އަޙްމަދު އާދަމަކީ ރާއްޖޭގެ މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުމުގައި އާދަޔާޚިލާފު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަދި އެބޭފުޅެއްގެ މަސައްކަތްޕުޅުތައް މިއަދުވެސް ވަރަށް ގާތުން ފެންނަ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 1 ފެބުރުވަރީ 1959 ގައި [މޯލްޑިވްސް ސްޓާރ]ގެ އެޕްރެންޓިސް އިންޖިނިއަރގެ މަޤާމުންނެވެ. ރާއްޖޭގެ ނިސްބަތުން ބަލާއިރު، އެ ދުވަސްވަރަކީ އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގެންފައިވާ ބޭފުޅުން ވަރަށްމަދު ދުވަސްވަރެއްކަމުން، އަޙްމަދު އާދަމް ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތުގައި ރެޔާއިދުވާލު ވަރުބަލިފުޅުވުމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ދ. މާއެނބޫދުއަށް އުފަން އަޙްމަދު އާދަމަށް މާލެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ، ވަރަށް ތުއްޕުޅުއިރުއެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރާއްޖޭގެ ތަޢުލީމު ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށަކުން ދެ ކުދިން ގެންނެވިއިރުއެވެ. އަޙްމަދު އާދަމަށް އެ ފުރުޞަތު ލިބިވަޑައިގެންނެވުންވީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމަކަށެވެ. ތަޢުލީމު އުނގެނުމަށް ރަށްރަށުން މާލެ ގެންނަ ކުދިން ބައިތިއްބުމަށް އުފެއްދެވި ދަނާލު (ދާރުލްއިޤާމާ) ގައި އުޅުއްވި ދުވަސްވަރު ތަޢުލީމު ހާސިލުކުރެއްވުމަށް މިޞްރަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަޙްމަދު އާދަމް ހިމެނިވަޑައިގެންނެވިއެވެ. އަޙްމަދު އާދަމަށް އެ ފުރުޞަތު ލިބިވަޑައިގަތީ އެންމެ އަޚްލާޤު ރަނގަޅު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެއްވިގެންނެވެ. އޭރު ދަތުރުފަތުރު ހުންނަގޮތުން އެހެން ޤައުމަކަށް ދާންޖެހުނަސް ފުރަތަމަ ދަތުރުކުރަންޖެހެނީ ސިލޯނު މަގުންނެވެ. ކަންދިމާވި ގޮތުން، އަޙްމަދު އާދަމަށް މިޞްރަށް ވަޑައިގެންނެވޭގޮތެއް ނުވިއެވެ. އެންމެފަހުން ސިލޯނު ގައި ތަޢުލީމު ހާސިލުކުރައްވަން ފެށްޓެވީއެވެ.
އަޙްމަދު އާދަމަކީ، ތުއްޕުޅުއިރުއްސުރެ ތަޢުލީމަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވި ބޭފުޅެކެވެ. އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގަތުމަކަށް އޭރު އެއްވެސް ޝައުޤުވެރިކަމެއްނެތެވެ. ސިލޯނުގައި ކިޔަވައިވިދާޅުވިއިރު، އިންޖިނިއަރިންގއާ ގުޅޭ އެކިއެކި ތަމްރީނުތައް އަޙްމަދު އާދަމް ފުރިހަމަކުރެއްވިއެވެ. އޭގެތެރޭގައި، އެޕްރެންޓިސްޝިޕް ތަމްރީނުތައްވެސް ހިމެނެއެވެ. އިންޖިނިއަރިންގގެ ރޮނގުން ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން އުފެދުނީ ތަޢުލީމު ހާސިލު ކުރައްވައި ނިންމެވުމަށްފަހު، ރާއްޖެ ވަޑައިގެންނެވި ފަހުންނެވެ.
