އަލްފާޟިލް ޢަލީ މުޙައްމަދު މަނިކު
ކަރަންކާގެ / ބ.ކުޑަރިކިލު

ކުޑަރިކިލު ޢަލީ މުޙައްމަދުމަނިކަކީ، މަދްރަސަތުލް މަޖީދިއްޔާގެ މުސްކުޅި ދަރިވަރެކެވެ. ތަޢުލީމީ ޚިދުމަތުގެ ތެރެއަށް މީގެ 45 އަހަރު ކުރިން ވަންނަވާފައިވާ ބޭކަލެކެވެ. ފުރަތަމަ، މާޅޮސްމަޑުލު ދެކުނުބުރީގެ ރަށެއްގެ މަކްތަބުގެ މުދައްރިސެއްގެ ގޮތުންނެވެ. އޭގެފަހުން އެއަތޮޅުގެ އެކި ރަށްރަށުގައި އެރޮނގުން ޚިދްމަތް ކުރައްވަމުން ގެންދެވިއެވެ. މާލޭގައިވެސް މަދްރަސަތުލްފަލާޙުގެ މުދައްރިސެއްގެ ގޮތުންނާއި، މަދްރަސަތުލް ޝަހީދު ޢަލީގެ މުދައްރިސެއްގެ ގޮތުން، އަހަރުތަކެއްގައި އުޅުއްވިއެވެ. ކިޔަވައި ދެއްވުމުގެ އިތުރަށް އޭނާއަކީ އޭނާ އެއިރަކު ކިޔަވައިދެއްވި މަދަރުސާއެއްގެ ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލަވަމުން ގެންދަވާފައިވާ ބޭކަލެކެވެ. އިނާމު ލިބިވަޑައިގެންނެވިއިރު އޭނާއަކީ، މާކަނޑޫދޫގައި ހުންނަ މިލަދުންމަޑުލު އުތުރުބުރީގެ އަތޮޅު މަދަރުސާގެ ނާޡިރުވެސް މެއެވެ.