ޢަބްދުﷲ ޞާދިޤު
ހ. އާމުލީގެ

ޢަބްދުﷲ ޞާދިޤަކީ، ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހިބަހުގެ އެކެޑަމީގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. މުލަކަތޮޅު މުއްޔަށް އުފަން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުންނަމަ ސޯދުބެއަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އުމުރުފުޅުން މިހާރު 84 އަހަރަށްވުރެ ގިނަދުވަސްވެފައިވީ ނަމަވެސް، ޞިއްޙީ ޙާލަތު ތަންދިން މިންވަރަކުން އެމަނިކުފާނު މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން އެ ގެންދަވަނީ، އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށްޓަކައި އުފެދިފައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުންކަން އެއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

ޢަބްދުﷲ ޞާދިޤު ކިޔަވައިވިދާޅުވާން މާލެ ވަޑައިގަތީ 1944 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ކިޔަވަން ކުދިން ގެންނެވިއިރު ޞާދިޤަށް އެ ލިބިވަޑައިގެންނެވި ފުރުޞަތުވެސް ލިބިވަޑައިގަތީ، ވަރަށް ހަނި ދާއިރާއެއްގެ ތެރެއިންނެވެ. ޞާދިޤަކީ، އެމަނިކުފާނުގެ އަމިއްލަ ޙަޔާތްޕުޅުގައިވެސް ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ ޞާދިޤު، ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފެށްޓެވީ 29 މޭ 1952 ގައި މަޢާރިފުގެ ޗާޕުޚާނާގެ ކާތިބުކަމުގެ މަޤާމުންނެވެ. އެއަށްފަހު، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ކާތިބުކަމާއި، މަޢާރިފުގެ ޚާއްޞަ މުދައްރިސްގެ މަޤާމު ފުރުއްވިއެވެ. މީގެއިތުރުން، 1979 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖިލިހުގެ ސެކްރެޓަރީއަކަށް ހަމަޖެއްސެވީވެސް ޢަބްދުﷲ ޞާދިޤެވެ.

ޢަބްދުﷲ ޞާދިޤުގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ދިވެހި އަދަބިއްޔާތުގެ ފަންނެވެ. އެމަނިކުފާނަކީ ހަމައެކަނި ދިވެހިބަހަށް ޚާއްޞަ ބޭފުޅެއް ނޫނެވެ. އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންނުދާފަދަ އަސަރުގަދަ ކުރު ވާހަކަތަކާއި ދިގު ވާހަކަތައް ލިޔުއްވި ބޭފުޅެކެވެ. އުރުދޫބަހުން ދިވެހިބަހަށް އެކިއެކި ލިޔުންތަކާއި ވާހަކަތައް ތަރުޖަމާ ކުރެއްވުމުގައިވެސް އެފަދަ ދެވަނައެއް ނެތް އުސްތާޛެކެވެ. ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވަރަށް ރަނގަޅަށް ވެދެވަޑައިގެން ހުންނެވި ބަހުގެ އަދީބެކެވެ. ދިވެހިބަހުގެ ގަވާއިދުގެ ގިނަ ފޮތެއް ލިޔުއްވިއެވެ. ދިވެހިބަސް ކިޔަވައިދެއްވުމުގެ ގޮތުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި، [ބަސްމަގު ފަށާފޮތް 1] [ބަސްމަގު ފަށާފޮތް 2] [ބަސްމަގު އެއްވަނަ ބައި] [ބަސްމަގު ދެވަނަބައި] [ގްރޭޑް 6ގެ ދިވެހި ފޮތް] (1985) [ގްރޭޑް 6ގެ މުދައްރިސުންގެ ފޮތް] [ގްރޭޑް 7ގެ ދިވެހިފޮތް] (1986)، [ގްރޭޑް 7ގެ މުދައްރިސުންގެ ފޮތް] [ގްރޭޑް 10ގެ ދިވެހިފޮތް] (1985)، [ދިވެހިސިޓީ] [ޅެން ޝަރަޙަ] [ދިވެހި މަޒުމޫނު 1 ] [އެސް.އެސް.ސީ. އަށް މަގެއް] [ކަރުނަޔާނުލައި ޅެން ހެދުން] [ކުރު ވާހަކައަށް ކުރު މަގެއް] އަދި [ރައިވަރާއި ރައިވަރުގެ މާނަ] މި ފޮތްތައް ހިމެނެއެވެ.

