އަލްފާޟިލް ޙުސައިން ފަހްމީ
މ.އަފްޒާ

 

ރީތިކޮށް ލިޔުއްވަން ދަސްކުރެއްވުމަށް ޙުސައިން ފަހްމީ ފުރަތަމަ ވަޑައިންނެވީ ނައިފަރުގެ މަދުރަސަތުލް އިފްތިތާޙުގެ އިސް ދަރިވަރެއް ކަމުގައިވާ ނައިފަރު އީސަކޮއެ އަރިހަށެވެ. އޭގެފަހުން ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީނުގެ ޢަރަބި ފޮތްތައް ބައްލަވައިގެން ލިޔުއްވުން ރީތި ކުރެއްވުމަށްފަހު، މަދްރަސަތުލް އިފްތިތާޙުގަޔާއި، މަދްރަސަތުއް ޞަލާޙިއްޔާއާއި، މަދްރަސަތުލް ފަރީދިއްޔާގައި ލިޔުމުގެ މުދައްރިސެއްގެ ގޮތުގައި ވަރަށްގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

ޙުސައިން ފަހްމީއަކީ 1983ވަނަ އަހަރުގެ ކުރީކޮޅުގައި ރީތިކޮށް ޢަރަބި ލިޔުއްވަން ދަސްކުރެއްވުމުގެ ކޯހެއްގައި މިޞްރަށް ވަޑައިގެން، ޤާހިރާގެ ވުޒާރާތުއް-ތަރުބިއްޔާ ވައްތަޢުލީމުގެ ދަށުން ހިންގަވާ އެއް މަދަރުސާކަމުގައިވާ ތަޙްސީނުލް-ޚުޠުވާތުލް ޢަރަބިއްޔާގައި މިޞްރުގެ މަޝްހޫރު ލިޔުންތެރީންގެ އަރިހުން ލިޔުން ރީތިކުރައްވާފައިވާ ބޭފުޅެކެވެ. އެމަދަރުސާގައި އޭނާގެ މުދައްރިސުންގެ ތެރޭގައި، ޤާހިރާގެ އެންމެ މޮޅު ޚައްޠާޠުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު މުޙައްމަދު ޢަބްދުލްޤާދިރު ހިމެނިވަޑައިގަނެއެވެ.