އަލްފާޟިލް އިބްރާހީމް ޞާލިޙް
ފަސްތަރި، ބ. ތުޅާދޫ

އިބްރާހީމް ޞާލިޙަކީ، އުމުރުން 13 އަހަރުގައި މަސައްކަތުގެ މައިދާނަށް ނުކުމެވަޑައިގެންފައިވާ ބޭފުޅެކެވެ. ޞާލިޙު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކަކީ، ހިރިގަލުން ތަކެތި ހެއްދެވުމާއި، ހަނުހިލުމާއި، ލާފެންކުރުމާއި، ލިޔެލާޖެހުމުގެ މަސައްކަތެވެ. މީގެތެރެއިންވެސް އެންމެ ޝައުޤުވެރިކަމާއެކު މެދުނުކެނޑި މިއަދާ ހަމަޔަށްވެސް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ލާފެންކުރުމާއި، ލިޔެލާޖެހުމެވެ.

މެދުނުކެނޑި މި މަސައްކަތް ކުރައްވަމުން ގެންދަވާތާ 36 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ދާއިރާއިން އިބްރާހީމް ޞާލިޙު ވަނީ ގިނަ ކުރިއެރުންތަކަކާއި، ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައެވެ. މީގެއިތުރުން، ހިލޭސާބަހަށް އެތައް ދަރިވަރުންތަކަކަށް މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. މި ދަރިވަރުންނަށް ލިޔެލާޖެހުމުގެ ރޮނގުން މިހާރު ލިބެމުން އަންނަ ކާމިޔާބީތައް ޞާލިޙު ފާހަގަކުރެއްވިއެވެ. 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އިބްރާހީމް ޞާލިޙް ވަނީ ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް، ލ. އަތޮޅުގައިވެސް ހިންގަވައިދެއްވާފައެވެ. މީގެއިތުރުން، ޞާލިޙުގެ އުފަން ރަށް ތުޅާދޫގައިވެސް 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވަނީ ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް ހިންގަވައިދެއްވާފައެވެ.

މި މަސައްކަތް ފެށިގެންއައީ، އިބްރާހީމް ޞާލިޙުގެ ދެފަރާތުގެ ޢާއިލާއިން މި މަސައްކަތްތައް ކުރަމުން އަންނަތަން ފެނި، މިކަމަށް ޝައުޤުވެރިކަން އުފެދިގެންނެވެ. ޙާލަތު ނިޔާކުރިގޮތުން އެހާ ޅައުމުރެއްގައި ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރަން ޖެހުމުގެ ސަބަބުން އިބްރާހީމް ޞާލިޙު ޚިޔާރުކުރެއްވީ، ލާފެންކުރުމާއި ލިޔެލާޖެހުމުގެ މަސައްކަތެވެ.

އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު، އެކަން ކުރަމުން ގެންދިޔައީ، ބޮމަކަނދު ބޭނުންކޮށްގެންނެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިލެކްޓްރިކް މެޝިނަރީގެ އެހީގައެވެ. އިބްރާހީމް ޞާލިޙް ވިދާޅުވާގޮތުން މި ދާއިރާގައި، އޭނާގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ އެދުރަކީވެސް، އޭނާގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް މޫސާ އަބޫބަކުރެވެ. ތުޅާދޫ އޮފްދާރު މުޙައްމަދު ޢުމަރާއި (ދޮންބޭބެ)، ޖަންބުމާގޭ މޫސާ ޢުމަރާއި، ބޭބެ އިބްރާހީމް ޒުބައިރާއި، ދޮންބޭބެ އަލްމަރްޙޫމް މުޙައްމަދު ޝަފީޤާއި، ހެދޭކުރި ޢަލީ ނަޒީރުގެ ނަން ޝުކުރުވެރިކަމާއެކު އިބްރާހީމް ޞާލިޙު ފާހަގަކުރައްވައެވެ. ޚާއްޞަ ގޮތެއްގައި، ލޮބުވެތި އަނބިކަނބަލުން ޔުމްނާ އިބްރާހީމާއި، ޞާލިޙުގެ ތިން ބޭފުޅުންގެ އެހީތެރިކަންވެސް ފާހަގަކުރައްވައެވެ.

މި މަސައްކަތުގެ ތެރެއިން 2006 ވަނަ އަހަރު ޅ.އަތޮޅު ކަނުހުރާ ރިޒޯޓުން ލިބިގެންދިޔަ ފުރުޞަތުގެ ސަބަބުން އިބްރާހީމް ޞާލިޙުގެ މި މަސައްކަތް ދުނިޔެއަށް ތަޢާރުފްވެގެން ގޮސްފައިވެއެވެ. މިގޮތުން، ޞާލިޙުގެ މަސައްކަތާއި ފޮޓޯތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ފެންނަން ހުންނާނެއެވެ. އަދި ހަމައެހެންމެ، ޞާލިޙަކީ، ކަނުހުރާ ރިޒޯޓުގައި ހުންނަ ކުޑަ ދާރުލްއާސާރެއް ބެލެހެއްޓުމުގެ ޒިންމާވެސް އުފުއްލަވާފައިވާ ބޭފުޅެކެވެ. މިގޮތުން، އެ ރިޒޯޓުގައި މަސައްކަތްކުރެއްވިއިރު ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ސަގާފަތް ދިރުވައި އާލާކުރުމުގެ ގޮތުން ލިޔެލާ ޖެހުމާއި، އަތްތެރި މަސައްކަތުގެ ތެރެއިން ތަފާތު ގިނަގުނަ މަސައްކަތްތަކާއި، ހަމަ އެ ރިޒޯޓުގައި ހުންނަ ދާރުލްއާސާރު ބެލެހެއްޓުމުގެ ޒިންމާވެސް، ރިޒޯޓް މަރާމާތަށް ބަންދުކުރުމާ ހަމަޔަށް ކުރައްވާފައިވެއެވެ. އިބްރާހީމް ޞާލިޙު، ކަނުހުރާ ރިޒޯޓުގައި 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ކުރައްވާފައިވެއެވެ. މީގެއިތުރުން، ދުސިތް ތާނީ މޯލްޑިވްސް، ބަނޑޮސް އައިލެންޑް ރިޒޯޓް، ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓް، ނިކަ އައިލެންޑް ރިޒޯޓުގައި، ފަތުރުވެރިންނަށް ލިޔެލާޖެހުމުގެ މަސައްކަތްތައް ދައްކައިލުމުގެ މަސައްކަތް ކުރައްވާފައިވާކަންވެސް ފާހަގަކުރެވެއެވެ. އަދި 2019 ވަނަ އަހަރު ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި [އައި.ޓީ.ބީ] ފެއަރގައި ލިޔެލާޖެހުމުގެ މަސައްކަތް ދައްކާލައި، ލިޔެލާޖަހާ ތަކެތި ފޯރުކޮށްދެއްވާފައިވާކަންވެސް، ޞާލިޙުގެ މި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ.