އަލްފާޟިލް މުޙައްމަދު އިސްމާޢީލްފުޅު
މއ.މާފުނަ

 މުޙައްމަދު އިސްމާޢީލްފުޅަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ޚާއްޞަކޮށް، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް މި ދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާ ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ ޚިދްމަތްތެރިއެކެވެ.

މުޙައްމަދު އިސްމާޢީލްފުޅަކީ މިވޭތުވެދިޔަ 40 އަހަރަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ޞިއްޙީ ކަންކަމަށް ޢާންމު ރައްޔިތުން ވަރަށްބޮޑު އަހަންމިއްޔަތުކަމަކާއި ސަމާލުކަމެއްދީގެން މެނުވީ، ރާއްޖޭގެ ޞިއްޙީ ކަންކަން ހަރުދަނާވެ، ފެތުރެމުންދާ އެކިއެކި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެކަން އޭނާ އަމިއްލަފުޅަށް އިޙްސާސް  ކުރައްވައި، މިރޮނގުން އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގައި ފެތުރެމުންދާ އެކިއެކި ބަލިބައްޔާއި، ޞިއްޙީ ރައްކާތެރިކަމާ ގުޅޭ 8 ފޮތެއް، މުޙައްމަދު އިސްމާޢީލްފުޅު ލިޔުއްވާފައިވެއެވެ. އެ ފޮތްތަކުގެ ތެރެއިން ފުރަތަމަ ލިޔުއްވި ފޮތަކީ، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުން [ހޮޅުއަށީ]ގެ ނަމުގައި 1980 ވަނަ އަހަރު ނެރުނު  [ފުރަތަމަ އެހީ] ނުވަތަ [ފަސްޓް އެއިޑް] ފޮތެވެ. މީގެއިތުރުން، 1981 ވަނަ އަހަރު ނެރުއްވި  [ރަނގަޅު ކާނާ] މި ފޮތާއި، 1982 ވަނަ އަހަރު ނެރުއްވި  [ކުޑަ ދަރިފުޅު] މި ފޮތާއި، 1999 ވަނަ އަހަރު ނެރުއްވި [ހަކުރުބަލި ދެނެގަތުމާއި ރައްކާތެރިވުން] މި ފޮތާއި، 2002 ވަނަ އަހަރު ނެރުއްވި  [އަޅުގަނޑުމެންގެ ހަށިގަނޑު] މި ފޮތާއި، [ލޭގެ ޕްރެޝަރ ދެނެގަތުމާއި ރައްކާތެރިވުން] މި ފޮތާއި، 2004 ވަނަ އަހަރު ނެރުއްވި [ބުއްދި ހަމަނުޖެހުން – ސިކުނޑިއަށް ލިބޭ އުނިކަމެއް] މި ފޮތާއި، އަދި 2006 ވަނަ އަހަރު ނެރުއްވި  [ކެންސަރ ދެނެގަންނާނީ ކިހިނެއް؟] މި ފޮތް ހިމެނެއެވެ.

