އަލްފާޟިލް މޫސާ މަނިކު
ހ.މޯނިންގސަން

 

މޯނިންގސަން މޫސާ މަނިކަކީ މަންޑި، ވޮލީ، ފުޓްބޯޅަ، ބައިސްކަލްރޭސް، ކަސްރަތު މުބާރާތްތަކުގައި 1979ވަނަ އަހަރުން ފެށިގެން ބައިވެރިވަމުންއައިސް، ކޮންމެ އަހަރަކުމެ ރަންވަނަތަކެއް ޙާޞިލުކޮށްގެން އިނާމާއި ސަނަދު ލިބިފައިވާ ޒުވާން ކުޅިވަރު ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ ރަސްމީ މުބާރާތެއްގައި ބައިވެރިވީ 1980ވަނަ އަހަރުގެ ވޮލީ މުބާރާތުގައެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ ވޮލީ މުބާރާތުގައި 1ވަނަ ސެޓަރާއި (ހިއްލުންތެރިއަކަށް) ހޮވިގެން އިނާމާއި ސަނަދު ލިބިފައިވެއެވެ. އަދި އެން.އެސް.އޭގެ ފަރާތުން ބޭއްވެވި ވޮލީ މުބާރާތްތަކުގައި، ހުރިހާ ގޮތަކުން އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމު ވަރަށް ގިނަފަހަރު ވަނީ ހޯއްދަވާފައެވެ.

އޭނާ އެންމެ ކުޅޭހިތްވާ ކުޅިވަރަކީ، ފުޓްބޯޅައެވެ. 1983ވަނަ އަހަރުގެ ފުޓްބޯޅަ މުބާރާތުގައި 21 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުމުގެ އިތުރުން 1984 ވަނަ އަހަރުގެ ބޭއްވުނު ފުޓްބޯޅަ މުބާރާތުގައި 1ވަނަ މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވިގެން އިނާމާއި ސަނަދު ލިބި، އަދި ހަމަ އެއަހަރު އެންމެ ފޯރިގަދަ އެއް މެޗުން މޭން އޮފް ދަ މެޗްގެ އިނާމު ލިބިފައިވެއެވެ.

މީގެ އިތުރަށް އޭނާއަކީ، ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކުރި ފުޓްބޯޅައާއި ވޮލީގެ މުބާރާތްތަކުގައިވެސް ބައިވެރިވެފައިވާ ކުޅުންތެރިއެކެވެ. ދިވެހިރާއްޖޭގެ ޔޫތު ވޮލީ ޓީމުގެ ނަމުގައި ސްރީލަންކާގައި ކުޅެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ވޮލީޓީމުގައި އިންޑިޔާގައި ކުޅެފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ނޭޕާލް އަދި ސްރީލަންކާގައިވެސް ކުޅެފައިވެއެވެ.