އަލްފާޟިލް ޤާސިމް އިބްރާހީމް
ކަރަންކާގެ/ ރ.ރަސްމާދޫ

އަލްފާޟިލް ޤާސިމް އިބްރާހީމަކީ، މުރާލި ކެރޭ ކެޔޮޅެކެވެ. އޭނާގެ ޢުމުރުން ސާދަ ފަނަރަ އަހަރުން ފެށިގެން، އިސް ކެޔޮޅެއްގެ ގޮތުގައި މަސްދޯނިފަހަރު ދުއްވާފައިވާ ބޭކަލެއްނަމަވެސް މިހާރުވަނީ، މުސްކުޅިވެފައެވެ. މީނާގެ ޒުވާން ދުވަސްވަރުން ފެށިގެންވެސް އޭނާއަކީ، އަވަހަށް ވަރަށް ފަސޭހަކަމާއެކު ގޮދާ ބާނާ ކެޔޮޅެއްކަމުގައި، މުޅި އުތުރުގެ އަތޮޅުތަކަށް މަޝްހޫރުވެފައިވާ މަސްކެޔޮޅެކެވެ.

މިދެންނެވި މަޝްހޫރު ކެޔޮޅު ރ.ރަސްމާދޫ ކަރަންކާގޭ އަލްފާޟިލް ޤާސިމް އިބްރާހީމަކީ، މާލޭގެވެސް ވަރަށްގިނަ ދޯނިފަހަރުގައި، އިސްކެޔޮޅެއްގެ ގޮތުގައި ހުރެ ދޯނިފަހަރު ދުއްވާފައިވާ ބޭކަލެކެވެ.

މިހާރު އޭނާގެ ކުދިންގެތެރޭން ހަތަރު ކުދިންނަކީ، މަސްކެޔޮޅުންގެ ގޮތުގައި ދޯނިފަހަރު ދުއްވަމުންގެންދާ ހީވާގި ކުދިބައެކެވެ. ބައްޕަގެ މަސައްކަތް ދިރުވުމުގެގޮތުން މިކުދިން މިމަސައްކަތް ކުރިޔަށްގެންދެއެވެ.

ކެޔޮޅު ޤާސިމް އިބްރާހީމް ހިމޭނުން ރަށުގައި ހުރުމުން ލިބޭ ފޫހިކަމާހުރެ ކެތް ނުކުރެވޭތީ، ދަރިންނަށް ނާންގައި ބައެއްފަހަރަށް އެހެން ދޯނިފަހަރުން މަހަށް ގޮސްއުޅޭކަމަށް ވެއެވެ.