މިދެންނެވި ފޮތްތަކުގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ މާޒީއާ ބެހޭގޮތުންވެސް މުޙައްމަދު އިސްމާޢީލްފުޅު ވަނީ ފޮތް އެކުލަވައިލައްވައި ޝާއިޢު ކުރައްވާފައެވެ. މިގޮތުން، ޅ. އަތޮޅު ޞިއްޙީ މަރްކަޒާއި، ހއ. އަތޮޅު ޞިއްޙީ މަރްކަޒާއި، ނ.އަތޮޅު ޞިއްޙީ މަރްކަޒާއި، ބ. އަތޮޅު ޞިއްޙީ މަރްކަޒާއި، އ. އަތޮޅު ޞިއްޙީ މަރްކަޒާއި، ދ. އަތޮޅު ޞިއްޙީ މަރްކަޒާއި، ގދ. އަތޮޅު ޞިއްޙީ މަރްކަޒަށް 25 އަހަރު ފުރުމާ ގުޅިގެން، ޚިދްމަތުގެ ރިހި ޔޫބީލްގެ ނަމުގައި ވަކިވަކިން ނެރުއްވި 7 ފޮތް ހިމެނެއެވެ. މީގެއިތުރުން، އިންސްޓިޓިއުޓް އޮފް ހެލްތް ސައެންސަސް އަށް 25 އަހަރު ފުރުމާ ގުޅިގެން، 1998 ވަނަ އަހަރު ނެރުއްވި [ޚިދްމަތުގެ 25 އަހަރު] މި ފޮތަށް މަޢްލޫމާތު ހޯއްދަވައި، ދިރާސާ ކުރައްވައި، ފޮތް އެކުލަވައިލެއްވީވެސް މުޙައްމަދު އިސްމާޢީލްފުޅެވެ. އަދި [ޞިއްޙީ ޚިދްމަތުގެ އިއްޔެއާއި އިހަށްދުވަސް] މި ނަމުގައި މުޙައްމަދު އިސްމާޢީލްފުޅު ލިޔުއްވާފައިވާ ފޮތަކީވެސް، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުބޮޑު ޚިދްމަތެކެވެ. މިދެންނެވި ފޮތްތައް އޭނާ އެކުލަވައިލެއްވީ މުސްތަޤްބަލުގައި ރާއްޖޭގެ ޞިއްޙީ މަޝްރޫޢުތައް ރާވައި ފަރުމާކުރުމުގައި، މާޒީގައި ހިނގައިދިޔަ ކަންކަމުގެ މަޢުލޫމާތުތައް އެނގުމަކީ، މުހިންމު ކަމެއްކަމަށް ގަބޫލުކުރެއްވޭތީއެވެ. މިގޮތުން މިހާރުވެސް ދެފޮތެއް އެކުލަވާލައްވައި ލިޔުއްވުމުގެ މަސައްކަތް އޭނާ ކުރައްވަމުން އެބަގެންދަވައެވެ. އޭގެތެރެއިން އެއްފޮތަކީ [ކާނާއިން ފަރުވާ] އެވެ. އޭނާ މި ފޮތް ލިޔުއްވަމުން ގެންދަވަނީ، މޭވާއާއި ތަރުކާރީގެ އެކިއެކި ދިރާސާތައް ހައްދަވައިގެންނެވެ. ދެވަނަ ފޮތަކީ، 2009 ވަނަ އަހަރު އޭނާ ޝާއިޢު ކުރައްވާފައިވާ [ދިވެހިރާއްޖޭގެ ޞިއްޙީ ޚިދްމަތުގެ އިއްޔެއާއި އިހަށްދުވަސް] މި ފޮތުގެ ދެވަނަ އެޑިޝަނެވެ. ފުރަތަމަ އެޑިޝަން އޭނާ ނިންމަވައިލައްވާފައިވަނީ، ރާއްޖޭގެ ޞިއްޙީ ތާރީޚާ ގުޅޭގޮތުން ލިބެންހުރި އެންމެ ދުރު ހަނދާންތަކުން ފެށިގެން މީލާދީ 2000 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން، ދެވަނަ އެޑިޝަނުގައި އޭނާ އިތުރަށް ލިޔުއްވަމުން ގެންދަވަނީ، ޞިއްޙީ ތާރީޚާ ގުޅުންހުރި އޭގެފަހުގެ މުހިންމު ޙާދިޘާތަކާއި ހަނދާންތަކެވެ.

މުޙަންމަދު އިސްމާޢީލްފުޅަކީ، ރޭޑިއޯއާއި، ޓީ.ވީ އިން ފޮނުއްވަމުން ގެންދަވާ އެކިއެކި ބަލިބައްޔާއި، ޞިއްޙަތާ ގުޅުންހުރި އެނޫން ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ތަފާތު މަޢްލޫމާތުތައް، ޢާންމުންނާ ހަމައަށް ގެނެސްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ދިވެހިންގެ މެދުގައި ޞިއްޙީ ރޮނގުން މަޢްލޫމާތު މުއްސަނދިކުރުވައި، ޞިއްޙީ ރޮނގުން ޚިދްމަތްދިނުމުގައި އެހީތެރިވެދޭނެ މީހުން ބިނާކޮށްދީ، ޞިއްޙީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް ފާހަގަކުރެވޭ މަސައްކަތްޕުޅުތަކެކެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މުޙަންމަދު އިސްމާޢީލްފުޅު ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ދިގު މުއްދަތެއްގައި ޚާއްޞަ ޚިދްމަތެއް ކުރެއްވުމުގެ ރޮނގުން، 1992 ވަނަ އަހަރު ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު، މުޙަންމަދު އިސްމާޢީލްފުޅަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން 2002 ވަނަ އަހަރު އެންމެ ރަނގަޅު ފޮތެއް ޝާއިޢު ކުރައްވާފައިވާތީ، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، މުޙައްމަދު އިސްމާޢީލްފުޅު ވަނީ ޙާޞިލު ކުރައްވާފައެވެ. އަދި 2005 ވަނަ އަހަރުވެސް މުޙައްމަދު އިސްމާޢީލްފުޅު  މި އިނާމު ޙާޞިލު ކުރައްވާފައި ވެއެވެ.  އޭގެއިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ބޭއްވެވި ދިވެހިރާއްޖޭގެ ފޮތް އެކުލަވައި ލިޔުމުގެ 16 ވަނަ ޤައުމީ މުބާރާތާއި، 19 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވެވަޑައިގެން، މިއިން ކޮންމެ މުބާރާތަކުންވެސް 1 ވަނަ ހޯއްދަވާފައިވެއެވެ.

