އަލްފާޟިލް އަޙްމަދު ވަޖީހު
މ.ހަޒާރުމާގެ

އަލްފާޟިލް އަޙްމަދު ވަޖީހަކީ، މަޖީދިއްޔާ ސްކޫލުން ތަޢުލީމް ޙާޞިލުކުރެއްވުމަށްފަހު، އޮސްޓްރޭލިޔާއަށް ވަޑައިގެން ބެޗްލަރ ޑިގްރީ އާދެ (ބެޗްލަރ އޮފް އިންޖިނިއަރިންގ ނޭވަލް އާކިޓެކްޗަރ) ހައްދަވައިގެން މަސައްކަތްތެރިކަމުގެ ރޮނގުގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރާއްޖެ ވަޑައިގެން މިނިސްޓްރީ އޮފް ޝިޕިންގގައި ދުވަސްކޮޅަކު އުޅުއްވުމަށްފަހު 1983 ވަނަ އަހަރުންފެށިގެން އަލިފުށީގެ ބޯޓްޔާޑުގެ މަސައްކަތް ޙަވާލުކުރެއްވުމުން އެރަށަށް ވަޑައިގެން، ސެކެންޑް ޖެނެރޭޝަންގެ ދޯނިފަހަރު ބަނުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވަނީ، އޭނާއެވެ. އޭނާގެ ސީދާ ބެއްލެވުމުގެ ދަށުން އޭނާގެ ލަފާފުޅާއެއްގޮތަށް އަލިފުށީ ބޯޓްޔާޑުގައި މިހާރު ވަރަށް ގިނަ ދޯނިފަހަރު ބަނދެ ނިންމަވައިފިއެވެ. ވާލްޑް ބޭންކުގެ ދަށުން ރާއްޖެއަށް ފޮނުއްވި އާކިޓެކްޓް ކުރަހައިގެން ގެނައި ކުރެހުމާ އެއްގޮތަށް ބަން ފުރަތަމަ ދޯނީގައި ރާއްޖޭގެ މީހުންނަށް ކަމުނުދާ ވަރަށް ގިނަ ގޮތްތަކަކާއި ކަންތައްތަކެއް ހުރުމުން ރާއްޖެއަށް ކަމުދާގޮތަށް މޮޑިފައިކުރައްވައި، އަލުން ކުރައްސަވައި، މިހާރު ދޯނިފަހަރު ބަންނަމުން ގެންދަނީ، އޭނާގެ އިރުޝާދާ އެއްގޮތަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކިއްސަރުވަޑާމުގައި އިލެކްޓްރިކް ބުރުމާފަދަ މިޒަމާނުގެ ހަތިޔާރު ބޭނުންކޮށްގެން ޒަމާނާއެއްގޮތަށް ކިއްސަރު ވަޑާން ކުރެވޭނޭގޮތް އޭނާ ވަރަށް ގިނަ ބަޔަކަށް ދަސްކޮށްދެއްވާފައިވެއެވެ. ބޯޓްޔާޑުގައި މަސައްކަތްކުރާ ވަޑިންނަށާއި، އަތްދަށު ވަޑިންގެ ތެރެއިން ގިނަ ބަޔަކަށް ކޮންސްޓްރަކްޝަން އުޞޫލުތައް ދަސްކޮށްދެއްވައި، އިންޖީނުއެޅުމުގެ މަސައްކަތް ދަސްކޮށްދެއްވިއެވެ.