އަލްފާޟިލް އިބްރާހީމް މަންޞޫރު
ގ.ޝީން

ޙަސްރަތުގެ ނަމުން މަޝްހޫރުވެފައިވާ ކުޅަދާނަ ޝާޢިރެއްގެ ލަވައެއް އެއްދުވަސްވަރެއްގައި މުޅިމާލެއަށް ތަޢާރަފުވެގެން ދިޔައެވެ. ޅެމާއި މަދަޙައާއި އަދިވެސް ތަފާތު ވައްތަރުތައް ހެއްދެވިއެވެ. އާދެ، އެބޭފުޅަކީ، އިބްރާހީމް މަންޞޫރެވެ.

އޭނާ ބުނުއްވާ ގޮތުގައި، މިހާރު ގާތްގަނޑަކަށް 3500 އަށްވުރެވެސް ގިނަ ޅެން ހައްދަވައިފިއެވެ. މި ގިނަ ޢަދަދުގެ ތެރޭގައި ޤައުމީ، ދީނީ، އަދަބީ، ޢިޝްޤީ ރޮނގުން ހައްދަވާފައިވާ ޅެންތައް ހިމެނެއެވެ. އަދި ވަރަށްގިނަ ޢަދަދަކަށް މަދަޙައާއި، ރައިވަރުވެސް ހައްދަވާފައިވެއެވެ. ލަނގިރި، ބޮޑުބެރު، ގާއޮޑިލަވަ އެކި ފަރާތްފަރާތަށް ހައްދަވައިދެއްވާފައި ވެއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސްގެ ފަރާތުން ބޭއްވެވި ޅެން ހެދުމުގެ މުބާރާތްތަކުގައި، ދެފަހަރެއްގެ މަތިން އެކިއެކި ވަނައަށް އައުމުން އިނާމު ޙާޞިލުކުރައްވާފައިވެއެވެ. ޅެންވެރިކަމުގެ ރޮނގުގައި އޭނާ މަޝްހޫރުވެފައިވަނީ "ޙަސްރަތު"ގެ ނަމުންނެވެ. މާލެއާއި ރާއްޖެތެރޭގެ މިޔުޒިކް ގްރޫޕްތަކަށް ތަފާތު ރީތި ރާގުރާގަށް އެކި މައުޟޫޢަށް ޅެމާއި ލަވަ ހައްދަވައދެއްވާފައި ވެއެވެ. އޭނާ ބުނުއްވާގޮތުން، އޭނާގެ އެންމެ ގިނަ ޅެން ޝާއިޢުކޮށްފައިވާނީ، މާލޭގައި ނުކުތް ދުވަހުނޫސް މޫންލައިޓްގައެވެ. އޭނާގެ މައުލޫދު ޅެންފޮތް، އަލްފާޟިލް އަލްމަރްޙޫމް ޢަލީ ޝަމީމު ޗާޕުކުރައްވައިގެން ނެރުއްވިކަމަށްވެސް ބުނުއްވިއެވެ.