މުޙައްމަދު އިސްމާޢީލްފުޅަކީ، މަޑުމައިތިރި އަދި އޭނާ ކުރައްވާ ކޮންމެ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވާ ބޭފުޅެއްކަން އޭނާގެ އަރިހުން ފަރުވާ ހޯއްދަވާ ބޭފުޅުންނަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އަދި އޭނާއަކީ ވަރަށްގިނަ ބަޔަކަށް ހިލޭ ބޭސްފަރުވާ ކޮށްދެއްވައި އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. 

ސަރުކާރުގެ ޚިދްމަތުގައިވެސް 40 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިއިރު، ތަފާތު އެތައް މަގާމުތަކެއް މުޙައްމަދު އިސްމާޢީލްފުޅު ވަނީ ފުރުއްވާފައެވެ. ރާއްޖޭގެ ހެލްތް ސެންޓަރުތަކުގައި 1975 ވަނަ އަހަރު މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވިއިރު، ތަފާތު އެތައް ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. ހދ. އަތޮޅުގެ ހެލްތް ސެންޓަރާއި، އ. އަތޮޅު ހެލްތް ސެންޓަރުގައި ޚިދްމަތް ކުރެއްވިއިރު އެތަންތަން ކުނިކަހައި ފޮޅާ ސާފުކުރުމާއި، ކުނި އުކާލުމާއި، ދުވާލު ދެއިރު އިންޖީނު އުނދުނުގައި ސިރިންޖާއި ކަށިފަދަ ތަކެތި ކެއްކުންފަދަ މަސައްކަތްތަކުގައި އެހީތެރިވެދޭނެ މީހަކު ނެތުމުގެ ސަބަބުން މަސައްކަތް ކުރެއްވުމުގައި ވަރަށްގިނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން، މާލޭގެ ކަމާބެހޭ އޮފީސްތަކާއި އަދި އަތޮޅު އޮފީހުގައި ދަންނަވައިގެން، އެދުވަސްވަރުގެ ޙާލަތު ހުރިގޮތުން، އެކަން ހަމަޖައްސަވައިދެއްވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވުމާ ގުޅިގެން، ދުރު މުސްތަޤްބަލަށް އަމާޒު ކުރައްވައިގެން، މެދުނުކެނޑި އެހީތެރިއެއް ލިބޭނޭގޮތް އޭނާ ހަމަޖެއްސެވީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ހެލްތް ސެންޓަރުގައި ބޭނުންކޮށްފައި ހުރި، ކަރާސީނު ތެލުން ހިންގާ އައިސް އަލަމާރިއެއްގެ އެހީގައި ލޮލީ ހައްދަވައި، ލޮލީ ވިއްކަވައިގެން ލިބުނު ފައިސާއިން އެލަވަންސެއް ދެއްވައިގެން، މަސައްކަތުގައި އެހީތެރިވާނެ މީހަކު ހޯއްދެވިއެވެ. މިކަންވެސް ކުރެއްވީ، ސަރުކާރުގެ ހުއްދަ ހޯއްދަވައިގެންނެވެ. އަދި ލޮލީ ހެއްދެވުމުގެ މަސައްކަތް މެދުނުކެނޑި ހިންގަވަމުން ގެންދެވުމުގެ ބޭނުމުގައި، ލޮލީ ހެދުމަކީ މަސައްކަތުގައި އެހީތެރިވުމަށް ގެނައި ފަރާތުގެ ވަޒީފާއާ ގުޅިގެން ކުރަންޖެހޭނެ މަސައްކަތެއް ކަމުގައިވެސް ހަމަޖެއްސެވިއެވެ.

މުޙައްމަދު އިސްމާޢީލްފުޅަކީ ނައިފަރުގެ ދަރިޔަކަށްވުމާއެކު، ނައިފަރު ރައްޔިތުންގެ ހިތްތަކުގައި އަދި އެ އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައިވެސް އޭނާއަށްވަނީ ޚާއްޞަ ޤަދަރަކާއި ލޯތްބެއް އުފެދިފައެވެ. ޞިއްޙީ ދާއިރާގައި ޚިދްމަތް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅު މެންބަރުކަން 17 އަހަރު ދުވަހު ކުރައްވާފައިވާކަން އެއީ، މިދެންނެވި ބަހުގެ އަލިގަދަ ހެއްކެކެވެ.

މުޙައްމަދު އިސްމާޢީލްފުޅަށް މިރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަދު ލިބިވަޑައިގަންނަވާއިރު، އޭނާގެ ހިތްޕުޅުގައި އޮތް ޢަޒުމަކީ، މިރޮނގުން އިތުރަށް ކުރިއަށް ވަޑައިގެން، ރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވުމެވެ. މި ދާއިރާއިން ދުރަށް ވަޑައިގަތުމުގެ ޚިޔާލުފުޅެއް އޭނާގެ ނެތެވެ.