ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް
ހ.ސީސައިޑް

 

ކްލިނިކަލް ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލު ކުރައްވާފައިވާ ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒަކީ، ރާއްޖޭގައި ތިބި ނަފްސާނީ ބަލިތަކުގެ ގިނަ އަދަދެއްގެ ކުދިންނަށާއި މީހުންނަށް ފަރުވާދެއްވަމުން ގެންދަވާ ޚިދްމަތްތެރި ބޭފުޅެކެވެ.
 
ޑޮކްޓަރ ޢައިޝަތު ޢަލީ ނާޒް، ނަފްސާނީ ބަލިތަކުގެ މީހުންނަށާއި ކުދިންނަށް ފަރުވާ ދެއްވަން ފެށްޓެވީ، މިރޮނގުން ބެޗްލަރޒް ޑިގްރީއާއި، މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 1996 ވަނަ އަހަރުއެވެ. އޭގެފަހުން ރާއްޖެވަޑައިގެން، ނަފްސާނީ ބަލިތަކާބެހޭ ތަފާތު އެތައް ދިރާސާތަކެއް ނާޒް ކުރެއްވިއެވެ. މިގޮތުން، މަދަރުސާތަކުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ހުރިނެތްގޮތް ބެއްލެވުމަށްޓަކައި ޘާނަވީ ކްލާސްތަކުގެ ދަރިވަރުންގެ ތެރެއިން 300 ކުއްޖަކު ހޮއްވަވައިގެން، ސަރވޭއެއް ހެއްދެވިއެވެ. އޭގެފަހުން ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގައި އޭނާ ޚިދްމަތް ކުރައްވަމުން ގެންދެވިއިރުވެސް ތަފާތު އެތައް ދިރާސާތަކެއް ކުރައްވާފައިވެއެވެ. އޭގެތެރޭގައި، ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ މިންވަރާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނާއި މީހުން، އެޙާލަތަށް ދާންޖެހުނު މައިގަނޑު ސަބަބުތަކާބެހޭ ދިރާސާވެސް ހިމެނެއެވެ.
 
ޔޫ.އެން.ޑީ.ޕީ. އިން ހިންގި ޕްރޮޖެކްޓެއްގައި ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ކުރައްވައި، ރާއްޖޭގެ ހުރިހާ ޖަލެއްގެ ދިރާސާއެއްވެސް އޭނާ ހެއްދެވިއެވެ. ޖަލުތަކަށް ވަޑައިގެން، ޖަލުތަކުގައި ތިބޭ މީހުންނާއި، އެތަން ބަލަހައްޓާ މީހުންނާ ބައްދަލުކުރައްވައި، މަޢުލޫމާތު ހޯއްދަވައިގެން މިހެއްދެވި ދިރާސާއަކީ، ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ދިރާސާއެއްކަމަށް ނާޒް ދެކެވަޑައިގަންނަވައެވެ.
 
ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒްވަނީ، ނަފްސާނީ ބަލިތަކާބެހޭ ތަފާތު ތިން މައުޟޫޢަކަށް ޢާންމުން ޝައުޤުވެރިވާގޮތަށް ވާހަކަ ލިޔުއްވައި، ވަނަވެސް ހޯއްދަވާފައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުން 2006 ވަނަ އަހަރު ބޭއްވި ޤައުމީ ދިގު ވާހަކަ ލިޔުމުގެ މުބާރާތަށް [ޒިންމާ] މިނަމުގައި ލިޔުއްވި ދިގު ވާހަކައަށް މުޅި މުބާރާތުން 1 ވަނަ އަދި 2009 ވަނަ އަހަރު [ހުވަފެން] މިނަމުގައި ލިޔުއްވި ދިގު ވާހަކައަށްވެސް މުޅި މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވެއެވެ. އަދި 2007 ވަނަ އަހަރު [ސަބަބު] މިނަމުގައި ލިޔުއްވި ދިގު ވާހަކައަށް 2 ވަނަ ލިބިވަޑައިގެންފައިވެއެވެ.
 
