އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އެބޭފުޅެއްގެ ހަނދާނަށް އެރުވޭ ބޭފުޅަކީ، ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ ރޮނގުން މި ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މި ދަނޑިވަޅުގައިވެސް އަންނަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ވަރަށް އަނިޔާވެރިގޮތަކަށް އެމަނިކުފާނު އަވަހާރަކޮށްލި ހިތާމަވެރި އަދި ކުއްލި ޙައިރާންކަމެއް ލިބުނު ހާދިސާއެވެ.
ޑޮކްޓަރ އަފްރާޝީމް ޢަލީއަކީ ރީތިކޮށް ޤުރްއާން ކިޔަވައިވިދާޅުވައި، ރީތިކޮށް ޢަރަބި ތާނަ ލިޔުއްވި ބޭފުޅެއްވެސްމެއެވެ. މީހުން އަޑުއަހާހިތްވާގޮތަށް ވާހަކަފުޅު ދައްކަވާ މޮޅު ވާހަކަދެއްކުންތެރިއެކެވެ. ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ހުނަރުވެރި އުސްތާޛެކެވެ. ދީން އުނގަންނައިދެއްވަމުން ގެންދެވީ ދީނުގެ ސަމާޙަތާއި މެދުމިންކަން އިސްކުރައްވައިގެންނެވެ. އެމަނިކުފާނަކީ ކުޅަދާނަ ލިޔުއްވުންތެރިއެކެވެ. ހަރުދަނާ ސިޔާސީ މުޙައްނިކެކެވެ. އެމަނިކުފާނާ ޚިޔާލުތަފާތުވާ މީހުންނާވެސް ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ބޭފުޅެކެވެ. ވަރަށް ހިތްޕުޅުހެޔޮ މަޖާ މިޒާޖެއްގެ ބޭފުޅެއްވެސްމެއެވެ. ސިޔާސީ ވިސްނުންފުޅު ބިނާކުރެއްވީ، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާއި، ޑިމޮކްރަސީގެ ހަރުދަނާ އުކުޅުތަކުގެ މައްޗަށެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމެއް، އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނަށް އެރުވުމަށް ނިންމެވީ، ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޚިދުމަތް މިހާތަނަށްވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެވިފައި ނުވުމާއި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ބަލާއިރު، އެ މަސައްކަތްޕުޅުތަކަކީ ޤައުމީ ފެންވަރުގައި އަގު ވަޒަންކޮށް ބަލައިގަތުން ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.
ޑޮކްޓަރ އަފްރާޝީމް ޢަލީ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވީ އެމަނިކުފާނުގެ އުފަން ރަށް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ސްކޫލުންނެވެ. އެއަށްފަހު އެ އަތޮޅު މީދޫ ތަޢުލީމީ މަރުކަޒުން ކިޔަވައި ވިދާޅުވުމަށްފަހު، މާލެ ވަޑައިގެން ފުލުސް ކޯޓުގެ ކާތިބެއްގެ ވަޒީފާގައި އުޅުއްވިއެވެ. އޭރުވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑޮކްޓަރ އަފްރާޝީމް އިތުރަށް ކިޔަވާ ވިދާޅުވާން ބޭނުންފުޅުވާތީ، ވަޒީފާއިން ވަކިވެވަޑައިގެން ޢަރަބިއްޔާއަށް ވެދެވަޑައިގަތީއެވެ. ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައެވެ.
ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހިތްޕުޅުގައި މަތީ ތަޢުލީމު ހާސިލު ކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ޑޮކްޓަރ އާމިނަތު ޖަމީލާއި ފިރިކަލުން ސިއްކަ މުޙައްމަދު އިސްމާޢީލް މަނިކުގެ ދިރިއުޅުއްވުން މެލޭޝިޔާއަށް ބަދަލުކުރެއްވިއިރު، އެ ދެކަނބަލުންގެ ދަރިކަލުންނަށް ޤުރްއާން ކިޔަވައި ދެއްވުމަށްޓަކައި ޑޮކްޓަރ އަފްރާޝީމް މެލޭޝިޔާއަށް ގެންދެވުމުންނެވެ. މެލޭޝިޔާގައި ހުންނެވިއިރު އެ ދެކަނބަލުންގެ އެހީތެރިކަމާއެކު މަތީ ތަޢުލީމް ހާސިލު ކުރެއްވުމަށް ޑޮކްޓަރ އަފްރާޝީމް ފެށްޓެވިއެވެ. ޑޮކްޓަރ އަފްރާޝީމް މަތީ ތަޢުލީމު ހާސިލުކުރައްވައި ނިންމެވުމުގައި ދާއިމީ ގޮތެއްގައި އެ ދެކަނބަލުންނާއި، އަދި ޤާސިމް އިބްރާހީމާއި، އިސްމާޢީލް ޙިލްމީއާއި، އަޙްމަދު ނަޖާހު އަދި ކަރަންކާގޭ އިބްރާހީމް ރަޝީދުގެ ފަރާތްޕުޅުން ވަރަށް ދީލަތި ގޮތެއްގައި އެހީތެރިކަން ލިބިފައިވާތީ، އެކަން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި އެ ބޭފުޅުންނަށް، ޑޮކްޓަރ އަފްރާޝީމުގެ ޢާއިލާގެ މެންބަރުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައެވެ. އަދި ޑޮކްޓަރ އަފްރާޝީމް ތަޢުލީމު ހާސިލު ކުރެއްވުމުގައި ކިތަންމެ ކުޑަ މިންވަރެއްގެ އެހީތެރިކަމެއްވިޔަސް އެ އެހީތެރިކަމެއް ވެދެއްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް ޢާއިލާގެ ފަރާތުން ޝުކުރު ދަންނަވައެވެ.