އަދަބީ ރޮނގުން ޞާދިޤު ލިޔުއްވާފައިވާ އެހެން ފޮތްތަކުގެ ތެރޭގައި، [ހަރުބަހާއި މުސްކުޅި ބަސް] [މަޖާޒާއި މިސާލު ބަސް] [ޞާދިޤުގެ ސަމާސާ ވާހަކަތައް 1] [ޞާދިޤުގެ ސަމާސާ ވާހަކަތައް 2] [ހަނދާނުގެ އެންމެ ތޫނު ކަށިތައް] [ކުރީގެ ޅެންފޮތް] [ޞާދިޤުގެ ޅެން ބަހުރުވަ 1،2] [އެންމެ މާތް ބަހުރުވައިން ވާހަކަ ދެއްކުމުގެ ފަރިތަކުރުންތައް] [މާތް ބަހުރުވައިން ވާހަކަ ދެއްކުން] އަދި [ވެހި ދިވެހި] މި ފޮތް ހިމެނެއެވެ.

ބޭރު ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތަކާއި ފޮތްތައް މާދަރީ ބަހަށް ތަރުޖަމާ ކުރުމަކީ ޞާދިޤު ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހިބަހަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެކެވެ. މި ފަންނުގައިވެސް ޞާދިޤަކީ އާދަޔާޚިލާފު ބޭފުޅެކެވެ. މިގޮތުން، ޞާދިޤު ތަރުޖަމާ ކުރެއްވި [ހިފެހެއްޓުމެއްނެތް ކަރުނަ] މި ވާހަކަ ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. މި ވާހަކައަކީ އަންހެން ކުއްޖަކަށް ތުއްތުއިރުއްސުރެ ކުރިމަތިވަމުން އައި ހިތާމަތައް ފުހެލެވޭތޯ ކުރި މަސައްކަތާއި، އެންމެފަހުން އޭނާ މި ދުނިޔެ ދޫކޮށްފައި ދިޔަގޮތުގެ މައްޗަށް އުރުދޫބަހުން ލިޔެފައިވާ ވަރަށް އަސަރުގަދަ ވާހަކައެއްގެ ތަރުޖަމާއެކެވެ.

ޢަބްދުﷲ ޞާދިޤުވަނީ ވަރަށް ގިނަ ޚިޔާލީ ވާހަކަތައްވެސް ލިޔުއްވާފައެވެ. އެ ވާހަކަތަކުގެ ތެރޭގައި، [ޒަހީރާ ވާހަކަ] [ދޮންމަންމަ ދޮން ނިޔަނދުރެއް ފަދައެވެ.] [ނޫއަލިމަސްގޭ ޢަރީފް] [ވިހަ ސަމާސާ] [ބިނާ ނުކުރެވުނު ލޯބީގެ ގަނޑުވަރު] [ދަންތުރަ] [ޞާދިޤުގެ ކުރީގެ ކުރު ވާހަކަތައް] [ޞާދިޤުގެ މިހާރުގެ ދިގު ވާހަކަތައް] ހިމެނެއެވެ. ފޯކްލޯރގެ ގޮތުގައި ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރޭގައި [ދޮންހިޔަލައާއި ޢަލިފުޅު] [ދޮންމޮހޮނާއި މިޔަރު] [މަހަބަދިކަލޯ] ހިމެނެއެވެ.

ޢަބްދުﷲ ޞާދިޤު ކުރައްވާފައިވާ އެހެން ބައެއް ތަރުޖަމާތަކުގެ ތެރޭގައި، [ގެއްލުނު ދުނިޔެ] [އެއޮއްފަދަ ދެލޯ] [މަންމަން ލޯބި] [ވައި ކުޅަނދުރު] [އިސްލާމީ ތާރީޚުން ތެދު ވާހަކަ 1] [އިސްލާމީ ތާރީޚުން ތެދު ވާހަކަ 2] [އިސްލާމީ ތާރީޚުން ތެދު ވާހަކަ 3] [ކުޑަކުދިންދެކެ ލޯބިފުޅުވާ ރަސޫލާ] މި ފޮތްތައްވެސް ހިމެނެއެވެ.

