރައްވައި، މުޅި ކޯހުން 1 ވަނަ ހޯއްދެވިއެވެ.

އޭގެފަހުން 2003 ވަނަ އަހަރު ސީޒާ ސެލޫނުން ހިންގި 6 މަސް ދުވަހުގެ ހެއަރ ޑިޒައިން އެންޑް ބިއުޓީ ކަލްޗަރ ކޯހުގައި ބައިވެރިވެވަޑައިގެން، އެ ކޯހުންވެސް 1 ވަނަ ހޯއްދެވިއެވެ. ކޯސް ފުރިހަމަ ކުރައްވަމުން ގެންދެވިއިރު، ސީޒާ ސެލޫންގައި ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އަދި އެ ސެލޫނުން އޭރު ހިންގި ކޯސްތަކުގެ ޕްރެކްޓިކަލް ބައި ބެލެހެއްޓެވީވެސް ޝަރީފާއެވެ. ކޯސް ފުރިހަމަކުރުމަށްފަހުވެސް އެތާނގައި ވަޒީފާ އަދާކުރައްވައި، އިތުރު ތަޖުރިބާއާއި ހުނަރު ހޯއްދެވުމަކީވެސް މިދާއިރާއިން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެކެވެ. ޝަރީފާއަކީ، ޝްރީލަންކާއާއި، ތައިލެންޑާއި، މެލޭޝިޔާއިންވެސް، ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން ތަފާތު ކޯސްތައް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ހެއަރ އެންޑް ބިއުޓީގެ މަސައްކަތަށް ޝަރީފާގެ ހިތްޕުޅުގައި އޮތް ލޯބި ބޮޑުކަމާއެކު، ޢާއިލާގެ މެންބަރަކާއެކު އަމިއްލަ ސެލޫނެއް ހިންގަވަން ފަށްޓަވައި، އެ ސެލޫން ހުޅުއްވެވީ 2008 ވަނަ އަހަރުއެވެ. [ޝައިން ސެލޫން]ގެ ނަމުގައި ހުޅުއްވި ސެލޫންގެ ޗީފް ބިއުޓީޝަން އެންޑް މެނޭޖިންގ ޕާޓްނަރގެ މަޤާމުގައި މިއަދު ހުންނެވީ ޝަރީފާއެވެ. ޝަރީފާ ގަބޫލުކުރައްވާ ގޮތުގައި އޭނާގެ މަސައްކަތް ޚިދުމަތެއްގެ ގޮތުގައި ފެށުނީ ޝައިން ސެލޫން ހުޅުވުމާ އެކުގައެވެ.

ޝަރީފާ ވަނީ ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން ބައެއް އަމިއްލަ ފަރާތްތަކަށްވެސް ކުރު މުއްދަތުގެ ކޯސްތައް ހިންގަވައިދެއްވާފައެވެ. އަދި މިހާތަނަށް 100 އަށްވުރެ ގިނަ ކުދިން ހިލޭސާބަހަށް ތަމްރީނު ކޮށްދެއްވާފައިވެއެވެ. ސްކޫލްތަކުގެ އަހަރީ ޗުއްޓީގައި ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތް ކުރައްވައި، އެތާނގައި ތިބޭ ކުދިންނަށް ހިލޭ ބޯކޮށައިދެއްވައެވެ. މީގެ އިތުރުން، އަވަށްޓެރިންނާއި، ބައެއް ރަޙްމަތްތެރިންނަށްވެސް ހިލޭ ބޯކޮށައިދެއްވައެވެ. މި ރޮނގުން ގާރލްގައިޑުންނަށް ބެޖް ހޯދައިދެއްވުމަށް ޝަރީފާ ކުރައްވާ މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ބިއުޓީ ކޯހުގެ ބައިވެރިން، ޢަމަލީ ތަޖުރިބާ ހޯދުމަށް އެދޭ ކޮންމެ ފަހަރަކު، އެ ފުރުޞަތު ފަހިކޮށްދެއްވައި، އެކަމަށް މަގު ފަހިކޮށްދެއްވައެވެ. އަދި ބައެއް ރަށްރަށަށް ވަޑައިގެން މި ދާއިރާއިން ކޯސްތައްވެސް، ޝަރީފާ ހިންގަވައިދެއްވާފައިވެއެވެ.