އަލްފާޟިލާ އާމިނަތު މޫސާދީދީ
މ.މާޑު

މަދްރުސަތުލް އަމީނިއްޔާއިން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު، ސަރުކާރުގެ ޚިދުމަތުގައި އުޅުއްވަމުންވެސް އަދި މަދަރުސާގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރުއްސުރެވެސް އާމިނަތު މޫސާދީދީއަކީ، ފެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މާލެއާއި ރާއްޖެތެރޭގެ އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުގައި މަތީ ވަނަތަކެއް ހޯއްދަވައި، އިނާމު ލިބިވަޑައިގެންފައި ވެއެވެ. މުޅި މަޢުރަޟުން ތިނޯހުގެ މަސައްކަތުން 1ވަނަ ހޯއްދެވުމުގެ އިތުރަށް، ފެހުމުގެ މަސައްކަތާއި، ބަޓިކް ހެދުމުންވެސް 1ވަނަ ހޯއްދަވާފައިވެއެވެ.

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފަރާތުން އިންތިޒާމްކުރައްވައި ބޭއްވެވި ޖަރީކުރަން ދަސްކޮށްދޭ ކްލާހުގައި ބައިވެރިވެވަޑައިގެން، ބޭރުގެ މާހިރެއްގެ ގާތުން ޖަރީގެ މަސައްކަތް ދަސްކުރައްވައި، އޭނާ އެ ކްލާހުގެ ކުދިންނަށް ދަސްކޮށްދެއްވައި، މުދައްރިސެއްގެ ގޮތުގައި އުޅުއްވާފައިވެއެވެ.

            އަލްފާޟިލާ އާމިނަތު މޫސާ ގޭގައި އިންނަވާއިރު، ކުދިންނަށް ފެހުމާއި ޖަރީކުރުމުގެ މަސައްކަތް ދަސްކޮށްދެއްވާކަމަށާއި، އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާވަރަށް މިމަސައްކަތް ހައެއްކަ ކުދިންނަށް ދަސްކޮށްދެއްވާފައިވެއެވެ.