އަލްފާޟިލާ ރަޙްމާ ޢީސާ
ހ. ފިލްމީ ސައިޓް

ތަޢުލީމީ ދާއިރާގައި ރަޙްމާ ޚިދުމަތް ކުރައްވަން ފެށްޓެވީ 1993 ވަނަ އަހަރު ތާޖުއްދީން ސްކޫލުންނެވެ. 2003 ވަނަ އަހަރު ޢިމާދުއްދީން ސްކޫލަށް ބަދަލުވެވަޑައިގެން، 2005 ވަނަ އަހަރާ ހަމަޔަށް އެ ސްކޫލްގައި ކިޔަވައިދެއްވައި، އަދި 2006 ވަނަ އަހަރު މުޙްޔިއްދީން ސްކޫލްގައިވެސް ޕްރައިމަރީ ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވެއެވެ. ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން ރަޙްމާގެ ހިތްޕުޅުގައި އުފެދުނީ، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރުއެވެ. މުޖުތަމަޢުގައި އެންމެގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ކަމަށްވާތީ، 2005 ވަނަ އަހަރުން ފެށިގެން މި ރޮނގުން ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެއްވަން އޭރު ފެށްޓެވީ އެކަމުގެ މާގިނަ ތަމްރީނުތަކެއްނެތި ކަމުގައިވިޔަސް، މިހާރު ރަޙްމާއަކީ، މި ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ، މިހާރުވެސް މި ރޮނގުން މާސްޓަރޒް ޑިގްރީ ފުރިހަމަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ދަނެ، އެ ކުއްޖަކަށް އެންމެ ފައިދާހުރި ގޮތަކަށް ތަޢުލީމު ހާސިލުކޮށްދެއްވުމަށް ރަޙްމާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން، އެކި ރޮނގުތަކުން ކާމިޔާބީތައް ހޯދަމުން ގެންދާކަމީ، ރަޙްމާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލެވެ. ދަރިވަރުންގެ ހުނަރު ދެނެގަނެ، ކުރެހުމާއި، ފެހުން އަދި އަތްތެރިމަސައްކަތުގެ ތަފާތު ހުނަރުތައް ދަސްކޮށްދެއްވުމަށް ރަޙްމާ ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެންމެފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށް ރަޙްމާ ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދަވައެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި ވަރކްޝޮޕްތައް ހިންގަވަމުން ގެންދަވައެވެ. މިގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި، އެ ރަށްރަށުގެ ޓީޗަރުން އަހުލުވެރިކުރުވުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ވާރކްޝޮޕްތައް މެދުނުކެނޑި އޭނާ ގެންދަވަނީ، ހިންގަވަމުންނެވެ. އަދި ރާއްޖެއިން ބޭރުގައިވެސް ތަފާތު އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ، މަސައްކަތްތެރިކަމުގެ ދާއިރާއިން އުނގެނުމަށްޓަކައި އޮސްޓްރޭލިޔާގައި ފުރިހަމަކުރެއްވި ފަސް ހަފްތާގެ ޕްރޮގްރާމެވެ.

ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ރަޙްމާ ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، އެންމެބޮޑު ސަމާލުކަމެއް ދެއްވަނީ، އެފަދަ ކުދިންނާއި މީހުންނަކީ ހުނަރުވެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުއްވުމަށެވެ. ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއި، އަމިއްލަ ތަންތަނުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ހީވާގިކަމާއެކު ވަޒީފާ އަދާކުރެވޭ ފެންވަރަށް އެކުދިން ތަމްރީނު ކުރެއްވުމަށް ރަޙްމާ ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. އެފަދަ ބައެއް ކުދިން މިހާރުވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ގެންދަނީ ޚިދުމަތް ކުރަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ވަޒީފާ ދެއްވަން ފެށްޓެވުމަކީ، އެފަދަ ކުދިންނަށް ލިބުނު ވަރަށްބޮޑު ހިތްވަރެއްކަމާއި، އަދި އެކުދިންނަށް ތަމްރީނުދޭ ޓީޗަރުންނަށްވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަން ރަޙްމާ ފާހަގަކުރައްވައެވެ.

ރަޙްމާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ވަޒީފާ ހަމަޖެހުމުގެ ކުރިން، އެ ކުއްޖަކާ ނުވަތަ އެ މީހަކާބެހޭ މަޢުލޫމާތުތައް، ކަމާ ގުޅުންހުރި ފަރާތްތަކާ ޙިއްޞާ ކުރެއްވުން ހިމެނެއެވެ. އަދި އެފަދަ ކުދިން ވަޒީފާއަށް ނުކުތުމުން، އެކުދިންގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް ދޭތެރެދޭތެރެއިން އެތަންތަނަށް ޒިޔާރަތް ކުރައްވައި، އެފަރާތްތަކަށް ދެއްވަންޖެހޭ ލަފަޔާއި އިރުޝާދު ދެއްވައި، އެ ކުދިން ވަޒީފާއަށްދާ މާޙައުލަކީ ރައްކާތެރި މާޙައުލެއްތޯ ކަށަވަރު ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.