އަލްފާޟިލް މުޙައްމަދު ޝިފާން
ހ. ތަރަބޫޒުގެ

ހ. ތަރަބޫޒުގޭ މުޙައްމަދު ޝިފާނަކީ، ވާހަކަ ދެއްކުމުގެ ފަންނުން އަޅުގަނޑުމެންގެ ތެރޭގައި ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޝިފާންގެ ތަޢުލީމީ ޙަޔާތާ ވާހަކަދެއްކުންތެރިކަމާ ވަނީ ގުޅިލާމެހިފައެވެ. ޝިފާނަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ބަޙުޘްކުރުންތެރިއެކެވެ. އަދި މި ފަންނު ކުރިއަރުވައި ތަރައްޤީކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މުޙައްމަދު ޝިފާން، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެށްޓެވީ 1994 ވަނަ އަހަރުއެވެ. ކަލާފާނު ސްކޫލްގެ ދަރިވަރެއްގެ ގޮތުގައެވެ. މިގޮތުން، 1996 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރުގެ ނިޔަލަށް ވާހަކަދެއްކުމުގެ ޤައުމީ މުބާރާތްތަކުގަޔާއި، ޤައުމީ ބަޙުޘް މުބާރާތްތަކުގައި ޝިފާން ބައިވެރިވެވަޑައިގެންފައިވަނީ، މަޖީދިއްޔާ ސްކޫލްގެ ދަރިވަރެއްގެ ގޮތުގައެވެ. އަދި 2001 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ތިން އަހަރު މި މުބާރާތުގައި ޝިފާން ބައިވެރިވެވަޑައިގެންނެވީ، މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމުޢިއްޔާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

ވާހަކަ ދެއްކުމުގެ ފަންނު ތަރައްޤީ ކުރެއްވުމަށް 2001 ވަނަ އަހަރުން 2005 އަށް ބޭއްވެވި ވާހަކަދެއްކުމުގެ އަތޮޅު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން ތަމްރީނު ކުރެއްވުމަށްޓަކައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އިރުޝާދު ދެއްވުމަށް ފޮނުއްވި މުދައްރިސުންގެ ޓީމުގައިވެސް ޝިފާން ހިމެނިވަޑައިގެންނެވިއެވެ. ވިދިގެން އައި ތިން އަހަރުވެސް ޝިފާނުގެ ޚިދުމަތް ލިބިފައިވެއެވެ. މިގޮތުން މ. އަތޮޅާއި، ރ. އަތޮޅާއި، އަދި ލ. އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ސްކޫލްތަކުގެ މުދައްރިސުންނަށްވެސް ވާހަކަދެއްކުމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވައި، ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވިއެވެ. މިއީ، ހިލޭސާބަހަށް ޝިފާން ކޮށްދެއްވި ޚިދުމަތްތަކެވެ.

އޭރުއްސުރެ ވާހަކަދެއްކުންތެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޝިފާނުގެ ފަންނީ އެހީތެރިކަން ލިބެމުންދެއެވެ. ދިވެހިބަހުގެ އެކެޑަމީ އުފެއްދެވުމާއެކު، އެ އެކެޑަމީއިން ހިންގަވަން ފެށްޓެވި ވާހަކަދެއްކުމާއި، ބަޙުޘް ކުރުމުގެ ތަފާތު ކަންކަމުގައި ޝިފާނުގެ އިރުޝާދާއި ލަފާފުޅާއި ބައިވެރިވެވަޑައިގަތުން ލިބެމުންދެއެވެ. ވާހަކަދެއްކުންތެރިކަން ދަސްކޮށްދެއްވުމަށާއި، ފަނޑިޔާރުކަން ކުރެއްވުމަށް މާލޭގެ ވަރަށްގިނަ ސްކޫލްތަކަށް ޝިފާންވަނީ ވަޑައިގެންފައެވެ.

2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށްވެސް މުޙައްމަދު ޝިފާނަކީ، ދިވެހިބަހުގެ އެކެޑަމީއިން އަލްމަރްޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވަވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރަށް، މި މުބާރާތުގައި މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ބައިވެރިކުރަމުން ގެންދިޔުމާ ގުޅިގެން އެކެޑަމީއިން ކުރިޔަށްގެންދާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ހުނަރުވެރި ވާހަކަދެއްކުންތެރިން އުފެއްދުމަށްޓަކައި ކުރައްވަމުން ގެންދަވާ ޢިލްމީ މަސައްކަތްތަކުގައި، އެ އެކެޑަމީއަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކަށް ޝިފާނުގެ އެހީތެރިކަން ހިލޭސާބަހަށް ދެއްވަމުން ގެންދަވައެވެ.

މުޙައްމަދު ޝިފާނަކީ ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ކަންކަން ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށްވެސް ނުހަނު ލޯބިކުރައްވާ ބޭފުޅެކެވެ. މިގޮތުން ކުރައްވާ މަސައްކަތްޕުޅުގައި ދަރިވަރުންނަށް ބޭނުންވާ އުނގަންނައިދިނުމުގެ އެހީތެރިކަމާއި ތަކެތި، ޝިފާން އަމިއްލަފުޅަށް ތައްޔާރުކުރައްވައިގެން ކުރެއްވި މަސައްކަތްޕުޅަކީ އޭގެ ނަތީޖާ ހާސިލުކުރެއްވުނު މަސައްކަތްޕުޅެކެވެ.

ޝިފާނަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، އޭނާގެ ދަރިވަރުން ކުޅަދާނަ ވާހަކަދެއްކުންތެރިންގެ ގޮތުގައި އެކި މުބާރާތްތަކުގައި ވާދަކޮށް، މަތީ ވަނަތައް ހާސިލުކުރަމުންދާކަމެވެ.