ޑޮކްޓަރ އަފްރާޝީމް، މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާސިލު ކުރެއްވީ 2000 ވަނަ އަހަރުއެވެ. އަދި 2003 ވަނަ އަހަރު މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރެއްވީވެސް މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007 ވަނަ އަހަރުއެވެ. މެލޭޝިޔާގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާގެ މިސްކިތުގެ އިމާމުކަންވެސް ކުރެއްވިއެވެ. އަދި ހުކުރު ޚުޠުބާ ހައްދަވައި އެ މިސްކިތުގައި އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރެއްވިއެވެ. މެލޭޝިޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ޖަމުޢިއްޔާގެ ރައީސްކަންވެސް ކުރެއްވިއެވެ.
ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ޑޮކްޓަރ އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދުވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ޤުރްއާން މުދައްރިސް ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުވެސް ފުރުއްވިއެވެ.
ޑޮކްޓަރ އަފްރާޝީމް ޢަލީގެ ސިޔާސީ ޚިދުމަތަށް ބަލާއިރު، 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އުނގޫފާރު ދާއިރާގެ މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ވެދެވަޑައިގަތެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ.)ގެ ދީނީ، އިޖުތިމާޢީ ގޮފީގެ ރައީސްކަމާއި، ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ކައުންސިލް މެންބަރުކަންވެސް ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމްތަކުންނާއި، އަދި ރާއްޖޭގައި ޚަބަރުފަތުރާ އެހެން ސްޓޭޝަންތަކުން ޑޮކްޓަރ އަފްރާޝީމްގެ އަޑު ނީވޭ ދުވަހެއް އޭރު މަދެވެ. ވީ.ޓީ.ވީ.ގެ ދީނީ އަދި އިޖުތިމާޢީ ޕްރޮގްރާމުތަކުގައި މެދުނުކެނޑި ތިން އަހަރެއްހާ ދުވަހު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި [ސީދާ ރާސްތާ] [އިޖުތިމާޢީ ދަރުބާރު] [ރަންހާރު] އަދި [ކުޑަކުދިންގެ ބަގީޗާ] ހިމެނެއެވެ. މީގެއިތުރުން، ދި ޓީ.ވީ. އިން ފޮނުވި ދީނީ ޕްރޮގްރާމެއް ކަމަށްވާ [ވިސްނާލާއިރު] މި ޕްރޮގްރާމުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެންމެފަހުން އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ޓީ.ވީ މޯލްޑިވްސް ގުޅިގެން ގެނެސްދެއްވި [ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަން] މި މައުޟޫޢަށް ކުރިއަށް ގެންދެވުނު [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމެވެ. އެމަނިކުފާނަކީ ދީނީ ރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ ލިޔުންތައް ލިޔުއްވި ޢިލްމުވެރިއެކެވެ.
ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރުވެސް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުންނަށް އުޞޫލުލް ފިޤްހު އަދި ގަވާއިދުލް ފިޤްހު ކިޔަވައިދެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުންތައް ނިމުމުން ލިބިވަޑައިގެންނެވި ހުސް ވަގުތުތަކުގައި ވިލާ ކޮލެޖުގައިވެސް މާސްޓަރ އޮފް ޝަރީޢާ ކޯހުގެ ދަރިވަރުންނަށްވެސް ކިޔަވައިދެއްވިއެވެ.
ޑޮކްޓަރ އަފްރާޝީމް ޢަލީ، އެމަނިކުފާނުގެ ޙަޔާތްޕުޅުގެ އެންމެފަހު ދުވަސްވެސް ހޭދަކުރެއްވީ ވަރަށް އަވަދިނެތިއެވެ. އެ ދުވަހު ހެނދުނު ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ކިޔަވައިދެއްވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު، މެންދުރުފަހު ވީ.ޓީ.ވީ އަށް ވަޑައިގެން ދީނީ ޕްރޮގްރާމެއް ރެކޯޑުކޮށްދެއްވިއެވެ. އެރޭގެ އިރާކޮޅު ކިޔަވައިދެއްވުމަށް ވިލާ ކޮލެޖަށް ވަޑައިގެންނެވިއެވެ. އަދި އޭގެފަހުން އެރޭ ޓީ.ވީ މޯލްޑިވްސް އިން 10:00 އިން 11:00 އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމުގައި [ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަން] މި މައުޟޫޢަށް ވަރަށް ފުރިހަމައަށް އިންޞާފުކޮށްދެއްވިއެވެ.
ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނީ، މިދެންނެވި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ގެޔަށް ވަޑައިގެންނެވި ވަގުތުގައެވެ. އެ ހިތާމަވެރި ޚަބަރު، އަޅުގަނޑުމެން އެހީ ފުން އަސަރާއެކުގައެވެ. ވަރަށް ޢިލްމީ، އަދި ދީނީ ތަފާތު އެތައް މައުޟޫޢެއްގައި ވާހަކަފުޅު ދައްކަވައި، މަޢުލޫމާތުގެ ގޮތުން އެހާ މުއްސަނދި ބޭފުޅަކު އަޅުގަނޑުމެންނާ އަބަދުގެއަބަދަށް ވަކިވެވަޑައިގަތުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ. ރާއްޖެއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.
މާތްﷲ މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން.