އަލްފާޟިލާ ޚަދީޖާ މުޙައްމަދުދީދީ
ގ.ޝަބްނަމީގެ

          ޚަދީޖާ މުޙައްމަދުދީދީ، މަދްރަސަތުއް ސަނިއްޔާގެ ޠާލިބާއެއްގެ ގޮތުގައި އުޅުއްވިއިރުވެސް ފޮތީގައި ފަށުވިން މާޖެހުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އަދި އެދުވަސްވަރު މާލޭގައި ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުގައި މިފަދަ ތަކެތި ބައިވެރިކުރައްވައި، މިރޮނގުން އިނާމު ހޯއްދަވާފައިވެއެވެ. މިމަސައްކަތުގައި، ކެތްތެރިކަމާއެކު ކުރިޔަށް ވަޑައިގެން އ.މ.ޖަމްޢިއްޔާގެ ނަމުގައި އަދި މާފަންނުގެ ނަމުގައި ވަރަށް ރީތި ތަކެތި ހައްދަވައި މަޢުރަޟުގައި ބައިވެރިކުރައްވައި، މަތީ ވަނަތައް ހޯއްދަވާފައިވެއެވެ.

     ފަހަކަށް އައިސް އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ، ބޮއްޔާއި، ރިނދައްޔާއި، ވެލި އަދި ދާލި ފަދަ ތަކެތި ބޭނުންކުރައްވައިގެން ވަރަށްމޮޅު އާދަޔާ ޚިލާފު ތަކެތި ހައްދަވާފައިވާ ބޭފުޅެއް ގޮތުގައެވެ. ރާއްޖޭގައި ފަހަކަށް އައިސް ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުގައި، ބޮއްޔާއި ރިނދަލީގެ މަސައްކަތުން މުޅި މަޢުރަޟުން އޭނާ 1ވަނަ ހޯއްދަވާފައިވާ އޭގެ މިންވަރު ދައްކައިދޭ ހެއްކެކެވެ.