ތަޢުލީމީ ދާއިރާއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މަރްޔަމް ޝަޠުރަތު ޝާކިރަކީ، މި ދާއިރާއިން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
2004 ވަނަ އަހަރު ޕްރައިމަރީ ޓީޗިންގ ނިންމަވައި، އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވުމަށް އެންމެ ފުރަތަމަ ކްލާހަކަށް ވެންނެވި ދުވަސް ޝަޠުރަތަށް ސިފަކުރެއްވުނީ، ވަރަށް އާދަޔާޚިލާފު ދުވަހެއްގެ ގޮތުގައެވެ. ސަބަބަކަށްވީ އެފަދަ ކުދިންނަށް އެހީތެރިވެދޭނެ އަދި އެ ކުދިންގެ ފަރާތުން ފެންނަ ތަފާތު ކަންތައްތައް ޙައްލުކުރާނެ އެކިއެކި އުކުޅުތައް އެނގިވަޑައިގެންފައި ނެތުމެވެ. އެހެންނަމަވެސް، އެވަގުތު ރާއްޖޭގައި ތިއްބެވި މަދު ޓީޗަރުންގެ އެހީތެރިކަމާއެކު ކުރިއަށް ވަޑައިގަތީއެވެ. އަދި މިކަމުގެ ޝައުޤުވެރިކަން ބޮޑުކަމުން މި ރޮނގުން ޑިޕްލޯމާ ކޯހެއް ފުރިހަމަކުރެއްވުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން އަމިއްލަފުޅަށް ހޯއްދެވިއެވެ. އަމިއްލަ ތަނަވަސްކަމާއި ޤާބިލުކަން ނެތުމާއެކު، އެކިފަރާތްތަކުގެ އެހީތެރިކަމަށް އޭރު އެދުނު ނަމަވެސް، އޭރު ގިނަ މީހުން ދެކެމުން ދިޔައީ، އެފަދަ ކުދިންނަށް ނުކިޔެވޭނެކަމާއި، އެހާބޮޑު ޚަރަދެއް ކުރުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށެވެ.
ޑިޕްލޯމާ ކޯސް ފުރިހަމަކުރައްވައި މާލެ ވަޑައިގެން، ޢިމާދުއްދީން ސްކޫލްގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާހާ ގުޅިވަޑައިގަތެވެ. ތަމްރީނު ނުލިބި ކިޔަވައިދެއްވިއިރާއި، ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު ކިޔަވައިދެއްވަން ފެށްޓެވުމުން، ދަރިވަރުންނަށް ލިބެމުން އައި ކުރިއެރުން ތަޞައްވުރު ކުރެއްވުނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް މެދުކެނޑުމެއްނެތި ޝަޠުރަތު ގެންދަވަނީ، ފަންނީ ލަފަޔާއި އިރުޝާދު ދެއްވަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންގެ ބެލެނިވެރިން ހޭލުންތެރިކުރެއްވުމަށް ތަފާތު ސެޝަންތައް ބާއްވަމުން ގެންދަވައެވެ. މިގޮތުން، އެކި ރަށްރަށަށް ވަޑައިގެން، އެއްގޮތަކަށްވެސް އެހީތެރިކަން ނުލިބޭ ފަރާތްތަކުގެ ޢާއިލާތަކަށް ޒިޔާރަތް ކުރައްވައި، ބެލެނިވެރިންނާ ވާހަކަ ދައްކަވައި، ދަރިވަރުން ސްކޫލަށް ކިޔަވަން ފޮނުވުމަށް އެހީތެރިވެދެއްވައި، ކުރިއަށްދާންވީ މަގު ދައްކަވައިދެއްވައެވެ. މީގެއިތުރުން، ރަށްރަށުގެ ކައުންސިލްތަކާއި ޖަމުޢިއްޔާތަކާ ބައްދަލުކުރައްވައި، އުނގެނުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކިއެކި ކްލާސްތަކާއި، އެ ކްލާސްތަކުގެ ސެޓަޕް ތައްޔާރުކުރުމުގައި ލަފަޔާއި އިރުޝާދު ދެއްވައެވެ.
އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ ހުނަރުތައް ދެއްކުމަށް ތަފާތު ޕްލެޓްފޯމްތަކުން ފުރުޞަތު ހޯއްދަވައިދެއްވުމާއި، މުޖުތަމަޢުގައި އެހެން ކުދިންނާއެކު، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރުވުމަށް ޝަޠުރަތު ވަރަށްބޮޑު އިސްކަމެއް ދެއްވައެވެ. މީގެއިތުރުން، އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކު، އިންޑިވިޖުއަލް އެޑިޔުކޭޝަން ޕްލޭން ތަޢާރުފް ކުރައްވައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި، އެ ޕްލޭނާ އެއްގޮތަށް ސެޝަންތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް، ސްކޫލްތަކުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. ރާއްޖޭގެ ވަރަށްގިނަ ސްކޫލްތަކެއްގެ ސްކޫލް ކޮމިއުނިޓީ މި ރޮނގުން ހޭލުންތެރިކުރުވުމަށް ވަރަށްގިނަ ސެޝަންތައް ޝަޠުރަތު ވަނީ ނަންގަވައިދެއްވާފައެވެ. އަދި މި ދާއިރާއިން ކުރު މުއްދަތުގެ ކޯސްތަކާއި ވާރކްޝޮޕްތައް ވަނީ ހިންގަވައިދެއްވާފައެވެ. މިހާރު ޝަޠުރަތު ހުންނެވީ އަމީނިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރ ފޮރ ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް ކަމުގެ މަޤާމުގައެވެ.
އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާއިން 2011 ވަނަ އަހަރު، އެންމެ ރަނގަޅު ޓީޗަރެއްގެ ގޮތުގައި ފާހަގަކުރައްވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ، ޝަޠުރަތަށް [ޓީޗިންގ އެކްސަލަންސް އެވޯޑް ފޮރ ސްޕެޝަލް ނީޑްސް، ޓީޗަރ އޮފް ދަ އިޔަރ]ގެ އެވޯޑު ދެއްވާފައެވެ. އަދި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ދެއްވި [ޑިސްއެބިލިޓީ އެވޯޑް] 2016 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. މަރްޔަމް ޝަޠުރަތު ޝާކިރަކީ، ލީޑިންގ ޓީޗަރެއްގެ އިތުރުން، އިންކްލޫސިވް އެޑިޔުކޭޝަން އެމްބެސެޑަރެއް އަދި އިންކްލޫސިވް އެޑިޔުކޭޝަން ކޯޗެއްވެސްމެއެވެ.