އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދު
މއ.ކޮޕީގެ

މިހާރު މިއޮތް ފެންވަރަށް ރާއްޖޭގައި ތަމްޘީލު ޢާއްމުވެގެންދިޔަ އެއް ސަބަބެއްކަމުގައިވާނީ، މަޖީދިއްޔާގެ ގޯލްޑަން ޖުބިލީއާ ގުޅިގެން ބޭއްވުނު ތަމްޘީލު ޝޯކަމުގައެވެ. އެތަމްޘީލު ޝޯތަކަށްފަހު އޭގެތެރޭން ހޮވާލެވުނު މުމައްޘިލުންތަކެއް، އޭރުއޮތް މިޔުޒިކް ގުރޫޕުން ކަމުގައިވާ "އޮލިމްޕިއަންސް" ކިޔާ ގުރޫޕަކާއެކު ތަމްޘީލުކުޅެމުން ގެންދިޔައެވެ. އޭގެތެރޭގައި އިސްކަނޑު އަނބުރަން ހުންނެވީ، އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދެވެ. ދެން ފެނިގެންދިޔައީ، ކޮޕީ ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްޘީލުކުޅެން ޚާއްޞަ ސޮސައިޓީއެއް އުފެއްދެވިއެވެ. އެއީ ސީ.ޑީ.އެސް.ގެ ނަމުގައެވެ.

ކޮޕީ މުޙައްމަދު ރަޝީދު ކުޅުއްވާފައިވާ ތަމްޘީލުތަކަކީ، ވަރަށްވެސް ގިނަ ތަމްޘީލުތަކެކެވެ. އޭގެތެރޭގައި، ސްޓޭޖްމަތިން ކޮޕީ ފެނިގެންދިޔަ ފުރަތަމަ ތަމްޘީލުކަމަށްވާ "ތިން އުދަގޫ"، "ވަޒީފާ" ފަދަ ތަމްޘީލުތަކުން ފެށިގެން ޓީ.ވީ.ގެ ބައެއް ފިލްމުތައްވެސް ހިމެނެއެވެ. ކޮޕީ ރަޝީދުގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ކޮންމެ ޙަރަކާތެއް ތަމްޘީލެއްގައި ގެންނަންވިޔަސް ފަސޭހަކަމާއެކު އެކަމެއް ކޮށްލާކަމެވެ.

ކޮޕީ މުޙައްމަދު ރަޝީދަކީ، ތަމްޘީލުކުޅުމުގެ އިތުރުން ރީތިކޮށް ތާނަ ލިޔުއްވުމުގައި ޚާއްޞަކޮށް ބޮޑު އަކުރު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ.