އަލްފާޟިލާ ޝާޒިޔާ ސަޢީދު
މ. ސްނޯފްލެކްސް

ޝާޒިޔާ ސަޢީދަކީ، ޑައިވިންގގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ވިއްސަކަށް އަހަރުވެފައިވާ ބޭފުޅެކެވެ. ޢާންމު ނަމުން ދަންނަވާނަމަ، ޝާޒު، ސްކޫބާ، ކޮމާޝަލް، ރިކްރިއޭޝަނަލް ޑައިވިންގގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޑައިވް މާސްޓަރުންވެސް ތަމްރީނު ކުރެއްވިއެވެ.

ޝާޒިޔާ، 1999 ވަނަ އަހަރު "ޕަޑީ" ޑައިވް ކޯސް ފުރިހަމަކުރެއްވިއިރު، ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެނިވަޑައިގަތުމުން، މިކަމުގައި ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދުނެވެ. މިގޮތުން، 2002 ވަނަ އަހަރު ވިލާ ސްކޮލަރޝިޕުން ފުރަތަމަ ހުޅުވައިލި ޑައިވް އިންސްޓްރަކްޓަރު ކޯހުގައި ބައިވެރިވެވަޑައިގެން، ކޯސް ފުރިހަމަކުރެއްވިއެވެ. އޭރު ޝާޒަކީ، ދިވެހިރާއްޖޭގައި އުފެދުނު ތިންވަނަ އަންހެން ޑައިވް އިންސްޓްރަކްޓަރެވެ. އެއަށްފަހު، ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި އެކިއެކި ރިޒޯޓުތަކުގައި މަސައްކަތް ކުރެއްވިއެވެ. މި ދާއިރާއިން ދިވެހި އަންހެނުން އޭރު ފެނުމަކީ ނާދިރުކަމެކެވެ. ދަތިތަކާ ކުރިމަތިވިނަމަވެސް ހިތްވަރާއި ޢަޒުމާއެކު ކުރިއަށް ވަޑައިގަތެވެ. އޭރުގެ އެންމެ އުފާވެރި ހަނދާންތަކަކީ ރާއްޖޭގެ ކަނޑުގެ ގަދަ އޮއިވަރުގަޔާއި، އެކިއެކި ކަނޑުއޮޅިތަކަށް ފީނުމެވެ. ޝާޒު ކުރައްވާފައިވާ ޑައިވްތަކުގެ އަދަދު 3000 އަށްވުރެ ގިނައެވެ.

ޢާއިލާއަށް ވަގުތު ދެއްވުމުގެ ގޮތުން ރިޒޯޓު ވަޒީފާއިން ވަކިވެވަޑައިގެން 2010 ވަނަ އަހަރު މާލޭގެ ޑައިވް ސެންޓަރެއްގައި މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. އޭރުވެސް ރާޅާއެޅުމާއި، ވޭކް ބޯޑު ކުރުމާއި، ސެއިލް ކުރުމުގައި ފުރުޞަތު ލިބިވަޑައިގެންނެވި މިންވަރަކުން އެމަސައްކަތުގައި އުޅުއްވައެވެ. މި ދާއިރާގައި އަންހެނުންގެ ބައިވެރިވުން މަދުކަން އަބަދުވެސް ޝާޒަށް އިޙްސާސް ކުރެއްވެއެވެ. އެކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން، ކުޑަކުދިންނަށާއި އަންހެން ކުދިންނަށް މި ދާއިރާ ތަޢާރުފްކޮށްދީ އަދި މޫދު ކުޅިވަރުތަކުގައި އެކުދިން ހަރަކާތްތެރިކުރުވަން މަސައްކަތްތަކެއް 2015 ވަނަ އަހަރު ޝާޒު ފެށްޓެވިއެވެ.

