އަލްފާޟިލް ޢަބްދުލްޙަމީދުޢަބްދުލްޣަފޫރު
ހ.ޝޭޑީކޯނަރ

ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު، އާދެ، އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުންނަމަ، އައްޑޯއަކީ ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުޓްބޯޅައަކީ، އޭނާގެ ހިތްޕުޅުގައި ޚާއްޞަ ލޯތްބެއް ދެވިފައިވާ ކުޅިވަރަކަށްވުމާއެކު، ޢުމުރުން އެންމެ 9 އަހަރުގައި ފުޓްބޯޅަ ކުޅުއްވަން ފެށްޓެވިއެވެ. އެހާ ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ފުޓްބޯޅައިގެ މައިދާނުގައި، ތަފާތު މަޤާމުތަކެއް އޭނާވަނީ ފުރުއްވާފައެވެ. އެންމެ ފުރަތަމަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފެނިގެންދިޔައީ، 1978 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުންނެވެ. އެ މުބާރާތުގެ އެންމެމޮޅު މިޑްފީލްޑް ކުޅުންތެރިޔާގެ މަޤާމު އޭނާ ހޯއްދެވިއެވެ. 

ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރަކީ، ކްލަބް ވެލެންސިއާއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި އެ ކްލަބް އުފެއްދި އެންމެމޮޅު އެއްކުޅުންތެރިޔާއެވެ. ކްލަބްގެ އެއްބާނީއެވެ. ކްލަބްގެ އިދާރީ އޮފީސް ފުރަތަމަ ހިނގަމުންދިޔައީވެސް އޭނާގެ ގޭގައެވެ. އޭނާގެ އެހީ، ފުޓްބޯޅައިގެ މައިދާނުގައި އެންމެ ބޮޑަށް ލިބިފައިވަނީވެސް، ކްލަބް ވެލެންސިއާއަށެވެ. 

ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރަކީ، ކުޅިވަރުގެ ދަނޑުގައި އަޚްލާޤީ ގޮތުން ރީތި ނަމޫނާއެއް ދައްކަވަމުން ގެންދެވި އަދި މިޑްފީލްޑަރެއްގެ މަޤާމުގައި އާދަޔާ ޚިލާފު މޮޅު އަދި ރީތި ކުޅުމެއް ކުޅުއްވި ބޭފުޅެކެވެ. 1980 ވަނަ އަހަރު ބޭއްވުނު ޤައުމީ ފުޓްބޯޅަ މުބާރާތުގައި، ކްލަބް ވެލެންސިޔާއަށް އޭނާ ކުޅުއްވަން ފަށްޓަވައި، އެއަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯއްދެވިއެވެ. 1982 ވަނަ އަހަރު ފުރަތަމަފަހަރަށް ކްލަބް ވެލެންސިއާގެ ކެޕްޓަންކަން ކުރައްވައި، އެ އަހަރުގެ އެންމެމޮޅު މިޑް ފީލްޑް ކުޅުންތެރިޔާގެ މަޤާމާއި، އެއަހަރުގެވެސް އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯއްދެވިއެވެ.

ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު، 1980 ވަނަ އަހަރުން ފެށިގެން 1986 ވަނަ އަހަރާ ދެމެދު ބޭއްވުނު ޤައުމީ ފުޓްބޯޅަ މުބާރާތްތަކާއި، އެހެނިހެން ފުޓްބޯޅަ މުބާރާތްތަކުގައި ކްލަބް ވެލެންސިއާއަށް ކުޅުއްވައި، ކްލަބަށް މަތީ ކާމިޔާބީތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ. މިގޮތުން، ރާއްޖޭގައި ފުރަތަމަ ކުޅެވުނު އެފް.އޭ.ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަދި ފުޓްބޯޅައިގެ ފުރަތަމަ ކާމިޔާބީ ކްލަބް ވެލެންސިއާގެ ޓީމު ހޯދިއިރު، ޓީމުގެ ކޯޗަކަށް ހުންނެވީ ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރެވެ. އަދި ޓީމުގެ މެނޭޖަރުކަން 4 އަހަރު އޭނާ ކުރައްވާފައިވެއެވެ.  

1990 ވަނަ އަހަރު އިންޑިޔާގެ ކަލިކަޓްގައި ބޭއްވުނު 27 ވަނަ އޭޝިޔަން ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވި 19 އަހަރުން ދަށުގެ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން އޭނާ ކުރައްވާފައިވެއެވެ. އަދި ފަހުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި، މެނޭޖަރުކަންވެސް އެކިފަހަރުމަތިން ކުރައްވާފައިވެއެވެ.

ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅައިގެ ރޮނގުން ތަފާތު އެކި ކޯސްތައްވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެނޭޖްމަންޓްގެ ދާއިރާގައިވެސް އޭނާވަނީ، ޚިދްމަތް ކުރައްވާފައެވެ. އޭނާއަކީ، އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން، އޭ.އެފް.ސީ.އާއި، ފީފާގެ މެޗް ކޮމިޝަނަރ ކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ މުބާރާތްތަކާއި، ރާއްޖޭގެ އެހެން ބައެއް މުބާރާތްތަކުގެ މެޗް ކޮމިޝަނަރކަންވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.

މެޗް ކޮމިޝަނަރަކީ، ވަރަށް މުހިންމު މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މަޤާމެކެވެ. މެޗެއް ހިނގަމުންދާއިރު، މުޅި ދަނޑުގެ ކޮންޓްރޯލް އޮންނަނީ، އޭނާގެ ބެލުމުގެ ދަށުގައި ކަމަށްވުމާއެކު، މިފަދަ މުހިންމު މަޤާމެއް ފުރުއްވުމަކީ، ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ.

އޭ.އެފް.ސީ.ގެ ވަރަށްގިނަ މެޗްތަކުގައި މިހާތަނަށް ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު މެޗް ކޮމިޝަނަރުކަން ކުރައްވާފައިވެއެވެ. އެ ފުރްޞަތު އެންމެ ފުރަތަމަ އޭނާއަށް ލިބިވަޑައިގަތީ 2003 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ ނިޔަލަށް ބައިނަލްއަޤްވާމީ 96 މެޗެއްގައި މެޗް ކޮމިޝަނަރުކަން ކުރައްވާފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް ބައިނަލްއަޤްވާމީ 13 މެޗެއްގެ މެޗް ކޮމިޝަނަރުކަން ކުރައްވާފައިވެއެވެ. މީގެތެރޭގައި، ފީފާއާއި އޭ.އެފް.ސީ.ގެ މެޗްތައް ހިމެނެއެވެ. އަދި 2010 ވަނަ އަހަރު އޭ.އެފް.ސީ.ގެ މެޗް ކޮމިޝަނަރ އޮފް ދަ އިޔަރގެ މަގާމު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

2011 ވަނަ އަހަރު މެޗް ކޮމިޝަނަރުކަން ކުރެއްވި މުހިންމު މެޗްތަކުގެ ތެރޭގައި، ފީފާ ވަރލްޑް ކަޕް 2014ގެ ކޮލިފައިންގައި، ތައިލެންޑާއި ފަލަސްޠީނު ކުޅުނު މެޗާއި، 2012 ވަނަ އަހަރު ފީފާ އޮލިމްޕިކް ފުޓްބޯލް ޓޯނަމެންޓުގެ ޕްރިލިމިނަރީ ރައުންޑުގައި އޮސްޓްރޭލިޔާއާއި ޔަމަން ބައްދަލުކުރި މެޗް ހިމެނެއެވެ. 

މެޗް ކޮމިޝަނަރުގެ ގޮތުގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން، އެފް.އޭ.އެމް.އަށް ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު ޚިދްމަތް ކުރައްވަމުން ގެންދަވަނީ، 2002 ވަނަ އަހަރުން ފެށިގެންނެވެ. އެންމެފަހުން މިއަހަރު ކުޅުނު ޤައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ މެޗް ކޮމިޝަނަރުކަން ކުރައްވާފައިވަނީވެސް އޭނާއެވެ.

މިހާ ގިނަ ޢަދަދެއްގެ މެޗްތަކުގައި މެޗް ކޮމިޝަނަރުކަން ކުރެއްވުމަކީ، ރާއްޖޭގެ ފުޓްބޯޅައަށްވެސް ގިނަ ފައިދާތަކެއް އެކަމުން ލިބިގެންދާ ކަމެކެވެ. މެޗް ކޮމިޝަނަރުކަން ކުރެއްވިއިރު، މާބޮޑެތި މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް، ސީރިއާއާއި ތަޖިކިސްތާން ކުޅުނު ފީފާ ވަރލްޑް ކަޕް ކޮލިފައިން މެޗެއްގައި، ދަނޑުގެ ލައިޓްތައް ފެއިލްވެގެން ދިމާވި މައްސަލަތަކާ ގުޅިގެން، އެފަދަ ޙައްސާސް ދަނޑިވަޅެއްގައި، ނެންގެވި ޑިޒިޝަން އެއީ، ރަނގަޅު ޑިޒިޝަނެއް ކަމަށް ފީފާއިން ނިންމި ނިންމުމަކީ، އައްޑޯއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެކެވެ. އަދި އެއީ، އޭނާގެ ނިންމެވުންތަކަށް ފީފާއިން ކުރާ އިތުބާރު ހާމަވެގެންދާ ކަމެއްވެސްމެއެވެ.

ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރަކީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވައިސް ޗެއަރމަންކަމުގެ މަގާމާއި، ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.