އަޙްމަދު އާދަމަކީ އޭރުވެސް އެކިއެކި މަސައްކަތްތައް ކުރެއްވުމުގައި ވަރަށް ވިސްނުންފުޅު ތޫނު އަދި ހިންގުންތެރި ބޭފުޅެކެވެ. އެޕްރެންޓިސްޝިޕް ތަމްރީނުތައް އަޙްމަދު އާދަމް ފުރިހަމަކުރައްވާފައި ވުމާއެކު، ސަރުކާރުން ރާއްޖެއަށް އެންމެ ފުރަތަމަ ބައްލަވައިގަނެގެން ގެންނެވި އާގުބޯޓު [މޯލްޑިވްސް ސްޓާރ]ގެ ޖޫނިއަރ އިންޖިނިއަރަކަށް ވަޑައިގަތުމުގެ ފުރުޞަތު އަޙްމަދު އާދަމަށް ލިބިވަޑައިގެންނެވިއެވެ. އެ ފުރުޞަތު ހޯއްދަވައިދެއްވީ، އޭރު އިންޖިނަރުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ކަކާގޭ އަލްމަރްޙޫމް ޢަލީ ޙުސައިންދީދީއެވެ.
[މޯލްޑިވްސް ސްޓާރ]ގެ ފުރަތަމަ ދަތުރު އޮތީ މާލެއިން ކޮޗިނަށް، ކޮޗިނުން ރަންގޫނަށް، އަދި ރަންގޫނުން މާލެއަށެވެ. ދިވެހި ސަރުކާރަށް ފުރަތަމަ ބައްލަވައިގަތް ބޯޓުގެ ތަޖުރިބާއަށް ބައްލަވާފައި، އޭރުގެ ވަޒީރުލްއަޢުޡަމް ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ދެވަނަ ބޯޓެއްވެސް ބައްލަވައިގަތުމަށް ބޭނުންފުޅުވިއެވެ. އެ ބޯޓު ރާއްޖެ ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވީ އަޙްމަދު އާދަމެވެ. ދެން އުޅުއްވީ ޢަލީ ޙުސައިންދީދީ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އިންޖިނިއަރިންގގެ ރޮނގުން މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ފުރުޞަތު، އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު، އަޙްމަދު އާދަމަށް ހޯއްދަވައިދެއްވިއެވެ. އޭރުވެސް ނާޞިރު ގެންގުޅުއްވީ ދިވެހިން ކުރާ ހުރިހާ ކަމެއްވެސް އޮންނަންވާނީ ދިވެހިންގެ އަތްމަތީގައި ކަމުގެ ވިސްނުންފުޅެވެ. ރާއްޖޭގައި އޭރު ކުރަމުންދިޔަ މުހިންމު ކޮންމެ ބޮޑު މަސައްކަތެއްގައި ޢަމަލީގޮތުން އުޅުއްވި އެންމެ އިސް ބޭފުޅަކީ، އަޙްމަދު އާދަމެވެ.
އަޙްމަދު އާދަމް، އިނގިރޭސިވިލާތުން ތަޢުލީމު ހާސިލު ކުރައްވައި ނިންމަވައި އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު މަސައްކަތް ފެށްޓެވީ، އިލެކްޓްރިކް ޑިޕާޓްމަންޓްގައެވެ. 22 ޖޫން 1964 ގައި އެތާނގެ މެނޭޖަރު ކަމުގެ މަގާމު އަޙްމަދު އާދަމަށް ދެއްވިއެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. އަޙްމަދު އާދަމް އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަކީ، ޝުކުރުވެރިވުން ޙައްޤު މަސައްކަތްޕުޅުތަކެކެވެ. މާލެއަށް ބޭނުންވާ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް އޭރު ފެށްޓެވި އެކި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގެވުމުގައި ޢަމަލީގޮތުން އަޙްމަދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި ޓެލެވިޜަންގެ ޚިދުމަތް ދެއްވަން ރައީސް އިބްރާހީމް ނާޞިރު ނިންމަވައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށްޓެވިއިރު، އެ ހުރިހާ ކަމެއް ބެލެހެއްޓެވުމުގެ އެންމެ އިސް ބޭފުޅަކަށް ހަމަޖެއްސެވީވެސް، އަޙްމަދު އާދަމެވެ. ރައީސް ނާޞިރު އެމަސައްކަތް ގެންދެވީ، އަޙްމަދު އާދަމްގެ ލަފާފުޅުގެ މަތިންނެވެ. އޭރު އެންމެބޮޑު ދަތިކަމަކަށް ދިމާވީ، ޓީ.ވީ.ގެ ޓަވަރު ބެހެއްޓުމުގެ މަސައްކަތެވެ. ޓަވަރު ބެހެއްޓުމަށް ނިންމެވީ މާލޭގެ ދެކުނު ފަރާތުން އަތިރިމަތީގައި ކަމަށްވުމުން، އޭރު އެތަނުގެ ޙާލަތު އޮތްގޮތް، މިއަދުގެ ޖީލަށް ވަޒަންވެސް ނުކުރެވޭނެއެވެ. ޓަވަރު ބެހެއްޓުމުގެ މަސައްކަތް މޫދުގައި ފެންގަނޑުގެ ތެރޭގައި ކުރައްވަމުން ގެންދެވިއިރު، ޓަވަރުގެ ބުޑު ހެދުމުގައި ކުރިމަތިވެވަޑައިގެންނެވި ދަތިތައް އަޙްމަދު އާދަމްގެ ހިތްޕުޅުގައި، އިއްޔެވީ ކަމެއްގެ ގޮތުގައި މިއަދުވެސް، ހަނދުމަފުޅު އެބަހުއްޓެވެ.
