އަލްފާޟިލް ޢައްބާސް އިބްރާހީމް
މ.ސިލްވަރކްލައުޑް

ރޭޑިއޯ ޚަބަރު އަހައި، އެ ޚަބަރުތައް ޢާއްމުންނާއި ހަމައަށް ފޯރުކޮށްދެއްވުމުގައި،1959ވަނަ އަހަރުން ފެށިގެން ޢައްބާސް މަސައްކަތްޕުޅު ކުރައްވަން ފަށްޓަވައިފިއެވެ. ޚަބަރުތައް އެއްސެވުމަށްފަހު ފުރަތަމަ ލިޔުއްވަމުން ގެންދެވީ، އޭރު ނުކުންނަ ދުވަހުނޫސް "ވިޔަފާރި މިއަދު" އަށެވެ. 1960 ވަނަ އަހަރު މ.މ.ދ. ޖަމްޢިއްޔާގެ ފަރާތުން ނެރުއްވި "ފަތިސް" ނަމަކަށް ކިޔުނު ދުވަހު ނޫހުގެ ސެކްރެޓަރީއެއްގެ ގޮތުން މުޅިންހެން  ނޫސް ހިންގެވީ، އޭނާއެވެ. މ.މ.ދ. ޖަމްޢިއްޔާ އުވުމުންވެސް އޭނާ "ފަތިސް" ނެރުއްވަމުން ގެންދެވީ އަމިއްލަ މަސްއޫލުވެރިކަމުގައި، އަމިއްލައަށް ޗާޕު މެޝިނެއް ހޯއްދަވައިގެންނެވެ. ފަތިސް ނެރުއްވުމުގެ އިތުރަށް، ވިޔަފާރި މިއަދަށާއި، އޭރު ނުކުންނަ "ސިނަމާ" ނަމަކަށް ކިޔާ މަޖައްލާއަށްވެސް ލިޔުއްވަމުން ގެންދެވިއެވެ. އަދި ފަހުން "މޫންލައިޓް" ނަމަކަށް ކިޔާ ދުވަހު ނޫހުންވެސް އޭނާގެ ލިޔުއްވުންތަކާއި، ޚަބަރުތައް ފެންނަން އެބަހުއްޓެވެ. އަދި އޭގެވެސް ފަހުން "އަމާޒާ"އި، "އާބާރު" އެއީ އޭނާގެ ލިޔުންތެރިކަމާއި، ނޫސްވެރިކަން ދައްކައިދޭ މަޖައްލާތަކެކެވެ.

އޭނާއަކީ، ނޫސްވެރިކަމުގެ ރޮނގުން ބޭރުޤައުމުތަކަށް ވަޑައިގެން، އެކިއެކި ސެމިނާރުގައި ބައިވެރިވެވަޑައިގެން އެރޮނގުގެ މަޢުލޫމާތު ރަނގަޅަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ނޫސްތަކަށް ލިޔުއްވުމުގެ އިތުރުން 1964ވަނަ އަހަރު މާލޭ ސިނެކޯ ރޭޑިއޯ ހުޅުވުނީއްސުރެ 1967އާ ހަމަޔަށް ރޭޑިއޯއަށް ބޭރު ޚަބަރު ލިޔުއްވަމުން ގެންދެވީވެސް، އޭނާއެވެ. ޢައްބާސަކީ، މިހާރުވެސް މާލޭގައި ނުކުންނަ އެއްދުވަހު ނޫހުގެ އެންމެ އިސް ހިންގުންތެރިޔާއެވެ. އާދެ، 1979ން ފެށިގެން ނެރެވެމުންދާ "އާފަތިސް"ގެ މަސްއޫލުވެރިޔާވެސް މެއެވެ.