ޞާދިޤު ލިޔުއްވާފައިވާ ފަހުގެ ފޮތްތަކުގެ ތެރޭގައި [ޞާދިޤުގެ ޅެންބަހުރުވަ (2) (އަދަބީ)] [މަޖާޒާއި މިސާލުބަސް (އިޞްލާޙު ކުރެވިފައިވާ)] [ދޫނިދޫކޮއި ވާހަކަ (ފޯކްލޯރ)] [ދަތުރު ވާހަކަ 1] [ވެހި ދިވެހި] [ލޯބިވާ މުދައްރިސް] ހިމެނެއެވެ.

ޢަބްދުﷲ ޞާދިޤަކީ، ދިވެހި ޅެންވެރިންގެ ތެރެއިންވެސް އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ޝާޢިރެކެވެ. އެމަނިކުފާނަކީ، ޅެމާއި، ލަވަޔާއި، ރައިވަރާއި ބަނދި އަދި ފަރިހީގެވެސް ބޭފުޅެކެވެ. ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، އުމުރުފުޅުން އެންމެ 8 އަހަރުގައެވެ. ތަޢުލީމު އުނގެނުމަށް ރަށްރަށުން މާލެ ގެންނަ ކުދިން ބައިތިއްބުމަށް އުފެއްދެވި ދަނާލު (ދާރުލްއިޤާމާ) ގައި އުޅުއްވި ދުވަސްވަރު ޞާދިޤު އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ ޅެންވެރިކަމުގެ ފަންނުންނެވެ. ތަފާތު މައުޟޫޢުތަކަށް ޅެން ހެއްދެވުމުންނެވެ. ޤައުމީ، އިޖުތިމާޢީ އަދި ލޯބީގެ ލަވަތަކެވެ. އޮލިމްޕިއަންސް މިޔުޒިކް ގްރޫޕް އެންމެ މަޝްހޫރުވެގެންދިޔަ ދުވަސްވަރު އިވިގެންދިޔަ ގިނަ ލަވަތައް ހައްދަވާފައިވާ އެއްބޭފުޅަކީ ޞާދިޤެވެ. އޭގެ ތެރެއިން ބައެއް ލަވަތަކަކީ، މިއަދުވެސް އިވެމުންދާ ވަރަށް މަޝްހޫރު ލަވަތަކެކެވެ. އެ ލަވަތަކުގެ ތެރެއިންވެސް [އާކުއްޖެކޭ ދަސްވީފަހުން] [ދާނަމޭ ދާނަމޭ މިރޭ ދާނަމޭ] އަދި [އުންމީދު ކުރަމުން އައި ރޭ] ފާހަގަކޮށްލަންޖެހެއެވެ.

ޢަބްދުﷲ ޞާދިޤަކީ ތާރީޚީ ގިނަ މަސައްކަތްޕުޅުތަކެއްވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ވަރަށްގިނަ ތާރީޚީ ހޯދުންތައް ހޯއްދަވައި، އެ ހޯއްދެވުންތަކުގެ މައްޗަށް އެކިއެކި ލިޔުންތައް ވަނީ ލިޔުއްވާފައެވެ. ޞާދިޤުގެ ތާރީޚީ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކުރެވޭ އެއް މަސައްކަތްޕުޅަކީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙައްމަދު އަމީންދީދީގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހުގެ ވާހަކަތައް ހިމެނޭ ލިޔުއްވުމެވެ. އޭގެފަހުން އެކަމާ ގުޅިގެން ހިނގައިދިޔަ ހިތާމަވެރި ހާދިސާތައްވެސް އެ ފޮތުގައި ޞާދިޤު ލިޔުއްވައި ސިފަކޮށްދެއްވާފައިވަނީ ވަރަށް އަސަރުގަދަ ގޮތެއްގައެވެ.

މަދްރަސަތުލް މަޖީދިއްޔާ އިން ތަޢުލީމީ ދައުރު ނިންމަވާލައްވައި، ޢަބްދުﷲ ޞާދިޤު ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތުމާއެކު، އެންމެބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ، ކުދިންނަށް ކިޔަވައިދެއްވުމުގެ މަސައްކަތެވެ. އެއް ދުވަސްވަރެއްގައި ސްރީލަންކާގައެވެ. އެއީ، ސްރީލަންކާގެ ކޭޑީ ކޮލެޖާއި ވެސްލީ ކޮލެޖުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދިވެހިބަސް ކިޔަވައި ދެއްވުމަށެވެ. އަނެއްބައި ދުވަސްވަރު މާލޭގެ މަދަރުސާތަކުގައެވެ.

