އަލްފާޟިލް ތުއްތުދީދީ
ރަތްފިނިފެންމާގެ / ސ.ހިތަދޫ

          އަލްފާޟިލް ދޮންދިޔަގެ ތުއްތުދީދީއަކީ، ރުއްގަސް އިންދުމުގައި ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. އޭނާއަށް އިނާމެއް ލިބިލެއްވިއިރު ރުއްގަސް ހައްދައި ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތާ ސާޅީހަކަށް އަހަރުވެއްޖެއެވެ. އައްޑު އަތޮޅު ހިތަދޫގައި، އިނގިރޭސީން އުޅުނު ބައިގެ ދެކުނު ފަޅީގައި (އާރް.އޭ.އެފް.ދެކުނުފަޅީގައި) އޭނާ ގާތްގަނޑަކަށް ދިހަހާސް ރުއް އިންދަވައި، އެ ރުއްތަކުން ނުވަހާހެއްހާ ރުއް ހެދިފައިވެއެވެ. އަދި މިރުއްތައް އިންދާފައިވާ ސަރަޙައްދުގެ ތެރޭގައި، ޒުވާރިފަދަ ގޮވާމާބެހޭ ބާވަތްތައް އިންދުމަށް ބޭއްވިފައި އޮތް ހުސް ބިންކޮޅެއްފިޔަވައި މިހާރު އެތާނގައި ހުސް ބިމެއް ނެތެވެ. ފުނައާއި، އެނޫންވެސް ލަކުޑިއަށް ކަމުދާ ވައްތަރުގެ ގަސްތައް އެތާގައި ހޭޅިފަށާވީ ހިސާބުގައި އޭނާ އިންދަވާފައިވެއެވެ.