އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސ.މީދޫ/ ހަސަންކާރިގެ

މި ދާއިރާއިން ފުރަތަމަފަހަރަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމެއް ލިބިވަޑައިގަންނަވާ އަލްއުސްތާޛު ޙުސްނުއްސުޢޫދަކީ، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ހިމެނިވަޑައިގަންނަވާ ވަރަށް ޚިދްމަތްތެރި އަދި ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.  1994 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވުމަށްފަހު، އޮސްޓްރޭލިޔާގެ ދަ ޔުނިވަރސިޓީ އޮފް ކްއީންސްލޭންޑުން 2002 ވަނަ އަހަރު ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ އަލްއުސްތާޛު ޙުސްނުއްސުޢޫދު، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ތަފާތު އެތައް ރޮނގެއްގައިވަނީ ޚިދްމަތް ކުރައްވާފައެވެ. އަދި މިހާރުވެސް ގެންދަވަނީ ޚިދްމަތް ކުރައްވަމުންނެވެ. 

ޙުސްނުއްސުޢޫދުވަނީ، ތަފާތު އެތައް ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލައްވާފައެވެ. މީގެތެރެއިން، ޢާއިލާއާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓްތަކާބެހޭ ޤާނޫނާއި، ޓީ.ޖީ.އެސް.ޓީ. ޤާނޫނު ފާހަގަކޮށްލެވެއެވެ.  

ޙުސްނުއްސުޢޫދަކީ، ޤާނޫނީ ދާއިރާއިން މުހިންމު 4 ފޮތެއް އެކުލަވައިލައްވާފައިވާ ބޭފުޅެކެވެ. އެއީ، [ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް] މި ފޮތާއި، [ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ދެނެގަތުން] މި ފޮތާއި [ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތައް] މި ފޮތާއި [އަހަރެމެންގެ ރާއްޖެ އަދި އަހަރެމެންގެ ޙައްޤުތައް] މި ނަމުގައި ޝާއިޢުކުރެއްވި ފޮތެވެ. [ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް] މިފޮތަކީ، ޤާނޫނީ ދާއިރާއިން ކިޔަވައިވިދާޅުވާ ބޭފުޅުންނަށް އަމާޒުކުރައްވައިގެން ތައްޔާރުކުރެއްވި ފޮތެކެވެ. [ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ދެނެގަތުން] މިފޮތަކީ ވިޔަފާރިވެރިންނަށާއި، ހިންގުންތެރިންނަށާއި، ފަނޑިޔާރުންނަށާއި، ޤާނޫނީ ވަކީލުންނަށާއި، އަދި ޤާނޫނީ ދާއިރާއިން ކިޔަވައިވިދާޅުވާ ބޭފުޅުންނަށްވެސް ވަރަށް މުހިންމު ފޮތެކެވެ. ޙުސްނުއްސުޢޫދު ލިޔުއްވާފައިވާ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ފޮތެއް، ކައިރި މުސްތަޤްބަލެއްގައި ޝާއިޢުކުރެވޭނެއެވެ. އަދި އިނގިރޭސިބަހުން ލިޔުއްވާފައިވާ ފޮތެއް ކަމަށްވާ [މޯލްޑިވްސް ލީގަލް ސިސްޓަމް] ރާއްޖެއިން ބޭރުގައި ޝާއިޢު ކުރެވޭނެއެވެ.

ޤާނޫނީ ދާއިރާއިން މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޙުސްނުއްސުޢޫދު އަދާކުރައްވާފައިވާ ދައުރަކީވެސް ފާހަގަކޮށްލެވޭ ދައުރެކެވެ. މިގޮތުން، އޭރުގެ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސުން ފޮނުއްވަމުން ގެންދެވި އެކި ޕްރޮގްރާމްތަކުގައި ޙުސްނުއްސުޢޫދު ހިލޭ ސާބަހަށް ބައިވެރިވެވަޑައިގެންދެއްވާފައިވެއެވެ. އަދި 1996 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރުގެ ނިޔަލަށް މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ހިލޭސާބަހަށް ޤާނޫނީ ޢިލްމު ކިޔަވައިދެއްވާފައިވެއެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ކުރެއްވިއިރު، އެމަނިކުފާނަށް ޤާނޫނީ ލަފާ ދެއްވައި، ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކޮށްދެއްވައި، މަޖިލީހަށް ހުށަހެޅުއްވި ބައެއް ބިލްތައް، ހިލޭ ސާބަހަށް ތައްޔާރުކޮށްދެއްވާފައިވެއެވެ. 

