އަލްފާޟިލް ޢަބްދުﷲ މޫސާ
ފެހިވިލާގެ/ތ.ކިނބިދޫ

ކޮޅުމަޑުލު ކިނބިދޫ ޙަކީމް ޢަބްދުﷲއަކީ، ދިވެހިބޭހާއި، ޙަކީމީ ބޭސްކުރެއްވުމުގައި ކޮޅުމަޑުލަށާއި، މާލެއިން ދެކުނުގެ ބައެއް އަތޮޅަށް މަޝްހޫރުވެފައިވާ ބޭކަލެކެވެ. އޭނާ މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ކުރައްވަނީ، ރުއްގަލު ބޭހެވެ. ބޭސްވެރިކަން ދަސްކުރައްވަން ފެށްޓެވީ، ޢުމުރުން ގާތްގަނޑަކަށް 15 އަހަރުގައި އޭނާގެ ބައްޕަ، ކިނބިދޫ މޫސާ އިސްމާޢީލް (ބޭސްކުރާ މޫސާ)ގެ ކިބައިންނެވެ. ބައްޕަ ނިޔާވުމަށްފަހު، ކޮޅުމަޑުލުގެ ހުރިހާ ރަށަކުންނާއި، ކައިރި އަތޮޅުއަތޮޅުން ބަލިމީހުން އޭނާ ގާތަށް ވަރަށް ގިނަގިނައިން ގެންނަން ފެށުމުން އަބަދު ރަށުގައި ހުންނަން ޖެހިފައިވާކަމަށާއި، ނަމަވެސް، ދޭތެރެދޭތެރެއިން މާލެ ދުރުވެ މާލޭގައިވެސް ހިސާބަކަށް ބޭސްކުރައްވާކަމަށް އޭނާ ބުނުއްވިއެވެ.

އަލްއަމީރު މަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދައުރުގެ ކުރީކޮޅުގައި ދިވެހިބޭސް ދަސްކޮށްދެއްވުމަށް ރާއްޖެތެރެއިން މާލެ ގެންނެވި މީހުންގެ ތެރޭގައި ހިމެނިގެން، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަރިހުންނާއ، އަލްފާޟިލް އަޙްމަދު ކާމިލުދީދީއާއި، އައްނަބީލު އަލްމަރްޙޫމް މަލިމް މުޙައްމަދުދީދީގެ އަރިހުން ދިވެހިބޭހުގެ ތަފާތު ބާވަތްތަކާއި މަޢުލޫމާތު ދަސްކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ފަތްޕިލާވެލިން ހަދާ ބޭސް، ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ އަރިހުން ވަރަށް ރަނގަޅަށް ދަސްކުރެއްވިއެވެ.