ޞިއްޙީ ދާއިރާއިން އެ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަޙްމަދު އަފްޢާލް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 29 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. 1990 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުގެ ސެކްރެޓަރީގެ މަޤާމުން ސަރުކާރުގެ ޚިދުމަތް ފެށްޓެވީއްސުރެ މިއަދާ ހަމަޔަށް އަފްޢާލް ފާހަގަކުރެވިފައިވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އަދި އެ ދާއިރާއަށް އިޞްލާޙީ ބޮޑެތި ބަދަލުތަކެއް ގެންނެވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.
ރާއްޖޭގައި ފުރަތަމަ ހެދި ޞިއްޙީ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައިވެސް އަފްޢާލް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި ދެވަނަ މާސްޓަރ ޕްލޭން ތައްޔާރުކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަފްޢާލެވެ. ދިވެހިރާއްޖޭގައި އެ އަހަރެއްގައި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ހިނގާފައި ހުރިގޮތާއި ޞިއްޙީ އެކިއެކި މިންގަނޑުތަކަށް އައިސްފައި ހުރި ކުރިއެރުން ނުވަތަ ތަފާތު ދައްކައިދޭ ރިޕޯޓުގެ ގޮތުގައި ފުރަތަމަ ނެރެން ފެށި”މޯލްޑިވްސް ހެލްތް ރިޕޯޓް“ ފޮތް ޝާއިޢުކުރީވެސް އަފްޢާލްގެ ބެއްލެވުމުގެ ދަށުން އޭނާގެ އިސްނެންގެވުމާ އެކުގައެވެ.
އަފްޢާލަކީ ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް އަބަދުވެސް ވިސްނުންފުޅު ގެންގުޅުއްވި އަދި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ޢަމަލީގޮތުން އާ ކަންކަން ތަޢާރުފް ކުރައްވައި ތަންފީޛު ކުރެއްވި ބޭފުޅެކެވެ. އަދި އެ ވަގުތެއްގައި ރާއްޖެއަށް ޞިއްޙީ ރޮނގުން ދިމާވެފައިވާ ކަންކަމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، ދާއިރާއިން ދޭންޖެހޭ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދެވި ބޭފުޅެކެވެ.
އަފްޢާލް މިއަދު ހުންނެވީ މާލޭގެ ހޮސްޕިޓަލެއް ކަމަށްވާ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނެޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. ސަރުކާރުގެ ވަޒީފާ ދޫކުރައްވައި، 2007 ވަނަ އަހަރު އޭ.ޑީ.ކޭ އާ ގުޅިވަޑައިގަތީ، ވަރަށް ބޮޑެތި އުއްމީދުތަކަކާ އެކުގައެވެ. މިއަދު އޭ.ޑީ.ކޭ.ގެ ހިންގުމުގެ އޮނިގަނޑަށާއި، ދެވޭ ފަރުވާގެ ވަސީލަތްތަކަށާއި، މެޝިނަރީޒްތަކަށް ގެނެވިފައިވާ ބޮޑެތި ބަދަލުތައް ގެނައުމުގައި އަފްޢާލްގެ މަސައްކަތްޕުޅާއި ޙިއްޞާ ވަރަށް ބޮޑެވެ. ފުރަތަމަ ދުވަހުއްސުރެ އޭ.ޑީ.ކޭ.ގައި މަސައްކަތް ކުރައްވަމުން ގެންދެވީ ވީހާވެސް ގިނަ ދިވެހި ޑޮކްޓަރުން ޚިދުމަތްކުރާ ހޮސްޕިޓަލަކަށް އެތަން ހެއްދެވުމަށެވެ. އަފްޢާލް އެ ހޮސްޕިޓަލަށް ވަޑައިގެންނެވިއިރު، އެތާނގެ ޚިދުމަތުގައި ހުންނެވީ ދިވެހި އެންމެ ޑޮކްޓަރެކެވެ. އެހެންނަމަވެސް، އެ ހޮސްޕިޓަލުގައި މިއަދު ތިއްބެވި ދިވެހި ޑޮކްޓަރުންގެ އަދަދު، އެކި ރޮނގުތަކުގެ ސްޕެޝަލިސްޓުންނާއެކު ފަންސާހަށްވުރެ މައްޗެވެ.
އަފްޢާލްގެ ޞިއްޙީ ޚިދުމަތް ގުޅިފައިވަނީ ހަމައެކަނި ދާއިރާގެ ތަރައްޤީއަކަށް ނޫނެވެ. ޢާންމު ޞިއްޙަތު ދުޅަހެޔޮކުރުމަށް ރޭއްވެވި ޙަރަކާތްތަކަކީވެސް ދާއިރާއިން ފެންނަން ހުރި ނަމޫނާ މަސައްކަތްތަކެކެވެ. މިގޮތުން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އެކަމުން ދުރުހެލިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅެވެ. އޭ.ޑީ.ކޭ ގައި ޚާއްޞަ ކުލިނިކެއް ޤާއިމުކުރައްވައިގެން، އެ ކުލިނިކް މެދުވެރިކުރައްވައި، އެތައް ބަޔަކު ދުންފަތުގެ އިސްތިޢުމާލު ކުރުމުން ވަނީ ދުރުހެލިކުރައްވާފައެވެ. އަދި އަފްޢާލް އަމިއްލަފުޅަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމުން އެތައް ބަޔަކު ވަނީ ދުރުވެފައެވެ. މީގެއިތުރުން، ދުވުމާއި ކަސްރަތަކީ، ޞިއްޙަތު ސަލާމަތުން ތިބުމަށްޓަކައި އެންމެ މުހިއްމު ކަންކަން ކަމަށްވާއިރު، އެކަމަށްވެސް ޕްރޮގްރާމްތަކެއް ރާއްވަވައިގެން ކުރިއަށް ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާގައި އަފްޢާލް މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމަށްވެސް ދިރުން ލިބެމުންދާކަމީ، އަފްޢާލަށް ވަރަށްބޮޑު ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެކެވެ. ޞިއްޙީ ޚިދުމަތެއް ހޯދަން އަންނަ މީހާއަށް ދޭންޖެހޭ އެންމެބޮޑު ސަމާލުކަމަކީ، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދެވޭ ފަރުވާއަކީ ނުވަތަ އެ ދޭ ޚިދުމަތަކީ، އެ ބަލިމީހާއަށް ދެވޭ އެންމެ ރަނގަޅު ޚިދުމަތްކަން ކަށަވަރުކުރުމެވެ. މިއީ އަފްޢާލް ގެންގުޅުއްވާ ވަރަށް މުހިއްމު މޮޓޯއެކެވެ.
އަފްޢާލް ދެކެވަޑައިގަންނަވާ ގޮތުގައި، ޞިއްޙީ ދާއިރާއަކީ އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާނެ ދާއިރާއެކެވެ. އަދި ގޮންޖެހުންތައް ހުންނާނެ ދާއިރާއެއްވެސްމެއެވެ. ކުރިއެރުން ލިބުން ދަތި، އަދި ޢާއްމުންގެ ރުހުން ހޯދަން ފަސޭހަ ދާއިރާއެއް ނޫނެވެ. އެހެންކަމުން، އަފްޢާލް މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކުރިމަތިވާ ގޮންޖެހުންތަކާވެސް ކުރިމަތިލައްވައިގެން، އެކަންކަމަށް ޙައްލު ހޯއްދެވުމުގެ މަތިވެރި ޢަޒުމުގައެވެ.