އަލްފާޟިލާ އާމިނަތު ޢަބްދުﷲ ދީދީ
ގ.ރެޑިއަމްގެ

މާލޭގައި ހިނގަމުންދާ އަމިއްލަގޮތުން ކިޔަވައިދޭ ތަންތަނުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން މެދުނުކެނޑި ހިނގަމުންދާތާ އެންމެ ގިނަ ދުވަސްވީ ކިޔަވައިދޭތަން ހިންގަވަމުން ގެންދަވާ ފަރާތަކީ، އަލްފާޟިލާ އާމިނަތު ޢަބްދުﷲދީދީއެވެ. އަދި އެފަރާތެއްގެ ޚިދްމަތުން ވަރަށްގިނަ ތުއްތު ކުދިންތަކަކަށް އެތަކެއް އަހަރުވަންދެން މެދުކެނޑުމެއްނެތި ތަޢުލީމުލިބެމުން ގޮސްފައިވެއެވެ.

އެނގިފައިވާގޮތުގައި ރޭޑިއަންޓްހޯޕް ކްލާސް ރަޖިސްޓްރީ ކުރުމުގެ ކުރީންވެސް ގ.ރެޑިއަމްގޭގައި ތުއްތު ކުދީންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ޚާއްޞަކޮށް ކުޑަކުދީންނަށް ޢަރަބިތާނަ އަދި ހިސާބު އަކުރު ދަސްކޮށްދެއްވުމާއި، ޤުރްއާން ކިޔަވާދެއްވުމާއި، ނަމާދުކުރަން ދަސްކޮށްދެއްވުމުގެ މަސައްކަތް ވަރަށް ރަނގަޅު ފެންވަރެއްގައި ކުރައްވަމުން ގެންދަވާފައިވެއެވެ. ބައެއް ދުވަސްވަރު 300 ކުދީން ނުވަތަ 400 ކުދީން، އެގެއިން ތަޢުލީމް ޙާޞިލުކުރަމުން ގޮސްފައިވެއެވެ.