އަލްފާޟިލާ މަރްޔަމް ރަޝީދާ
ބަށިމާގެ / ސ.މަރަދޫ

           ކެރޭ، ޖެހިލުންކުޑަ މުމައްސިލާއިންނަކީ، ރާއްޖޭގައި ކުރިން ވަރަށްވެސް މަދު ބައެކެވެ. މިފަންނުގައި ޖެހިލުންކުޑަ މުމައްސިލާއެއްގެ ގޮތުގައި ފުރަތަމަ ނުކުތް ކުދިންގެ ތެރޭގައި ނުހިމެނުނަސް، އަލްފާޟިލް މަރްޔަމް ރަޝީދާއަކީވެސް، ފިލްމީ ދުނިޔެއަށް ޖެހިލުމެއްނެތި ދިވެހި އަންހެންކުދިން ނުކުންނަންފެށި ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި ވެދާނެއެވެ. މިރޮނގުން އޭނާ އެންމެފުރަތަމަ ފާހަގަކުރެވުނީ، ރާއްޖެއިން ބޭރުގަޔާއި ރާއްޖޭގައި ކުޅެފައިވާ ފިލްމެއްގެ ބަޠަލާއަކަށް ވެގެންދިއުމުންނެވެ. މީގެއިތުރުން، ރާއްޖޭގައި ހަދާފައިވާ ދެތިންހަތަރު ދިވެހި ފިލްމުންވެސް، މި މުމައްސިލާވަނީ ފެނިފައެވެ.

           ތަމްސީލުކުޅުމާއި ފިލްމު ކުޅުއްވުމަށް އޭނާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނުކަމަށް އޭނާ ބުނުއްވަނީ، ޢުމުރުން ގާތްގަނޑަކަށް 16 އަހަރުގައެވެ. އެއީ ރަށުގައި އުޅުއްވިއިރު ހިންދީ ފިލްމު ބައްލަވަމުންގެންދިޔަ ދުވަސްވަރުއެވެ. ތަމްސީލުކުޅުމާއި ފިލްމު ކުޅުމުގެ ރޮނގުގައި އުޅުއްވުމަށް ރަނގަޅު ފުރުޞަތެއް ލިބިލެއްވުމުން މާލެ ދުރުވެ، މިރޮނގުގައި އުޅުއްވޭނެ މަގު ފަހިވެގެން ދިޔަކަމަށް ބުނުއްވައެވެ. އޭނާގެ އެންމެ ޚާއްޞަ ފިލްމަކީ، ޔޫސުފް އެންޑް ޒައިނަބްއެވެ.