އަލްފާޟިލް ޢަބްދުއްރަޙްމާން މޫސާ
ބ. ތުޅާދޫ/ ސޯސަންވިލާ

ޢަބްދުއްރަޙްމާން މޫސާއަކީ، މަސައްކަތްތެރިކަމުގެ ދާއިރާއިން، ލިޔެލާޖެހުމުގެ ރޮނގުން ރާއްޖޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ލިޔެލާޖެހުމުގެ މަސައްކަތް އޭނާ ފެށްޓެވީ މަދްރަސީ ދައުރުގައި، ޢުމުރުން 18 އަހަރުގައެވެ.

ތުޅާދުއަކީ، ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ ގިނަބަޔަކު ދިރިއުޅޭ ރަށަކަށްވުމާއެކު، މި މަސައްކަތަށް ޢަބްދުއްރަޙްމާން މޫސާގެ ހިތްޕުޅުގައި ވަރަށް ޚާއްޞަ މަގާމެއް ދެވިފައިވެއެވެ. އޭރުއްސުރެ އެކިމީސްމީހުންގެ ގާތުގައި އެހީތެރިއެއްގެގޮތުގައި މަސައްކަތް ފަށްޓަވައިގެން، ލިޔެލާ ޖެހުމުގެ މަސައްކަތް ދަސްކުރެއްވިއެވެ. ވިޔަފާރި އުޞޫލުން މަސައްކަތް ފެށްޓެވީ، މަދްރަސީ ދައުރު ނިންމެވުމަށްފަހުގައެވެ.

ރާއްޖޭގައި ބޭއްވި އަތްތެރިމަސައްކަތުގެ މަޢުރަޒުތަކުގައި، 1995 ވަނަ އަހަރުން ފެށިގެން ޢަބްދުއްރަޙްމާން މޫސާ ބައިވެރިވެވަޑައިގެން، އަތޮޅަށާއި ރަށަށް އެތައްފަހަރަކު ރީތި ނަން ހޯއްދަވައިދެއްވުމުގައި، ވަރަށްބޮޑު ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ. ޢަބްދުއްރަޙްމާނު އެންމެ ގިނައިން ތައްޔާރު ކުރައްވަނީ، ލިޔެލާޖެހި ވާސްއާއި، ޕެން ހޯލްޑަރާއި، ގަހަނާ އަޅާ ދަޅެވެ. އެހެނިހެން ވައްތަރުގެ ތަކެތި ހެދުމުގެ އޯޑަރުތައްވެސް ޢަބްދުއްރަޙްމާނަށް ލިބިވަޑައިގަންނަވައެވެ. މީގެތެރެއިން ގިނަ އެއްޗެތި ހައްދަވަނީ، މާލޭގައި ހުންނަ ހެރިޓޭޖް ޝޮޕްގެ އޯޑަރަށެވެ. ގިނަ އޯޑަރުތައް އޭނާއަށް ލިބިވަޑައިގަންނަވަނީ، އަހަރުގެ ކުރީކޮޅާއި އަހަރުގެ ފަހުކޮޅުއެވެ. ސަރުކާރުގެ އެކި ދާއިރާތަކަށާއި، ރިޒޯޓްތަކުގެ އެކިއެކި ޝޮޕްތަކަށްވެސް  އޯޑަރަށް އެއްޗެތި ހައްދަވައިދެއްވައެވެ.

 ޢަބްދުއްރަޙްމާން މޫސާގެ ފަންނުވެރި މަސައްކަތް ފަތުރުވެރިންނަށް ދައްކަވައިލެއްވުމުގެ ޝޯއެއް، މި ނޮވެމްބަރުމަހުގެ ކުރީކޮޅު ލަނޑާގިރާވަރު ރިޒޯޓުގައިވެސް ބޭއްވެވިއެވެ. މިޝޯގައި ލާޖެހުމާއި، ލިޔުމާއި، ކުރެހުމުގެ އިތުރުން، ފަތުރުވެރިންނަށް ބޭނުންވާ ކުލައެއް ޖައްސައިގެން އަދި ކުރެހުންވެސް އަޅައިގެން އެކި އެއްޗެތި ތައްޔާރުކޮށްދެއްވިއެވެ. މިއީ، އަހަރަކު ތިންފަހަރު އެ ރިޒޯޓުގައި ބާއްވާ ޝޯއެކެވެ.

