އަލްފާޟިލާ ޝަމީމާ ޔަޙްޔާ
ގ.ބާޣުބަހާރު

 

އަލްފާޟިލާ ޝަމީމާ ޔަޙްޔާ، ތަރުޖަމާކުރެއްވުމުގެ މަސައްކަތް ފެށްޓެވީ 1976ވަނަ އަހަރުއެވެ. މިހާތަނަށް ދިގު ވާހަކައިގެ ވިއްސަކަށް ވާހަކައަށްވުރެވެސް ގިނަ ވާހަކަ  ދިވެހިބަހަށް ތަރުޖަމާކުރައްވާފައި ވެއެވެ. އަދި ވަރަށްގިނަ ކުރު ވާހަކަތައްވެސް ތަރުޖަމާކުރައްވައިފިއެވެ. އޭނާގެ ވާހަކަތަކަކީ، ވަރަށްގިނަ މީހުން ކިޔަމުންދާ ވާހަކަތަކެކެވެ. އަލްފާޟިލާ ޝަމީމާ ޔަޙްޔާ އެންމެ ފުރަތަމަ ތަރުޖަމާކުރައްވަމުން ގެންދެވީ "މޫންލައިޓް" ކިޔާ ދުވަހު ނޫހަކަށެވެ. ނަމަވެސް ފަހުން އޭނާގެ މަސައްކަތް ތަރައްޤީކުރެއްވުމުގެގޮތުން "ބާރު" މިނަމުގައި މަޖައްލާއެއް ރަޖިސްޓަރީ ކުރައްވައިގެން،ޝަމީމާ ޔަޙްޔާ ތަރުޖަމާކުރައްވާ ވާހަކަތައް، މެދުކެނޑުމެއްނެތި ޝާއިޢުކުރައްވަމުން ގެންދަވަނީ، އެ މަޖައްލާގައެވެ. އެ މަޖައްލާ ޗާޕުކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަނީ، އަމިއްލައަށެވެ.

 

އަލްފާޟިލާ ޝަމީމާ ޔަޙްޔާ ދިވެހިބަހަށް ތަރުޖަމާކުރައްވަމުން ގެންދަވަނީ، އުރުދޫ ބަހުންނެވެ. އޭނާގެ މަސައްކަތުގައި ވާހަކަ ތަރުޖަމާކުރެއްވުމުގެ އިތުރަށް، ހިންދީ ފިލްމުތަކުގެ ޚުލާޞާއާއި ފިލްމުގެ ލަވަތައް، ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ މަސައްކަތްވެސް ވަރަށްބޮޑަށް ކުރައްވަމުން ގެންދަވައެވެ. ރާއްޖޭގެ ބައެއް ސިނަމާތަކުގެ ފިލްމު ފޮތްވެސް އޭނާ ތައްޔާރުކުރައްވާފައިވެއެވެ.