ރާއްޖޭގައި ތިބި ނަފްސާނީ ބަލިތަކުގެ ކުދިންނަށާއި، އެކުދިންގެ ބެލެނިވެރިންނަށް ޚާއްޞަ ކުރައްވައިގެން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މާލެއާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ކައުންސެލިންގ ކޯސްތައްވަނީ، ހިންގަވާފައެވެ. ނަފްސާނީ ބައްޔަށް ފަރުވާދޭ ފުރަތަމަ އަމިއްލަ ކްލިނިކެއް އޭނާ ހުޅުއްވީ  2000ވަނަ އަހަރުއެވެ. އޭގެފަހުން 2005ވަނަ އަހަރާ ހަމައަށް މި ކްލިނިކް ހިންގެވިއެވެ. ޕީ.އެޗް.ޑީ. ހާސިލު ކުރެއްވުމަށްފަހު، މާލެ ވަޑައިގެން، 2010 ވަނަ އަހަރު އަލުން އަމިއްލަ އޮފީހެއް ހައްދަވައިގެން މިޚިދްމަތް ދެއްވަން ފެށްޓެވިއެވެ.
 
ނަފްސާނީ ބަލީގެ ފަރުވާ ހޯދުމަށް ކޮންމެ ދުވަހަކު އަންނަ ކުދިންނަށާއި މީހުންނަށް އޭނާ ގަވާއިދުން ކައުންސެލިންގ ދެއްވަމުން ގެންދަވައެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް 491 ކުދިންނަށާއި މީހުންނަށް އޭނާ ފަރުވާދެއްވާފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް 500 އަށްވުރެ ގިނަ ކުދިންނަށާއި މީހުންނަށް ފަރުވާދެއްވާފައިވެއެވެ. ތަނަވަސްކަންނެތް މީހުންނަށް ހިލޭވެސް  ކައުންސެލިންގ ދެއްވަމުން ގެންދަވައެވެ. އަދި ނުކުޅެދޭ ކުދިން ބޭނުންވާ ލިޔުންތައް ހިލޭ ތައްޔާރުކޮށްދެއްވައި، ތަނަވަސްކަން ނެތް ކުދިންނަށްވެސް ހިލޭ ފަރުވާ ދެއްވަމުން ގެންދަވައެވެ.
 
ނަފްސާނީ ބައްޔަކީ، ކޮބައިކަމާމެދު ހޭލުންތެރިކަން އިތުރުކުރެއްވުމަށްވެސް އޭނާވަނީ ރޭޑިޔޯ ޕްރޮގްރާމްތަކުގަޔާއި، އެކިއެކި ނޫސް މަޖައްލާތައް މެދުވެރިކުރައްވައި މަސައްކަތް ކޮށްދެއްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ކްލިނިކަލް ސައިކޮލޮޖީއިން މާސްޓަރޒަށް ކިޔަވާ ކުދިން އިންޓަރންޝިޕަށް ރާއްޖެއަށް ފޮނުވުމުން، އެކުދިންގެ މަސައްކަތް ސުޕަވައިޒް ކުރެއްވުމާއެކު، ދާއިރާގެ ފަންނީ ހުނަރުވަނީ އުނގަންނައިދެއްވާފައެވެ.
 
ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް އެންމެފަހުން ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ، ރާއްޖޭގައި ގޭންގް ވަޔަރލަންސާބެހޭ ދިރާސާއެއް ކުރެއްވުމެވެ. އަދި [މަސްތުވާތަކެތިން ދަރިފުޅު ސަލާމަތްކުރުން: ބެލެނިވެރިންގެ އަތްމަތީ ފޮތް] މި ނަމުގައި ފޮތެއް ލިޔުއްވައި، މިދިޔަ އޮކްޓޯބަރުމަހު މިފޮތްވަނީ، ނެރުއްވާފައެވެ. މިހާރު އޭނާ ފުރުއްވަމުން ގެންދަވަނީ، [މޯލްޑިވްސް އިންސްޓިޓިއުޓް ފޮރ ސައިކޮލޮޖިކަލް ސަރވިސަސް ޓްރޭނިންގ އެންޑް ރިސަރޗް]ގެ ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ މަޤާމެވެ.