އެހެންކަމާއެކު، އަމިއްލަފުޅު ދިރިއުޅުމެއް ފަށްޓަވައި، އަމިއްލަފުޅު ގޭގައިވެސް ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. ފުރަތަމަ ކުލާސްތައް ހެއްދެވީ ވަރަށް އާދައިގެ ގޮތަކަށް ދަނޑި ފަނުންނެވެ. މި ކުލާސްތަކަށް އޭރު ދެއްވި ނަމަކީ [އެލްޕާސޯ ކުލާސް] މި ނަމެވެ. މާލޭގައި އޭރު ހިނގަމުންދިޔަ މަދަރުސާތަކުގެ ތެރެއިން ޢަބްދުﷲ ޞާދިޤު ކިޔަވައިނުދެއްވާ މަދަރުސާއެއް ނެތޭވެސް ދެންނެވިދާނެއެވެ. މަދްރަސަތުލް ޢަމަލު، މަދްރަސަތުލް ޢާލިޔާ، އީ.ޕީ.އެސް. ސްކޫލް، ސައިންސް އެޑިޔުކޭޝަން ސެންޓަރ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ، އަދި މީގެއިތުރުން އެތައް ޓިއުޝަން ކްލާސްތަކެއްގައި ޞާދިޤުވަނީ ކިޔަވައި ދެއްވާފައެވެ.

ޞާދިޤު ކިޔަވައިދެއްވި ދަރިވަރުންގެ އަދަދު ދަންނަވަން ނޭނގުނުނަމަވެސް، ދަންނަވަން އެނގެނީ ޞާދިޤަކީ، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަޢުލީމު ހާސިލު ކުރައްވައިގެން ތިއްބެވި އޭރުގެ އެތައް ދަރިވަރުންނެއްގެ އެދުރެއްކަމެވެ. އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިންނާއި، އެތައް މުދައްރިސުންނެއްގެވެސް މުދައްރިސެކެވެ. ޞާދިޤުގެ ދަރިވަރުން ރާއްޖޭގެ ތަފާތު އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދެވުމާއި، އަދި އޭގެތެރޭގައި ދައުލަތުގެ ވަރަށް އިސް މަޤާމުތަކުގައިވެސް ބައެއް ބޭފުޅުން ތިއްބެވިކަން އެއީ، ޞާދިޤަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް އުފަލެވެ.

ޢަބްދުﷲ ޞާދިޤު ސަރުކާރަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ބަލާއިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައެވެ. އެމަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޚާއްޞަ މުޝީރު ކަމުގެ މަޤާމާއި، އެހީތެރިކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެ މަރުކަޒުގެ ނަމަށް އެކި ބަދަލުތައް އައިކަމަށްވީނަމަވެސް، މި ދާއިރާގައި ޚިދުމަތް ކޮށްދެއްވަމުން ގެންދަވާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ މަރުކަޒުން ހިންގަވާ ދިވެހިބަސް ދަސްކޮށްދެއްވުމުގެ އެކި ކޯސްތަކުގައި ޞާދިޤު ކިޔަވައިދެއްވަމުން ގެންދަވައެވެ. އަދި އެކިއެކި މުއައްސަސާތަކުން ހިންގަވާ ކޯސްތަކުގައިވެސް ޞާދިޤުވަނީ ކިޔަވައިދެއްވާފައެވެ.

ޞާދިޤަކީ، ރަޙްމަތްތެރިން ވަރަށްގިނަ އަދި އެމީހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބަހައްޓަވާ ބޭފުޅެކެވެ. ޞާދިޤު ލިޔުއްވާފައިވާ އެކިއެކި ލިޔުއްވުންތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ލިޔުއްވުންތަކަކީ، އެމަނިކުފާނުގެ ޙަޔާތްޕުޅުގެ އެކި ދުވަސްވަރު ކަންތައްތައް ހިނގައިދިޔަގޮތުގެ މައްޗަށް ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

