އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް
ހ. ލަންޓަން

އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އެބޭފުޅެއްގެ ހަނދާނަށް އެރުވޭ އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ، ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި އަދި ރާއްޖޭގައި ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ ރޮނގުން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމެއް، އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް އެރުވުމަށް ނިންމެވީ، ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައް މިއަދާ ހަމަޔަށްވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެވިފައި ނުވުމާއި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކަށް ބަލާއިރު، އެ ޚިދުމަތްތަކަކީ ޤައުމީ ފެންވަރެއްގައި ބަލައިގަނެ އަގުވަޒަންކުރުން ޙައްޤު ޚިދުމަތްތަކެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ފުރަތަމަ ތަޢުލީމު ހާސިލު ކުރެއްވީ، އެމަނިކުފާނުގެ އުފަން ރަށް އައްޑުއަތޮޅޮ ހުޅުދޫ މަދަރުސާއިންނާއި، އެ އަތޮޅު ފޭދޫ ސްކޫލުންނެވެ. އެއަށްފަހު، މާލެ ވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތައުލީމު ހާސިލުކުރެއްވިއެވެ. އިތުރަށް ތަޢުލީމު ހާސިލު ކުރެއްވުމަށް ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއަށާއި، ޖާމިޢާ ތަޢުލީމާތަށް ވަޑައިގެންނެވީ 1979 ވަނަ އަހަރުއެވެ. އޭރުވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑޮކްޓަރ ޢަބްދުލްމަޖީދު، ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވެދެވަޑައިގަތީ 1982 ވަނަ އަހަރުއެވެ. ޘާނަވީ ތަޢުލީމުން ފެށިގެން ޕީ.އެޗް.ޑީ.އާ ހަމަޔަށް ކިޔަވައިވިދާޅުވީ އެ ޔުނިވަރސިޓީގައެވެ. އެގޮތުން، އެ ޔުނިވަރސިޓީން ދަޢުވާ، އުޞޫލުއްދީން [ތިއޮލޮޖީ]އިން 1989 ވަނަ އަހަރު ބެޗްލަރޒް ޑިގްރީ ހާސިލު ކުރެއްވިއެވެ. ބެޗްލަރޒް ޑިގްރީގައި އެމަނިކުފާނު ޑިސަރޓޭޝަން ލިޔުއްވާފައިވަނީ [ރާއްޖެ އިސްލާމްވުން] މި މައުޟޫޢުގެ މައްޗަށެވެ. އޭގެފަހުން އެ ޔުނިވަރސިޓީގައި މާސްޓަރޒް ހެއްދެވުމުގެ ފުރްޞަތުވެސް ޑޮކްޓަރ މަޖީދަށް ލިބިވަޑައިގެންނެވިއެވެ. މާސްޓަރޒް ހެއްދެވީ ތަފްސީރު، [އިންޓަރޕްރިޓޭޝަން އޮފް ޤުރްއާން] ޢުލޫމުލް ޤުރްއާނުން 1993 ވަނަ އަހަރުއެވެ. ޕީ.އެޗް.ޑީ ހާސިލު ކުރެއްވީ 1997 ވަނަ އަހަރުއެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަދީނާ ޔުނިވަރސިޓީން ޕީ.އެޗް.ޑީ ހާސިލުކުރެއްވި ފުރަތަމަ އަދި ހަމައެކަނި ދިވެހި ޢިލްމުވެރިޔާއެވެ. އެމަނިކުފާނު ލިޔުއްވި ތީސީސް، ސަޢޫދީ ޢަރަބިއްޔާގައި ވަނީ ތިންފަހަރެއްގެ މަތިން ޗާޕުކޮށް، ލައިބްރަރީތަކުގަޔާއި، ތަޢުލީމުދޭ އެކިއެކި މަރުކަޒުތަކުގައި ބޭނުންކުރަމުންދާ ފޮތަކަށްވެފައެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރާއްޖެ ވަޑައިގަތުމުން ފުރަތަމަ ހަމަޖެއްސެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާބެހޭ ބައިގެ ޑިރެކްޓަރު ކަމުގެ މަޤާމަށެވެ. އެއީ 1 ނޮވެންބަރު 1999 ގައެވެ. ފުރަތަމަ މަސައްކަތްޕުޅު ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ މުދީރުގެ މަޤާމުގައެވެ. އެއަށްފަހު، ކީރިތި ޤުރްއާނާބެހޭ މަރުކަޒު އުފެދުމާ ގުޅިގެން، އެތަނުގެ މުދީރަކަށް 11 ޑިސެންބަރު 2000 ގައި ޢައްޔަނު ކުރެއްވިއެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 2001 ވަނަ އަހަރުއެވެ. އެއަށްފަހު، 2006 ވަނަ އަހަރު އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާބެހޭ ބައިގެ އެންމެ އިސް ބޭފުޅަކަށް ޑޮކްޓަރ ޢަބްދުލްމަޖީދު ހަމަޖެއްސެވިއެވެ.

މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީގެ ދަށުން އަލަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު، 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އެކުލަވައިލެއްވި ކެބިނެޓްގެ އިސްލާމިކް މިނިސްޓަރަކީ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އޭގެފަހުން، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި 6 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ. އޭގެއިތުރުން، ވިލާ ކޮލެޖްގެ ލެކްޗަރަރއެއްގެ ގޮތުގައިވެސް 7 އަހަރު ޚިދުމަތް ކުރެއްވިއެވެ. އަދި އެ ދެ މުއައްސަސާގައި ތަޢުލީމު ހާސިލު ކުރަމުންގެންދިޔަ ދަރިވަރުންނަށްވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފެށި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ މުޤައްރަރު އެކުލަވައިލައްވައި، އެކޯހުގައި ކިޔަވައިދެއްވިއެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމިކް ޔުނިވަރސިޓީއާއި، އަދި ވިލާ ކޮލެޖާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ކިޔެވި ދަރިވަރުންނަށް، އެ ދަރިވަރުންގެ ކިޔެވުމުގެ ދާއިރާގައި އެސައިންމަންޓް ހެދުންފަދަ ބޭނުންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަކީ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދަކީ، ތަފާތު އެކިއެކި މައުޟޫޢުތަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 6 ފޮތެއްވަނީ ޝާއިޢު ކުރެވިފައެވެ. އޭރު ކޮންމެ ހުކުރު ދުވަހަކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޝާއިޢު ކުރެއްވި [ހިދާޔަތުގެ އަލި] މި ނޫހަށް ޢިލްމީ މަޒުމޫނުތައް ލިޔުއްވިއެވެ. އަދި ތަފާތު އެތައް މައުޟޫޢަކަށް ހުކުރު ޚުޠުބާވެސް ހައްދަވައިދެއްވިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ޓީ.ވީ އާއި ރޭޑިޔޯ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ތަފާތު ޕުރޮގްރާމްތަކުގައި ޑޮކްޓަރ މަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގަޔާއި އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމުގައި ހުންނަވައިގެން، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ އޭގެ ސަބަބުން އެމަނިކުފާނުގެ ޢިއްޒަތާއި ޤަދަރާއި އިޙްތިރާމް އެތައް ގުނަޔަކަށް އިތުރުވެގެންދިޔަ ކަންކަމެވެ. އެ މަޤާމުގައި ހުންނަވައިގެން ލިޔުއްވި ލިޔުއްވުންތަކާއި، ޢިލްމީ ލިޔުންތައް މުޖުތަމަޢަށް ނެރުއްވަން ކުރެއްވި މަސައްކަތްޕުޅުތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ވަރަށް މަޑުމައިތިރި، ހިތްހެޔޮ މިޖާޖެއްގެ ބޭފުޅެކެވެ. ޑޮކްޓަރ ޢަބްދުލްމަޖީދުގެ ގާތް ބޭފުޅުންނަށް އެމަނިކުފާނު ސިފަވެފައިވަނީ، މަޑުމައިތިރިކަމާއި، ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރެއްވުމާއި، ހިތްތިރިކަމާއި، މަޞްލަޙަތަށް އިސްކަން ދެއްވުމާއި، ޙައްޤުބަސް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމާއި، އިޖުތިމާޢީ ކަންކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށް ބަލައިލާއިރު ދެންނެވޭނީ، އެމަނިކުފާނަކީ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމެވެ. ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރެއްވި ހިންގުންތެރި ވެރިއެއްކަމެވެ.

ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ ޝްރީލަންކާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާ ދެމުން ގެންދަނިކޮށެވެ. 22 މޭ 2018 ގައި އެމަނިކުފާނު އަވަހާރަވިއިރު އުމުރަކީ 56 އަހަރެވެ. ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވުމަކީ، މުޅި ރާއްޖެއަށް ލިބުނު ވަރަށްބޮޑު ހިތާމައެކެވެ. އެފަދަ ޢިލްމުވެރި ބޭފުޅަކު ވަކިވެވަޑައިގަތުމަކީ، މުޅި ޤައުމަށް ލިބުނު ކުއްލި ޙައިރާންކަމެއްވެސް މެއެވެ.

މާތްﷲ، މަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!