ޑައިވް ކުރެއްވުމުގެ އިތުރަށް، މޫދު ކުޅިވަރުތަކާ ގުޅުންހުރި އެހެނިހެން ގިނަ މަސައްކަތެއްގައި ޝާޒު ހަރަކާތްތެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން، މޫދާއި ތިމާވެށި ރައްކާތެރިކުރުމުގެ މުހިއްމު ކަމުގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކޮށްދެއްވައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްކުރާ ޖަމާޢަތްތަކަށްވެސް އެކި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވައެވެ.

2017 ވަނަ އަހަރުން ފެށިގެން ޝާޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ މުޅި ރާއްޖޭގައިވެސް ހަމައެކަނި ދިވެހި އަންހެނަކު އިސްވެހުރެ ހިންގާ، މޫދުބުޅާ ޑައިވް ސެންޓަރުގައެވެ. މޫދު ކުޅިވަރުގެ އެކި ދާއިރާތަކަށް ކުޑަކުދިން ތަމްރީނު ކުރެއްވުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނަށް ކަނޑުއަޑީގެ މަންޒަރުތައް ދައްކައިލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގެވި [ފަރުކޮއި] ޕްރޮގުރާމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި 2019 ވަނަ އަހަރުގެ ފެބުރުވަރީގައި [ސްޓޭންޑް އަޕް ފޮރ އަވަރ ސީސް]ގެ ނަމުގައި ޝާޒާއި އިތުރު ދިވެހި އަންހެނަކާއި، ރާއްޖެއިން ބޭރުގެ ދެ އަންހެނުންނާއެކު ބ.އަތޮޅުގައި 100 ކިލޯ މީޓަރަށް ސްޓޭންޑް-އަޕް ޕެޑްލް ބޯޑުގައި ފަލި ޖައްސަވައި ރަށްރަށަށް ޒިޔާރަތް ކުރައްވާފައިވެއެވެ. މި ޓީމުން ހިންގި 8 ދުވަހުގެ [ސްޓޭންޑް އަޕް ފޮރ އަވަރ ސީސް] ޕްރޮގްރާމަކީ، ބ.އަތޮޅުގެ 15 ރަށަކަށް ޒިޔާރަތްކޮށް، ރަށްރަށުގެ ގޮނޑުދޮށާއި ފަޅުތެރެ ސާފުކޮށް، ޕްލާސްޓިކާއި، ޕޮލިއުޝަނާއި އޮއިވާލިތަކުގައި ޖެހޭ ވެލަޔާއި ކަހަނބުތަކަށް ލިބޭ ގެއްލުންތަކަށް ފަރުވާ ހޯދާނޭ ގޮތްތަކަށް މީހުން ހޭލުންތެރިކުރުވުމަށް ހިންގެވި ޕްރޮގްރާމެކެވެ.

މިއަދާ ޖެހެންދެންވެސް ރެކްރިއޭޝަނަލް ޑައިވް ކުރެއްވުމަކީ، ޝާޒު އެންމެ ގިނަ ވަގުތު ހޭދަކުރައްވަން ބޭނުންވާ ކަމެވެ. މޫދު ކުޅިވަރު ކުރިއަރުވައި އަދި ޚާއްޞަކޮށް، ޑައިވް ދާއިރާގައި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވުމަކީ، ޝާޒުގެ އުއްމީދެކެވެ. އަދި ކުޑަކުދިންނާއި އަންހެނުން، މި ދާއިރާއިން ކުރިއަށް ގެންދިޔުމަށް އަބަދުވެސް މަސައްކަތް ކުރެއްވުމަކީ ޝާޒުގެ ޢަޒުމެވެ.

ޝާޒިޔާ ވަނީ، 2016 އިން 2019 އަށް މޯލްޑިވްސް ސަރފް އެސޯސިއޭޝަންގެ ނައިބު ރައީސާކަން ކުރައްވާފައެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޑައިވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސާއަކީވެސް، ޝާޒިޔާއެވެ.