މުދައްރިސެއްގެ ގޮތުގައި ކިޔަވައިދެއްވަމުން ގެންދެވި ދުވަސްވަރާއި، އަދި ސަރުކާރުގެ ޗާޕުޚާނާގައި އުޅުއްވި ދުވަސްވަރާއި، އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ދުވަސްވަރު ކުރިމަތިވެވަޑައިގެންނެވި ހެއްވާ ހާދިސާތައް، ޞާދިޤުގެ އަމިއްލަފުޅު ޤަލަމުން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދެއްވާފައިވަނީ ވަރަށް ޝައުޤުވެރިވާފަދަ ގޮތެއްގައެވެ. އެ ލިޔުމެއް ކިޔުމަށް ޝައުޤުވެރިވާފަދަ ގޮތެއްގައި ބަސްތައް އަތުރާލައްވާފައި ހުންނަގޮތާއި، ޢިބާރާތްތައް ގެންނަވާފައިވާލެއް ފުރިހަމަކަމުން ޞާދިޤުގެ ލިޔުއްވުންތަކުގެ އޮއްޓަރާއި ފެންވަރާ ދޭތެރޭގައި އިތުރަށް ދަންނަވާނެ ވާހަކައެއް ނެތެވެ.

ބަހާ ގުޅޭގޮތުންނާއި، ބަހުގެ ހަމަތަކާ ގުޅޭގޮތުން ޢާންމު އެކި ފަރާތްތަކުން ކުރާ ސުވާލުތަކަށްވެސް ޞާދިޤު ޖަވާބު ދެއްވަމުން ގެންދަވަނީ ވަރަށް ހިތްޕުޅުހެޔޮކަމާއެކުގައެވެ. ކޮންމެ ވަގުތަކު ގުޅާލި ކަމުގައިވީނަމަވެސް، ހަމަ އެފަރާތަކުން އެ ކުރާ ސުވާލަކަށް ފުރިހަމައަށް ޖަވާބު ދެއްވައެވެ.

ޢަބްދުﷲ ޞާދިޤް ދިވެހިބަހަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 1980 ވަނަ އަހަރާއި، 1983 ވަނަ އަހަރު ސަރުކާރުން އެމަނިކުފާނަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. އަދި ދިވެހި ޅެންވެރިކަމުގެ ރޮނގުން 1992 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް އަރުވާފައިވެއެވެ. އޭގެފަހުން، ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައިވަނީ 1998 ވަނަ އަހަރުއެވެ. މީގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ. އެ އިނާމަކީ، ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އަދި އޭގެކުރިންވެސް ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 1990 ވަނަ އަހަރު ސަރުކާރުން ދެއްވި އިނާމެކެވެ. މީގެއިތުރުން ޞާދިޤަށް ވަނީ ނޫސްވެރިކަމުގެ ރަން ގަލަމާއި، އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައެވެ.

ޢަބްދުﷲ ޞާދިޤަކީ، ވަރަށް ހަރުދަނާ ޢާއިލާއެއް ބިނާކުރައްވާފައިވާ ބޭފުޅެކެވެ. ޞާދިޤު ތިން ކައިވެންޏެއް ކުރައްވާފައިވާއިރު، ލިބިވަޑައިގެންފައިވަނީ ފަސް ބޭފުޅުންނެވެ. އެއީ ފިރިހެން ހަތަރު ބޭފުޅުންނާއި، އަންހެން ބޭފުޅެކެވެ. ޞާދިޤުގެ ހުރިހާ ބޭފުޅުންނަކީވެސް ތަޢުލީމު ހާސިލު ކުރައްވައިގެން ތިއްބެވި އަދި އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.

ޢަބްދުﷲ ޞާދިޤު ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް މި ކޮށްދެއްވި ދިގު މުއްދަތުގެ ޚިދުމަތާ ބެހޭގޮތުން ކުރު ޚުލާޞާއެއް ދަންނަވާނަމަ ދެންނެވޭނީ، އެމަނިކުފާނަކީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއްކަމެވެ. އަދި އެ ކުރެއްވި ކޮންމެ މަސައްކަތަކަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވި، އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ބޭފުޅެއްކަމެވެ. ޚިދުމަތުގައި ހޯއްދެވި ކާމިޔާބީތަކުން ހާމަކޮށްދެނީ، ޤައުމީ ތަޞައްވުރަކުން ކަންކަން ރޭއްވެވި ހަރުދަނާ ޝަޚްޞިއްޔަތެއް ކަމެވެ.