2003 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި މިނިވަން މުސްތަޤިއްލު ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވުމުގެ ޚިޔާލު، އެމަނިކުފާނަށް އަރުވައި، އެފަދަ މުއައްސަސާއެއް އުފެއްދުމަށް ޤާނޫނެއްގެ ދެލިކޮޕީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޙުސްނުއްސުޢޫދު ފޮނުއްވިއެވެ. އަދި އެ ދެލިކޮޕީއަކީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ގަވާއިދު ކަމަށް ކަނޑައަޅުއްވައި، 2003 ޑިސެމްބަރ 10 ވަނަ ދުވަހު، އާދެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ދުވަހު، ސަރުކާރުން ފުރަތަމަފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދެވިއެވެ. ޙުސްނުއްސުޢޫދު ހުށަހެޅުއްވި ދެލިކޮޕީ ވެގެންދިޔައީ، މިހާރު ޢަމަލުކުރަމުންގެންދާ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ބިންގާ ކަމުގައެވެ.

2004 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2008 ވަނަ އަހަރު، އާ ރިޔާސީ ދައުރު ފެށުމާ ހިސާބަށް، އޭރުގެ ސަރުކާރުން ހައްޔަރު ކުރެއްވި ޑިމޮކްރަސީގެ ގިނަ ޙަރަކާތްތެރިންނާ ޙުސްނުއްސުޢޫދު ބައްދަލުކުރައްވައި، ޤާނޫނީ ލަފަޔާއި އެހީތެރިކަން ދެއްވާފައިވެއެވެ. އަދި އެފަރާތްތަކުގެ މައްސަލަތައް، ޝަރީޢަތަށް ހުށަހެޅުމާ ގުޅިގެން، ޝަރީޢަތުގައި އެފަރާތްތަކަށް ހިލޭސާބަހަށް ވަކާލާތުކޮށްދެއްވިއެވެ. މީގެއިތުރުން، އެދުވަސްވަރު ހިނގި ޑިމޮކްރަސީގެ ޙަރަކާތްތަކުގެ ތެރެއިން، ސަރުކާރުން ހައްޔަރުކުރެއްވި ގިނަ ނޫސްވެރިންގެ ފަރާތުން ފުލުސް އޮފީހާއި، ކޯޓުތަކުގައި ހިލޭ ސާބަހަށް ވަކާލާތުކޮށްދެއްވާފައިވެއެވެ.

2000 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި އަދި މިހާރުގެ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާއި، ވިލާ ކޮލެޖްގައި ޙުސްނުއްސުޢޫދު، ޤާނޫނު ކިޔަވައިދެއްވަމުން ގެންދަވައެވެ.  

ޙުސްނުއްސުޢޫދު ވަކާލާތު ކުރައްވާ ގިނަ މައްސަލަތަކަކީ، މަދަނީ މައްސަލަތަކެވެ. އެހެން ނަމަވެސް، ޖިނާއީ މައްސަލަތަކުގައިވެސް މަދުމަދުން ވަކާލާތު ކުރައްވަމުން ގެންދަވައެވެ.

ޤާނޫނީ ދާއިރާއިން ފުޅާ ދާއިރާއެއްގައި ޚިދްމަތް ކުރެއްވުމަށްޓަކައި، ޙުސްނުއްސުޢޫދު ވަނީ، "ސުޢޫދު އަންވަރު އެންޑް ކޯ"ގެ ނަމުގައި ލޯ ފާރމެއް އުފައްދަވާފައެވެ. މި  ލޯ ފާރމަކީ، 1994 ވަނަ އަހަރުން ފެށިގެން ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގެން ހިންގަވާ ލޯ ފާރމެކެވެ.

ޙުސްނުއްސުޢޫދަކީ، ނިކަމެތިންނަށް ހިލޭސާބަހަށް ވަކާލާތުކޮށްދެއްވައި، ޤާނޫނީ ލަފާ ދެއްވާ ބޭފުޅެކެވެ. މިގޮތުން، މާލީ ތަނަވަސްކަމެއް ނެތް ގިނަބަޔަކަށް، ޤާނޫނީ ލަފާދެއްވައި ވަކާލާތު ކޮށްދެއްވާފައިވެއެވެ. އަދި "ސުޢޫދު އަންވަރު އެންޑް ކޯ" ގައި ހިންގަމުންގެންދާ، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ހިލޭ ޤާނޫނީ ލަފާދެއްވުމުގެ ކްލިނިކް ހިންގަވަނީވެސް ޙުސްނުއްސުޢޫދެވެ.