އަލްއުސްތާޛު މުޙައްމަދު ރަފީޢު
ހ.ކަރަންކާމާގެ

އޭނާ ޅެން ހައްދަވަން ފެށްޓެވީ، މީގެ ގާތްގަނޑަކަށް 43 އަހަރު ކުރިން، މަދްރަސަތުލް މަޖީދިއްޔާގެ ޠާލިބަކަށް ހުންނަވައިގެންނެވެ. އެންމެ ފުރަތަމަ ހެއްދެވި ޅެމަކީ، އެދުވަސްވަރު މަޖީދިއްޔާގައި އޮތް ޖަމްޢިއްޔާއެއް ކަމުގައިވާ ރާބިޠާއާއި ބެހޭގޮތުން "ރާބިޠާގެ އުފާ" މިމައުޟޫޢުގެ މައްޗަށް ހެއްދެވި ޅެމެކެވެ. އެދުވަހުން ފެށިގެން މިހާތަނަށް މިވީ ދުވަސްތަކުގައި އޭނާ، އެއްހާހަށްވުރެގިނަ ޅެން ހައްދަވާފައިވެއެވެ. އޭގެ ތެރޭގައި އެކިއެކި މުބާރާތަށް ހެއްދެވި ޅެންވެސް ހިމެނެއެވެ. މިގޮތުން އޭނާވަނީ ބައެއް މުބާރާތުގައި ރަން ވަނަތަކެއް ހޯއްދަވާފައެވެ. "އަމާޒު"ގެ ފަރާތުން ބޭއްވެވި "ޅެންވެރިކަމުގެ ފޯވަހި"ގެ ޅެން މުބާރާތުގައި އެއްވަނައަށް ދިޔައީވެސް އޭނާއެވެ. އަދި ހިޖްރީ ފަނަރަވަނަ ޤަރުނު ފާހަގަކުރެއްވުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވައިލެވުނު މުބާރާތުގައި ދެވަނަ ހޯއްދެވީވެސް އޭނާއެވެ.