ޓަވަރު ރޭވުމުގެ މަސައްކަތް އަޙްމަދު އާދަމް އިސްވެ ހުންނަވައިގެން ކުރެއްވުން އެއީ، އެމަނިކުފާނު ކުރެއްވި ވަރަށް އާދަޔާޚިލާފު ތަޖުރިބާއެކެވެ. ޓީ.ވީ. މޯލްޑިވްސްގެ ޓަވަރު ބެހެއްޓުމުގެ ތެރޭގައި، ޓީ.ވީ.ގެ އިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ހިނގަމުންދިޔައީ، ސީދާ އަޙްމަދު އާދަމްގެ ބެއްލެވުމުގެ ދަށުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޔޮޓުދޯނިފަހަރު ބަންނަން ފެށުނުއިރު އެކަމުގައިވެސް އަޙްމަދު އާދަމް އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތައް ހަނދާންކޮށްލަންޖެހެއެވެ. ފުރަތަމަ ބެންނެވި ޔޮޓް ދޯންޏަކީ [އަލާއުއްދީން] އެވެ. އޭގެފަހުން ބެންނެވީ” ސިންދުބާދު“ އަދި ”ޢަލީބާބާ“އެވެ. އޭރު މި ފްލީޓްގައި 10 ޔޮޓް ދޯނި ގެންގުޅުއްވިއެވެ. އޭގެތެރެއިން، ކޮލެރާ ރޯގާގެ ދުވަސްވަރު ރަށްރަށަށް ދަތުރުކުރުމަށްޓަކައި އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށް 6 ދޯނި ދޫކުރެއްވިއެވެ.
އަޙްމަދު އާދަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައިވެސް މުހިއްމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ބަނޑޮސް އައިލެންޑް ރިޒޯޓުގެ ފުރަތަމަ މެނޭޖަރެވެ. އަދި ބަނޑޮހުގެ ހިއްސާދާރެއްވެސްމެއެވެ. އޭރު ބަނޑޮހުގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި އެހެން ބޭފުޅުންނަކީ، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރާއި، އަލްމަރްޙޫމް ކޮލި ޢަލީ ޢުމަރު މަނިކާއި، އަލްމަރްޙޫމް ކަނޑި އަޙްމަދު އިސްމާޢީލް މަނިކެވެ.
ޤައުމީ ޚިދުމަތް ފެށްޓެވީއްސުރެ އަޙްމަދު އާދަމަކީ، އެކި ކަންކަމުގައި އާދަޔާޚިލާފު ވިސްނުންފުޅުތަކެއް ގެންގުޅުއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، އެކިއެކި ޓެކްނިކަލް ޓްރޭނިންގގެ ރޮނގުން މަސައްކަތްތެރިން އުފެއްދެވުމެވެ. އެއީ އެމަނިކުފާނުގެ އިސްނެންގެވުމަކަށް ސަރުކާރުން ހޯއްދަވައިދެއްވި ފުރުޞަތެކެވެ. ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރު އުފެދުން އެއީ މިމަސައްކަތުގެ ފެށުމެވެ.
