އަލްފާޟިލް އަޙްމަދުދީދީ
ދޫޑިގަން. އެދުރުގެ/ޏ.ފުވައްމުލައް

ތަޢުލީމަށް ޚިދްމަތްކުރުމަކީ، ހަމައެކަނި މަދަރުސާއެއް ހިންގައިގެން ގިނަ ކުދިބަޔަކަށް ކިޔަވައިދިނުމެއް ނޫނެވެ. އެނޫން ކިތަންމެ ގޮތަކަށްވެސް ތަޢުލީމަށް ޚިދުމަތް ކުރެވިދާނެއެވެ. އެގޮތުން އަލްފާޟިލް އަޙްމަދުދީދީއަކީ، ވަކި ޚާއްޞަ މާއްދާއެއް އޭނާގެ އަމިއްލައަށް އެތައް ބަޔަކަށް ކިޔަވައިދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ކިޔަވައިދެއްވާ މާއްދާއަކީ، ކީރީތި ޤުރްއާނެވެ. ހުރިހާ ޢިލްމެއްގެ އަސްލުކަމުގައިވާ ކީރީތި ޤުރްއާނެވެ. އޭނާގެ ފަރާތުން މަޢުލޫމާތު ލިބިފައިވާގޮތުގައި، ގާތްގަނޑަކަށް 1800ވަރަކަށް ކުދިންނަށް ޤުރްއާން ކިޔަވައިދެއްވާފައިވެއެވެ. އޭގެ ތެރެއިން 9 މީހަކަށް ޤުރްއާން ހިތުންކިޔަން ދަސްކޮށްދެއްވުމަށް ބާރު އަޅުއްވައިގެން އެމީހުން ވަނީ ޤުރްއާން ހިތުދަސްކޮށްފައެވެ. ކީރީތި ޤުރްއާން ކިޔަވައި ދެއްވުމަކީ ،އޭނާ ވަރަށްބޮޑު ޝައުޤުވެރިކަމާއެކު ކުރައްވަމުންގެންދަވާ ކަމެކެވެ. ވަރަށް އާދައިގެ ގޮތަކަށް ކުރައްވަން ފެށްޓެވި މިމަސައްކަތް ފަހުން ކުރައްވަމުން ގެންދެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ކްލާހެއް ރަޖިސްޓަރީ ކުރައްވައިގެންނެވެ.