އަލްފާޟިލާ ޒީނާޒް ޙުސައިން
އާސީނުގެ، ސ. ހިތަދޫ

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި، ޝައުޤުވެރިކުރުވުމަށާއި، އަހުލުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޒީނާޒް ޙުސައިނަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 24 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދި، އޭރުގެ އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިންގ އިން ޖެނެރަލް ހޮޓެލް ސަރވިސަސް އިން ސެޓްފިކެޓް ލެވެލް ފުރިހަމަކުރެއްވިއެވެ. އެއަށްފަހު، 1995 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާ ހަމަޔަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގެ ޝެފެއްގެ ވަޒީފާގައި ޚިދުމަތް ކުރެއްވިއެވެ. ރިޒޯޓުގެ ވަޒީފާއަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއަކީ، މުހިންމު ދާއިރާއެއްކަމާއި، ވަރަށް ބޮޑަށް ކުރިއަށް ވަޑައިގެންނެވިދާނެ ދާއިރާއެއް ކަމުގެ އިޙްސާސް ކުރެއްވުނެވެ.

ޒީނާޒް ކިޔަވައިވިދާޅުވުމުގަޔާއި އަދި މަސައްކަތުގެ ދާއިރާގައި އަބަދުވެސް އަހަންމިއްޔަތުކަމެއް ދެއްވީ، ލިބިވަޑައިގެންފައިވާ ތަޢުލީމާއި ތަޖުރިބާ، އެހެން ބަޔަކާ ޙިއްޞާކުރައްވައި، އެހެން ބަޔަކަށް ދަސްކޮށްދެއްވުމަށެވެ. 1997 ވަނަ އަހަރު ޕެރަޑައިސް އައިލެންޑް ރިޒޯޓުގެ ވަޒީފާ ދޫކުރައްވައި، އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސަރވިސަސްގެ އިންސްޓްރަކްޓަރ (ޓްރޭނީ)ގެ ވަޒީފާއަށް ވެދެވަޑައިގަތީވެސް މި ދާއިރާއަށް މީހުން ތަމްރީނު ކުރެއްވުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުންނެވެ.

އެ އިންސްޓިޓިއުޓްގައި ފުޑް ޕްރޮޑަކްޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރެއްވިއިރު، ކެއްކުމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. 2000 ވަނަ އަހަރު އެ ފެކަލްޓީގެ ފަރާތުން މެލޭޝިޔާގައި ހަޔަރ ނޭޝަނަލް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އޭގެފަހުން، ތަޢުލީމީގޮތުން ކުރިއަށް ވަޑައިގަތުމުގެ އެތައް ފުރުޞަތުތަކެއް، އަމިއްލަފުޅު ގޮތުން މަސައްކަތް ކުރައްވައިގެންނާއި، އަދި ފެކަލްޓީގެ ފަރާތުންވެސް ހޯއްދެވިއެވެ. މިގޮތުން، 2002 ވަނަ އަހަރު އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވަރސިޓީ އިން ހޮސްޕިޓޭލިޓީ މެނޭޖްމަންޓްގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާސިލު ކުރެއްވިއެވެ. އަދި އޭގެފަހުން 2005 ވަނަ އަހަރު ލަންޑަން ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ އިން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ރޮނގުން މާސްޓަރ އޮފް އާޓްސް ފުރިހަމަކުރެއްވިއެވެ. މާސްޓަރޒް ޑިގްރީ ހެއްދެވުމަށްފަހުވެސް ކެއްކުމުގެ ދާއިރާއަށް ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން، 2007 ވަނަ އަހަރު ސްވިޓްޒަރލަންޑްގެ އައި.އެމް.އައި އިން ހަޔަރ ނޭޝަނަލް ޑިޕްލޮމާ އާއި، ބެޗްލަރ އޮފް އާޓްސް (އޮނަރޒް) ޔޫރަޕިއަން ކަލިނަރީ މެނޭޖްމަންޓް ފުރިހަމަކުރައްވައި، އެ ދެ ކޯހުގެ އެންމެ ރަނގަޅު ނަތީޖާ ހޯއްދެވުމުގެ ޝަރަފު ލިބިވަޑައިގަތެވެ.

ޒީނާޒް ޙުސައިނަށް ފަތުރުވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް ޤައުމީ އިނާމު ކޮމިޓީ އިން ނިންމެވީ، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މި ދާއިރާއިން މީހުން ބިނާކޮށްދެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުތަކާއި އަދި އަމިއްލަފުޅުގޮތުން މި ދާއިރާގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ. ޒީނާޒްގެ ޚިދުމަތްތަކުގެ ތެރެއިން އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިންގ ސަރވިސަސްގަޔާއި، އަދި މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީނެއްގެ ގޮތުން ކުރައްވާ މަސައްކަތްޕުޅުތައް ހަނދާންކޮށްލަންޖެހެއެވެ.

ޒީނާޒަކީ ފެކަލްޓީގެ ވެރިއެއްގެ ޙައިޘިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، މުޖުތަމަޢަށް ފައިދާހުރި އެތައް ޕްރޮގްރާމްތަކަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން އަހުލުވެރިކުރުވުމުގެ އެތައް ޕްރޮގްރާމްތަކެއް ހިންގަވާފައިވާ ބޭފުޅެކެވެ. އަދި އެކި ޓީ.ވީ ޗެނަލްތަކާ ގުޅިވަޑައިގެން، އެކި އަހަރުތަކުގައި ކުކަރީ ޕްރޮގްރާމްތައްވެސް ވަނީ ހިންގަވާފައެވެ.

ޒީނާޒް މި ދާއިރާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރައްވައި، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން 2017 ވަނަ އަހަރު މޯލްޑިވްސް ޓްރެވަލް އެވޯޑު ދެއްވާފައިވެއެވެ. މިއީ، ޓޫރިޒަމްގެ ދާއިރާއަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާ ބޭފުޅުންގެ އަގު ވަޒަންކުރައްވައި މަޓާޓޯއިން ދެއްވާ އެވޯޑެކެވެ.