އަޙްމަދު އާދަމްގެ ފާހަގަކުރެވޭ އަނެއް ޚިދުމަތަކީ، ރާއްޖޭގެ ދޯނިފަހަރުގައި އިންޖީނު އެޅުމަށް ރައީސް އިބްރާހީމް ނާޞިރުގެ ސަރުކާރުން އޭރު ނިންމެވުމާ ގުޅިގެން އެކަމުގައި ޢަމަލީގޮތުން ކުރެއްވި މަސައްކަތްޕުޅެވެ. ދޯނީގައި އިންޖީނު އަޅަން ފެށުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު، އަޙްމަދު އާދަމް ދެކެވަޑައިގަންނަވަނީ [ލައިފްޓައިމް ޑްރީމް] އެއްގެ ގޮތުގައެވެ. މިކަމުގެ އެންމެބޮޑު ޝައުޤުވެރިކަމެއް ހިތްޕުޅުގައި އުފެދުނީ، މަސްވެރިކަމުގެ މާޙައުލަކުން ވަޑައިގަތުމުން ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.
ދޯނިފަހަރާއި ބޯޓުފަހަރު އެހިލުމުގެ މަސައްކަތް ފަސޭހަގޮތެއްގައި ޢާންމުންނަށް ކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް އަޙްމަދު އާދަމް ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާންކޮށްލަންޖެހެއެވެ. މިގޮތުން، މާލެއަތޮޅު ގުޅީގައި ހެއްދެވި ސްލިޕްވޭއަކީ ދޯނިފަހަރާއި ބޯޓުފަހަރު އެހިލައި، ބާލައި އަދި މަރާމާތު ކުރުމުގެ މަސައްކަތަށް، އެތައް ފަސޭހަތަކެއް ލިބިގެންދިޔަ ސްލިޕްވޭއެކެވެ. ވަރަށްފަހަކާ ޖެހެންދެން މި މަސައްކަތުގައިވެސް އަޙްމަދު އާދަމް ވަރަށް ހީވާގިކަމާއެކު އުޅުއްވިއެވެ.
އަޙްމަދު އާދަމަކީ، އެއްވެސްއިރެއްގައި މަތީ މަގާމުތަކަށް ވަޑައިގަންނަވަން ބޭނުންފުޅުވި ބޭފުޅެއް ނޫނެވެ. ރައީސް އިބްރާހީމް ނާޞިރާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުވެސް، ސަރުކާރުގެ މުހިންމު މަގާމުތައް އަޙްމަދު އާދަމަށް ހުށަހެޅުއްވިއެވެ. ނަމަވެސް، އާދައިގެ މީހެއްގެ ގޮތުގައި ޢާންމުންގެ ތެރޭގައި ދިރިއުޅުއްވުމަކީ، ވަރަށް އެހެންކަހަލަ އިޙްސާސްތަކެއް ކުރެއްވޭ ކަމަކަށްވާތީ، އެހާ މަތީ ފަންތީގައި އުޅުއްވަން ބޭނުންފުޅެއްނުވިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައިވެސް އަޙްމަދު އާދަމް ވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް އަޙްމަދު އާދަމް ހުންނެވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އޭގެފަހުން މިނިސްޓްރީ އޮފް ފިޝަރީޒްގެ މޯލްޑިވްސް އިންޖިނިއަރިންގ ސަރވިސަސްތަކުގެ މެނޭޖަރު ކަމުގެ މަގާމަށް އަޙްމަދު އާދަމް ހަމަޖެއްސެވިއެވެ. އަދި މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރުކަންވެސް ފަހުން އަދާކުރެއްވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޖިނިއަރިންގ ކޮންސަލްޓަންޓް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފިޝަރީޒްގެ މޯލްޑިވްސް އިންޖިން ސަރވިސްތަކުގެ ކޮންސަލްޓަންޓް ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 3 ފެބުރުވަރީ 1982 ގައެވެ.
