އަލްފާޟިލް މުޙައްމަދު ރަޝީދު
ޓޫސަންސް / ހއ.ކެލާ

 

16 ޖަނަވަރީ 1969 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ކެލާގެ މަދަރުސާ (މަދްރަސަތުއް ޝައިޚްއިބްރާހީމް) ރަޖިސްޓަރީ ކުރެއްވީއްސުރެ މަދަރުސާއެއްގެ ގޮތުންނާއި، ނާޟިރުގެ ގޮތުގައި މުޙައްމަދު ރަޝީދު ކުދިންނަށް ކިޔަވައިދެއްވަމުން، ކުރައްވަން ޖެހިލައްވާ ރަސްމީ މަސައްކަތް ކުރައްވަމުން  ގެންދަވަނީ، ޝައުޤުވެރިކަމާއެކު ފާހަގަކޮށްލެވޭ ފަދަ ގޮތެއްގައެވެ. މީގެ ތިރީހަކަށް އަހަރު ކުރިން، އޭނާ ކެލާގެ މަކްތަބުގެ މުދައްރިސެއްގެ ގޮތުގައި، ރަށުގައި ކިޔަވައިދެއްވަމުން ގެންދަވާފައިވެއެވެ.

މަދްރަސަތުއް ޝައިޚްއިބްރާހީމްގެ ނާޟިރުކަމުގެ މަޤާމް އޭނާ ފުރުއްވަމުންގެންދަވަނީ،ރަށުކޯޓުގެ ޤާޟީކަމުގެ ވަޒީފާ އަދާކުރައްވަމުންނެވެ.

އޭނާއަކީ، މާލޭގައި މަދްރަސަތުއްޞަލާޙިއްޔާއިން ތަޢުލީމު ޙާޞިލުކުރެއްވި ބޭކަލެކެވެ. ތަޢުލީމީ ދާއިރާތަކުގައި މެދުކެނޑިގެންނާއި މެދުނުކެނޑި އުޅުއްވާ ތިރީހަކަށް އަހަރުވެއްޖެއެވެ.

މީނާގެ ފަސްކުދިންގެ ތެރެއިން ބައެއް ކުދިންވަނީ ޖީ.ސީ.އީ. އޯލެވެލް ނިންމާފައެވެ.