އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީ
މ. މުއިރި

ކީރިތި ޤުރްއާން ކިޔެވުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދި، ތަޖުވީދު މަގުން ރީތިކޮށް ޤުރްއާން ކިޔަވައިވިދާޅުވުމަށް ފެށުނީ ރާއްޖެއަށް ފުރަތަމަ ވަޑައިގެންނެވި އަލްޤާރީ މުޙައްމަދު ޔޫނުސްގެ އަރިހުން ޤުރްއާން ކިޔެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުންނެވެ. އޭރު ބާއްވަވާ ރަސްމީ އެކިއެކި ޖަލްސާތަކުގަޔާއި، ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުގައި މުޙައްމަދު ތައުފީޤު ޤުރްއާން ކިޔަވައިވިދާޅުވަމުން ގެންދެވިއެވެ.

އަލްޤާރީ މުޙައްމަދު ތައުފީޤު ޤާރީ ކޯސް ފުރިހަމަކުރައްވައި، ތަޖުވީދު ޢިލްމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމުގައި އެންމެ ބޮޑަށް އެހީތެރިވެދެއްވި ބޭފުޅަކީ، އަލްޤާރީ ޙުސައިން ތައުފީޤު ޢަބްދުއްރަޙްމާންކަން ފާހަގަކުރައްވައެވެ. މި ރޮނގުން ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ހުރިވަރުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ އިން ފުރަތަމަ ހިންގި ބެޗްލަރ އޮފް ޤުރްއާން ޓީޗިންގ ވިތް އޮނަރޒް ކޯސް ފުރިހަމަކުރައްވައި، 2017 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ފުރަތަމަ ހިންގެވި މާސްޓަރ އޮފް ޤިރާޢަތު ކޯހުގައި ބައިވެރިވެވަޑައިގެން މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވިއެވެ.

ރަސްމީ ވަޒީފާއެއްގެ ގޮތުގައި ކީރިތި ޤުރްއާން ކިޔަވައިދެއްވަން ފެށްޓެވީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި، 2008 ވަނަ އަހަރުއެވެ. ޤުރްއާން ކިޔަވައިދެއްވާ ވަރަށްގިނަ ޓީޗަރުންގެ ކިޔަވައިދެއްވުން ދިރާސާކުރެއްވުމަށްފަހު، ކީރިތި ޤުރްއާން ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ތައުފީޤަށް ފެނިވަޑައިގެން، އަދި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ލަފައާއި އިރުޝާދާއެކު، ޤުރްއާން އުނގަންނައިދޭ ގޮތަށް ބޮޑު ބަދަލެއް ގެންނެވިއެވެ. 2009 ވަނަ އަހަރު އޭނާ ހިންގެވި އެންމެ ޚާއްޞަ އެއް ކްލާހަކީ، އެއްގޮތަކަށްވެސް ޤުރްއާން ކިޔަވަން ނޭނގޭ 30 މީހަކަށް ޤުރްއާނާބެހޭ މަރުކަޒުގައި ހިންގެވި ކްލާހެވެ. އެއް އަހަރަށް ފަރުމާކުރައްވައިގެން ހިންގެވި މި ކްލާހަކީ ތައުފީޤު އަލަށް ކުރެއްވި ތަޖުރިބާއެކެވެ. މިހާރު މަޝްހޫރުކަން ހޯދާފައިވާ ޤުރްއާން ލެވެލް ކޯސްތައް ފަރުމާވެގެންއައީ އެ ކުލާހުގެ ތަޖުރިބާގެ ތެރެއިންނެވެ.

އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީއަކީ، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔަވައިދިނުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ޚިދުމަތް ކުރެއްވިއިރު، ތައުފީޤު އަތްޕުޅުން ލިޔުއްވާފައިވާ ފިލާވަޅުތައް މިހާރުވެސް ޤުރްއާން ކިޔަވައިދެއްވާ ބައެއް މަރުކަޒުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެއެވެ. މިގޮތުން، އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގައާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގަޔާއި އިންސްޓިޓިއުޓް އޮފް ހޯލީ ޤުރްއާނުގައި ހިންގަވާ ކޯސްތަކުގަޔާއި، ރާއްޖޭގައި ޤުރްއާން ކިޔަވައިދޭ އެހެން ބައެއް މަރުކަޒުތަކުގައިވެސް ކިޔަވައިދިނުމަށް ބޭނުންކުރާ ތަޖުވީދުގެ ބައެއް ފިލާވަޅުތަކާއި، ޤާރީ ލެވެލް 1, 2, 3 ގެ ފިލާވަޅުތަކާއި، އިސްލާމީ ޔުނިވަރސިޓީގެ ޑިޕްލޯމާ އަދި ޑިގްރީ ކޯސްތަކުގައި ދަރިވަރުން ބޭނުންކުރާ ފިލާވަޅުތަކަކީވެސް ތައުފީޤު ލިޔުއްވާފައިވާ ފިލާވަޅުތަކެކެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި، ޤާރީ ކޯސްތަކުގެ އެކި ލެވެލްތަކުގައި ކިޔަވައިދެއްވުމަށް އަމާޒުކޮށްގެންވެސް ފޮތެއް ވަނީ ލިޔުއްވައި ނިންމަވާފައެވެ. އަދި އިތުރު ދެ ފޮތް ލިޔުއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އެބަ ގެންދަވައެވެ.

ކްލާސްތަކުގައި ޤުރްއާން ކިޔަވައިދެއްވުމުގެ އިތުރުން، ރޭޑިއޯއާއި، ޓީ.ވީ އިން ފޮނުވާ ޤުރްއާން ކިޔަވައިދިނުމުގެ ބައެއް ޕްރޮގްރާމްތަކުގައިވެސް ތައުފީޤު މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. މާލޭސިޓީ ކައުންސިލްގެ ބެއްލެވުމުގެ ދަށުން ހިންގަވާ [އަލްޢުލާ ލިލްޤުރްއާން ކްލާސް]ގައި ކޮންމެ އަހަރަކުވެސް 50 ކުއްޖަކަށް ހިލޭ ޤުރްއާން ކިޔަވައިދެއްވައެވެ. ދުވާލާއި ރޭގަނޑު ކިޔަވައިދެއްވާ މި ކްލާސްތަކުގެ ތެރެއިން ރޭގަނޑުގެ ކްލާސްތަކުގައި ކިޔަވައިދެއްވަނީ ތައުފީޤެވެ.

މުޙައްމަދު ތައުފީޤަކީ ރާއްޖޭގައި ބޭއްވޭ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ފަނޑިޔާރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްހަމަޖެހުމަކީ، އޭނާ ކިޔަވައިދެއްވާފައިވާ ދަރިވަރުން، ރާއްޖޭގެ ގިނަ ރަށްރަށުގައި މިއަދު ޚިދުމަތް ކުރައްވަމުން ގެންދަވާކަމެވެ.