އަލްފާޟިލް އިބްރާހީމް ޙަލީމް
މއ.ޑިއަރފްރެންޑް

އިބްރާހީމް ޙަލީމް އެންމެ ފުރަތަމަ ވަޑާމުގެ ކުދިކުދި މަސައްކަތް ކުރަން ފެށްޓެވީ އަލްފާޟިލް ވައިނުޖެހޭ ޙަސަންމަނިކުގެ ގެއަށްގޮސް އެގެއިންނެވެ. ތެދުއުއި ވަޑާމުގެ މަސައްކަތުގައި އޭނާ ކުރިއަރަމުން އައީ، މުރާލިކަމާއެކު ކުރެއްވި މަސައްކަތުން ނުހަނު އަވަހަށެވެ.

މި މަސައްކަތް ރަނގަޅަށް ކުރެވެން ފެށުމުން، އަލްފާޟިލް ޙަސަންމަނިކު ލައްވާ ސަރުކާރުން ކުރައްވާ ބޮޑެތި މަސައްކަތްތަކުގައި މާވަޑިއެއްގެ ގޮތުން ފޮނުއްވަނީ، މީނާއެވެ. މީނާ ކުރެއްވި ވަޑާމުގެ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް  ހިންގަމުންދާ ޢިމާރާތުގެ ވަޑާމުގެ މަސައްކަތް، ދޮށިމޭނާ ބިލްޑިންގގެ ވަރަށް ގިނަ ބައިތަކެއްގެ ވަޑާން، ޢީދު މިސްކިތް މަރާމާތުކޮށް ހެދުން، މާފަންނު ޒިޔާރަތް މިސްކިތުގެ ހުރިހާ ވަޑާމުގެ މަސައްކަތެއް، ހިލާލީގޭގެ ގިނަ ވަޑާންތައްވެސް ހިމެނެއެވެ.

1979 ވަނަ އަހަރުން ފެށިގެން ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުން، ތެދުއުއި ވަޑާމުގެ ރޮނގުން އެކިއެކި މަތީ ވަނަތައް ހޯއްދަވައި 7 އިނާމާއި ސަނަދު ޙާޞިލުކުރައްވާފައިވެއެވެ.