އަލްފާޟިލް ޢަބްދުލްޙާރިޡް ހާރޫން
ރ. އިނގުރައިދޫ/ އުންމީދު

ޢަބްދުލްޙާރިޘް ހާރޫން، ކިއްސަރު ވަޑާމުގެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގަތީ، 1986 ވަނަ އަހަރުއެވެ. މިއީ އޭނާ ވަރަށް ކުރިއްސުރެ ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެނެކެވެ. ކަމެއް ކުރުމުގެ މަތިވެރި ޢަޒުމުގައި ކޮންމެ ކަމަކާވެސް ކުރިމަތިލައިފިނަމަ، މާތްﷲގެ އިރާދަފުޅާއި ވާގިފުޅާއެކު، އެކަން ކާމިޔާބުވާނެކަމީ، ޢަބްދުލްޙާރިޘް ގަބޫލުކުރައްވާ ވަރަށްބޮޑު ޙަޤީޤަތެކެވެ. އެކަން އޭނާ މިއަދުވަނީ، ސާބިތުކޮށްދެއްވާފައެވެ. ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 14 ސަފާރީ ޔޮޓް ބަންނަވާފައެވެ. މިހާރުވެސް 115 ފޫޓުގެ ސަފާރީއެއް ބަނުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. މި ޔޮޓްތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއް ޔޮޓަކީ، [ޕްރިންސަސް ޙަލީމާ] އެވެ. 122 ފޫޓް ދިގު 12 ކޮޓަރީގެ މި ޔޮޓަށް 2006 ވަނަ އަހަރު ފޮޓޯ ޖެނިކް ލައިވް ބޯޓް އެވޯޑް ލިބިފައިވެއެވެ.  

ޢަބްދުލްޙާރިޘް ބަންނަވާފައިވާ ބޮޑެތި ޔޮޓްފަހަރުގެ ތެރޭގައި، 120 ފޫޓުގެ [ޑިއުކް އޮފް ޔޯކް] ހިމެނެއެވެ. މިއީ، 13 ކޮޓަރީގެ ޔޮޓެކެވެ. އަދި 111 ފޫޓްގެ [މޯލްޑިވިއަން ޑްރީމް] މި ޔޮޓާއި، 111 ފޫޓްގެ [ރަނި] މި ޔޮޓާއި، 110 ފޫޓްގެ [އަމްބާ] މި ޔޮޓާއި، 109 ފޫޓްގެ [އައިލެންޑް ސަފާރީ 2] އަދި 105 ފޫޓުގެ [ގާވިޔާ] މި ޔޮޓާއި، 100 ފޫޓްގެ [ބޮޑުމޮހޮރާ] އާއި، [މޫނިމާ] ހިމެނެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ތިން ބުރިއަށް ހެދި ސަފާރީ އުޅަނދު [ނަޞްރުމާން] ބެންނެވީވެސް، ޢަބްދުލްޙާރިޘް ހާރޫނެވެ.  

ޢަބްދުލްޙާރިޘް ހާރޫންގެ މާވަޑިކަމުގެ ދަށުގައި މިހާތަނަށް 11 ދޯންޏެއްވެސް ބަންނަވާފައިވެއެވެ. އޭގެތެރޭގައި، ދެ ވަދު ދޯންޏާއި، މާލެ ދަތުރުކުރާ 2 ބޯޓާއި،  4 މަސް ދޯންޏާއި، 2 ކަންނެލި ދޯންޏާއި، ޑައިވިންގ ދޯންޏެއް ހިމެނެއެވެ.  

ޢަބްދުލްޙާރިޘްގެ މާވަޑާންކަމުގެ ދަށުން ކިއްސަރުވަޑާމާއި، ތެދުއުއިވަޑާން، މިހާތަނަށް 42 މީހަކަށް ދަސްކޮށްދެއްވާފައިވެއެވެ. މާވަޑިންގެ ގޮތުގައި މީގެތެރެއިން 5 މީހުން މިހާރުވެސް މަސައްކަތްކުރަމުންދެއެވެ. އަދި 16 މީހަކު ޢަބްދުލްޙާރިޘްގެ މަސައްކަތުގައި އުޅެމުން ގެންދެއެވެ.

ޢަބްދުލްޙާރިޘް ހާރޫނަކީ، ފައިބަރގްލާހުގެ މަސައްކަތްވެސް ކުރައްވާ ބޭފުޅެކެވެ. ފައިބަރގްލާހުން މިހާތަނަށް ދެ ޑިންގީ ބަންނަވާފައިވެއެވެ. މީގެއިތުރުން ޢަބްދުލްޙާރިޘަކީ،  އުޅަނދުފަހަރުގައި އިންޖީނުވެސް އަޅުއްވައިދެއްވާ ބޭފުޅެކެވެ. މިގޮތުން، 18 ސަފާރީ ބޯޓާއި، މުދަލާއި ފަސިންޖަރުން އުފުލާ 3 ބޯޓާއި، 6 ޑައިވިންގ ދޯންޏާއި، 10 ކަންނެލި ދޯންޏާއި، 15 މަސްދޯންޏާއި، 3 ސަތަރި ދޯންޏާއި އަދި ކުދި ދޯނީގެ 10 މަސްދޯނީގައި އިންޖީނު އަޅުއްވައިދެއްވާފައިވެއެވެ.

ޔޮޓްތައް ބަނުމަށް ޢާންމުގޮތެއްގައި 15 މަސްދުވަހާއި 18 މަސްދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. މި މަސައްކަތުގައި ޢާންމުގޮތެއްގައި 15 މުވައްޒަފުން އަބަދުވެސް މަސައްކަތް ކުރެއެވެ. އަދި މުޅިންވެސް ގެންގުޅުއްވަނީ، ދިވެހިންނެވެ.

ޢަބްދުލްޙާރިޘް ހާރޫނަކީ، ކިއްސަރު ވަޑާމާއި ތެދުއުއިވަޑާމުގެ އިތުރުން، ހުނަރުވެރި އެހެން ބައެއް މަސައްކަތްވެސް ކުރައްވާ ބޭފުޅެކެވެ. އޭގެތެރޭގައި، ކަރަންޓް ވަޔަރިންގއާއި، ފެން ވަޔަރިންގއާއި، ހައިޑްރޯލިކް މަސައްކަތާއި، ވެލްޑިންގ މަސައްކަތްވެސް ހިމެނެއެވެ. ހަމައެހެންމެ އިނގުރައިދޫގެ ތަރައްޤީގެ މަސައްކަތުގައިވެސް  ޢަމަލީގޮތުން ޢަބްދުލްޙާރިޘް ހާރޫން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

މިއަދު ކިއްސަރު ވަޑާމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް ލިބިވަޑައިގަންނަވާއިރު، ޢަބްދުލްޙާރިޘް ހާރޫންގެ އުންމީދަކީ، މި މަސައްކަތުގައި ކުރިއަށް ވަޑައިގެން، ވީހާވެސް ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމަށާއި، ރާއްޖޭގެ ތަރައްޤީގެ އެހެން މަސައްކަތްތަކަށް އިތުރު ތަރައްޤީއާއި ކުރިއެރުން ހޯއްދަވައިދެއްވުމެވެ.