ލާ ތަޅައި، ލާ ޖަހައި، ކުރަހައި، ލިޔަން މިހާތަނަށް 10 ކުއްޖަކަށް ރަނގަޅު ފެންވަރަކަށް ކުރެވޭވަރަށް ދަސްކޮށްދެއްވާފައިވެއެވެ. އެއީ، އެކަމުގެ ކޯސްތައް ހިންގަވައިގެންނެވެ. ކޯސް ހިންގަވަނީ، ހިލެއެވެ. މިގޮތުން [ކްރިއޭޓިވް އާޓްސް އެންޑް ކްރާފްޓްސް ޓްރޭނިންގ ސެންޓަރ] އިން 2005 ވަނަ އަހަރު ހިންގި ލިޔެލާ ޖެހުމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުން، އެ ކޯހުގެ ބައިވެރިންނަށް އޭނާ މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، ލިޔެލާޖެހުމުގެ މަސައްކަތް ދަސްކުރަން އަންނަ ފަރާތްތަކަށް، އެ މަސައްކަތް ދަސްކޮށްދެއްވުމަކީ، ޢަބްދުއްރަޙްމާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖެއިން ބޭރުގައި ބޭއްވޭ އެކި ފެއަރތަކުގައި ރާއްޖޭގެ އުފެއްދުންތައް ދައްކަވައިލެއްވުމުގެ ފުރްޞަތު ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، 2006 ވަނަ އަހަރު ދުބާއީގައި ބޭއްވުނު ވާރލްޑް އޮފް އައިލެންޑްސްއާއި، 2007 ވަނަ އަހަރު އިންޑިޔާގެ ހަރިޔާނާގައި ބޭއްވުނު ސޫރަޖްކުންދު ކްރާފްޓްސް މޭލާއާއި، 2008 ވަނަ އަހަރު ސްވިޓްޒަރލޭންޑުގެ ޒިޔުރިކުގައި ބޭއްވުނު އެފް.އީ.އެސް.ޕީ.އޯ ފެއަރއާއި، 2009 ވަނަ އަހަރު އިޓަލީގެ މިލާންގައި ބޭއްވުނު ބީ.އައި.ޓީ ފެއަރއާއި، ޖަރުމަންގެ ބަރލިންގައި ބޭއްވުނު އައި.ޓީ.ބީ. ފެއަރއާއި، މިދިޔަ އަހަރު ޗައިނާގެ ޝެންހާއީގައި ބޭއްވުނު އެކްސްޕޯ 2010 ގައި ޢަބްދުއްރަޙްމާން މޫސާ ބައިވެރިވެވަޑައިގެން، ލިޔެލާޖެހުމުގެ އެކި ހުނަރުތައް ދައްކަވައިލައްވައި، މި ފެއަރތަކުން ރާއްޖޭގެ ސްޓޯލްތަކަށް މަތީ ވަނަތައް ހޯއްދަވައިދެއްވުމުގައި ޢަބްދުއްރަޙްމާނުގެ ޙިއްޞާ ބޮޑުކަން ފާހަގަކުރެވެއެވެ.

ލިޔެލާޖެހި އެއްޗިއްސަށް އެކަށީގެންވާ ބާޒާރެއް ރާއްޖޭގައި މިއަދު ނެތްކަން ޢަބްދުއްރަޙްމާން މޫސާ ހިތާމައާއެކު ފާހަގަކުރައްވައެވެ. ސަބަބެއްކަމަށް ދެކެވަޑައިގަންނަވަނީ، ރާއްޖެއިން ބޭރުން ގެންނަ ސްވެނިއަރފަދަ ތަކެތި އަގުހެޔޮވެފައި، އަދި ރާއްޖޭގައި އުފައްދާ ތަކެތި އަގުބޮޑުވުމުން، މި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑު ފައިދާއެއް ނުލިބުމެވެ. ރާއްޖޭގެ އުފެއްދުންތަކުގެ އަގު ބޮޑުވަނީ، ހަދާ އެއްޗެއްސަކީ ގިނަވަގުތު ހޭދަކޮށްގެން އަތުން އުފައްދަންޖެހޭ އެއްޗެތި ކަމަށްވާތީއެވެ.

ޢަބްދުއްރަޙްމާން މޫސާއަކީ، ރަށުގެ އިޖްތިމާޢީ މަސައްކަތްތަކާއި އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، އެކިގޮތްގޮތުން އެހީތެރިވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ.  

ޢަބްދުއްރަޙްމާން މޫސާއަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ލިޔެލާ ޖެހުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް މިއަދު ލިބިވަޑައިގަންނަވާއިރު، އޭނާގެ އުންމީދަކީ، ރާއްޖޭގައި އުފައްދާ މިފަދަ ލިޔެލާޖެހި ތަކެއްޗަށް ރަނގަޅު އަގެއް ލިބޭނެ މާރުކޭޓެއް ރާއްޖޭގައި އުފެދި، މި މަސައްކަތަށް ވީހާވެސް ގިނަ ޒުވާނުން ނުކުމެ، މި މަސައްކަތް ކުރަމުންދާތަން ފެނިވަޑައިގަތުމެވެ.