އަލްފާޟިލް އިބްރާހީމް ޙަމްދީ
ގ.ސިލްވަރުގެ

މިޒަމާނުގެ ދިވެހި ލަވަ އެންމެ ރީތިކޮށް ކިޔާ ލަވަކިޔުންތެރިއެއްކަމުގައި މަޝްހޫރުވެގެންދިޔަ އިބްރާހީމް ޙަމްދީއަކީ، ޤުދުރަތުން އެ ހަދިޔާ ކުރައްވާފައިވާ މަސްއޮޑި ޢާއިލާގެ މެންބަރެކެވެ. އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ރަފީޢު ކިޔާފައިވާ ރީތި އަސަރުގަދަ ރާގުތައް އިބްރާހީމް ޙަމްދީގެ އަޑުން އަހާލުމަކީ، ހިތަށް ފިނިކަމެއް ލިއްބައިދޭ ކަމެއްވެސްވެއެވެ. ޙަމްދީއަކީ، ދިވެހިލަވަ އެންމެގިނައިން ކިޔާފައިވާ ލަވަކިޔުންތެރިޔާ ކަމުގައިވެސް ބެލެވިދާނެއެވެ. އޭނާ ލަވަކިޔުއްވަން ފަށްޓަވާފައިވަނީ، ޢުމުރުން 14 އަހަރުގައި، މާލޭ ޒަމާނީ މިޔުޒިކް ގުރޫޕާއެކުގައެވެ. އޭގެފަހުން މާލޭ ރާނީ ކްލަބްގެ މިޔުޒިކް ގްރޫޕްގައެވެ. އަދި އޮލިމްޕިއަންސްގައި، އަދި ފަހުން ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ މިޔުޒިކް ގުރޫޕްގައިވެސް އޭނާ ލަވަކިޔުއްވިއެވެ. އާދެ، އޭނާއަކީ، ރަންއަޑަކާއި، ވިރުވާއަޅާ މަޚުރަޖެއްގެ ވެރިޔާ އަލްފާޟިލް އިބްރާހީމް ޙަމްދީއެވެ.