
މ.ފީރޯޒްގެ
އަލްފާޟިލް ޢަބްދުލްޙަންނާނު މޫސާދީދީ ލަވަކިޔުއްވަން ފެށްޓެވީ، ޢުމުރުން 14 އަހަރުގައެވެ. އޭރު މިމަސައްކަތް ކުރެއްވީ، އެކިއެކި ގުރޫޕްތަކާ ގުޅިލައްވައިގެންނެވެ. ނަމަވެސް ސްޓޭޖަކަށް ފުރަތަމަ ދުރުވީ، 1977ވަނަ އަހަރުގެ ތެރޭގައެވެ. ޓޫރިސްޓު ރަށްރަށުގައިވެސް ލަވަކިޔުއްވައި ހައްދަވާފައިވެއެވެ. ހިންދުސްތާނު ލަވައަށްވުރެ ގިނައިން އޭރު ވިދާޅުވެ އުޅުއްވީ، އިނގިރޭސި ލަވައެވެ.
އަލްފާޟިލް ޢަބްދުލްޙަންނާނު ވިދާޅުވާގޮތުގައި އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެލައްވަނީ، އަމިއްލަ ދިވެހި ރާގު އުފެއްދެވުމަށެވެ. އެގޮތުން މިހާރުވެސް ވަރަށްގިނަ ރާގުވަނީ އުފައްދަވާފައެވެ. އޭނާއަކީ، ޢާއިލީގޮތުން މިޔުޒިކް ވާރުތަވެފައިވާ ބޭފުޅެއްކަމުގައިވެސް ބެލެވިދާނެއެވެ. އަދި އަލްފާޟިލް ޢަބްދުލްޙަންނާނަކީ، މިޔުޒިކްގެ އިންސްޓްރުމަންޓުތައްވެސް ފަސޭހަކަމާއެކު ކުޅުއްވާ ބޭފުޅެކެވެ.