އަޙްމަދު އާދަމް ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހިންނަކީ، ވަރަށް މަސައްކަތްތެރި އުފެއްދުންތެރި ބައެކެވެ. އެކިއެކި ބޮޑެތި މަސައްކަތްތައް އާދަޔާ ޚިލާފު ހިތްވަރާއެކު ކޮށްފައިވާ ބައެކެވެ. އަދި ކަންކަން ކުރުމުގައި އާދަޔާޚިލާފު ހުނަރާއި ވިސްނުން ހުރި ބައެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ކަންކަމުގައި ވާދަކުރަން ކެރޭ ބައެކެވެ. މިސާލެއްގެ ގޮތުން އަޙްމަދު އާދަމް ފާހަގަކުރެއްވީ އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ދިމާވި އަދި މިއަދުވެސް އެ ހަނދާންތައް އާވެއާވެ ހުރި ހާދިސާއެކެވެ. ދިވެހި ދިދައިގެ ހިޔަލުގައި އެންމެ ފުރަތަމަ ރާއްޖެއިން ބޭރުގައި ދުއްވި ބޯޓުން ހުޅުލޭ އެއަރޕޯޓުގެ މަސައްކަތަށް ގެނައި 8000 ފީފާގެ ތާރާއެކު ބޯޓް، ޅ. ދިއްފުށިމާދޫ ފަރަށް އެރުމުގެ ހިތާމަވެރި ހާދިސާއެވެ. ބޯޓުފުން ކުރުމަށްޓަކައި، އެ ތާރުފީފާތައް ބޯޓުން ބޭލުމަށް މާލެއިންނާއި ފާދިއްޕޮޅުގެ ރަށްރަށުން އައި މީހުން އެ މަސައްކަތް ނިމެންދެން ކުރި ހިތްވަރާއި، އަދި ފުރާނައަށް ނުރައްކާވާފަދަ އެތައް ހާލަތެއް ދިޔައިރުވެސް ދިވެހިން ކުރި ހިތްވަރާއި ދެއްކި ސާބިތުކަމެވެ. އެއީ، މިއަދުވެސް ޝުކުރުވެރިކަމާއެކު ހަނދާންކޮށް، އެކަމަށްޓަކައި ދިވެހިންނަށް ސެލިއުޓް ކުރަންޖެހޭ ކަމެއްކަމަށް އަޙްމަދު އާދަމް ދެކެވަޑައިގަންނަވައެވެ.
އަޙްމަދު އާދަމްގެ ޒަވާޖީ ހަޔާތްޕުޅުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖާ ޙަސަން، ރައްކާވުމުގެ ތެރޭގައި އަނިބކަނބަލުންނާއި ދަރިފުޅު، މި ދުނިޔެ ދޫކުރެއްވުމަކީ، އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ލިބިވަޑައިގެންނެވި ވަރަށް ފުން ހިތާމައެކެވެ. އަޙްމަދު އާދަމްގެ މިހާރުގެ އަނބިކަނބަލުން ޙާމިދާ ވާފިރަށް ލިބިވަޑައިގަތީ ހަތަރު ބޭފުޅުންނެވެ. މިކައިވެންޏަށް ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން ޞަބާޙް އަޙްމަދު މި ދުނިޔެއާ ވަކިވެވަޑައިގެންފައިވާކަން އެއީވެސް އެދެކަނބަލުންނަށް ލިބިވަޑައިގެންނެވި ވަރަށް ފުން ހިތާމައެކެވެ. ދުނިޔޭގައި މިހާރު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.
ދިވެހިރާއްޖޭގައި އިންޖިނިއަރިންގގެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1979 ވަނަ އަހަރު އަޙްމަދު އާދަމަށް ވަނީ ސަރުކާރުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވާފައެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 1979 ވަނަ އަހަރު ދެއްވަން ފެށްޓެވި ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަޙްމަދު އާދަމް ހިމެނިވަޑައިގަންނަވައެވެ. އޭގެފަހުން މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް އަޙްމަދު އާދަމަށް ވަނީ ލިބިވަޑައިގެންފައެވެ. މި އިނާމަކީ، ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހުގައާއި، އޭގެ ކުރިންވެސް ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން 1990 ވަނަ އަހަރު ސަރުކާރުން ދެއްވި އިނާމެކެވެ.
އަޙްމަދު އާދަމް، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވި މަތިވެރި ޚިދުމަތްތަކަކީ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންދާނެ ޚިދުމަތްތަކެއް ނޫނެވެ. އެމަނިކުފާނަކީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި އަދި އެ ކުރެއްވި ކޮންމެ ކަމެއްގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ. ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް ޒިންމާދާރުކަމާއެކު އަދާކުރެއްވި އިޚްލާޞްތެރި ޚާދިމެއްވެސްމެއެވެ.