އަލްފާޟިލް މުޙައްމަދު ޔޫސުފް
މ.މާޔާ

ރާއްޖޭގެ ތަޢުލީމަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން މުޙައްމަދު ޔޫސުފް ފާހަގަކުރެވިފައިވަނީ، އާދަޔާޚިލާފު ބޭފުޅެއްގެ ގޮތުގައެވެ. އޭނާއަކީ މަދްރަސާއެއް ހިންގެވި ބޭފުޅެއް ނޫން ނަމަވެސް، އޭނާ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ވެގެންދިޔައީ އޭނާ އަމިއްލަފުޅަށް އުފެއްދެވި ޕްރޮގްރެސިވް ކްލާހުންނެވެ.

ޕްރޮގްރެސިވް ކްލާހުގެ ބާނީ މުޙައްމަދު ޔޫސުފުގެ ތަޢްލީމީ ދާއިރާގެ ޚިދްމަތް ބިނާވެފައިވަނީ، އެކިއެކި ސަނަދު ނަގަން ބޭނުންވާ ކުދިންނަށް ސަނަދު ނަންގަވައިދެއްވުމުގެ މައްޗަށެވެ. އޭރު ސަރުކާރުން ޢަމަލުކުރައްވަމުން ގެންދެވި އުޞޫލުން ސަރުކާރުގެ ވަޒީފާއަކަށް ވަދެވެނީ އަދި އެ ވަޒީފާ ދާއިމީ ވަޒީފާއަކަށްވަނީ، އެމަގާމަކަށް ބޭނުންވާ ސަނަދު އޮވެގެން ކަމަށްވާތީ، މުޙަންމަދު ޔޫސުފް އެ މަސައްކަތް ފެށްޓެވީ، އޭރު ސަނަދު ނަގަން ބޭނުންވާ ގިނަ ޢަދަދެއްގެ ކުދިންނަށް، އެކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވި ދުވަސްވަރެއްގައެވެ.

މުޙައްމަދު ޔޫސުފް އެންމެ ފުރަތަމަ ކިޔަވައިދެއްވަން ފެށްޓެވީ ހެންވޭރު ކަޅުހުރާގޭ އަލްމަރްޙޫމް މުޙަންމަދު ލަޠީފް ހިންގެވި އިވްނިންގ ކްލާހުގައި 1966 ވަނަ އަހަރުއެވެ. އެއީ ބޮޑެތި މީހުންނަށް ސަނަދު ނެގުމަށްޓަކައި ހިންގެވި ކްލާހެކެވެ. އެ ކްލާހުގައި ހިސާބު، ދިވެހި، ޢާންމު މަޢުލޫމާތު ކިޔަވައިދެއްވައި ސަނަދު ނެގުމުގެ މަގު، ވަރަށްގިނަ ކުދިންނަށް ފަހިކޮށްދެއްވިއެވެ. 

އޭގެފަހުން މުޙައްމަދު ޔޫސުފް ޚިދްމަތް ކޮށްދެއްވަމުން ގެންދެވީ، ހެންވޭރު މާދޫގޭ އަލްމަރްޙޫމް ޢަލީ އަޙްމަދު ހިންގަވަމުން ގެންދެވި މަދްރަސަތުލް ޢާލިޔާގެ ޚާއްޞަ ކްލާސް ކަމަށްވާ ހަވީރު ކްލާހުގައެވެ. މިއީވެސް ބޮޑެތި މީހުންނަށް ސަނަދު ނަންގަވައިދެއްވުމަށް ހިންގެވި ކްލާހެކެވެ. 1968 ވަނަ އަހަރުން ފެށިގެން މި ކްލާހުގައި ކިޔަވައިދެއްވަން ފަށްޓަވައި، އޭގެފަހުން އެ މަދްރަސާގައިވެސް ހިސާބު މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވިއެވެ.

ޕްރޮގްރެސިވް ކްލާސް އުފެއްދެވުމުގެ ޚިޔާލު އޭނާ ކުރެއްވީ، މަދްރަސަތުލް ޢާލިޔާގައި ކިޔަވައިދެއްވި ދުވަސްވަރުއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޕްރޮގްރެސިވް ކްލާސް ރަޖިސްޓަރީ ކުރެއްވީ، 13 ސެޕްޓެމްބަރ 1972 ގައެވެ. މެދުކެނޑުމެއްނެތި 35 އަހަރު އެ ކްލާސް ހިންގަވާފައިވެއެވެ. ސަނަދު ނެގުމަށްޓަކައި އެކަނިވެސް ޕްރޮގްރެސިވް ކްލާހުން 6000 އަށްވުރެ ގިނަ ކުދިންވަނީ ތަޢްލީމު ޙާޞިލުކޮށްފައެވެ. ޕްރޮގްރެސިވް ކްލާހުގެ ކިޔެވުން ގެންދެވީ މައިގަނޑު ތިން ބަޔަކަށް ބައްސަވައިލައްވައިގެންނެވެ. އެއީ، ވަކި ސަނަދެއް ޙާޞިލު ކުރުމަށްޓަކައި ކިޔަވައިދެއްވުމާއި، ފަށާ ތަޢްލީމާއި މެދު މަދްރަސީ އަދި ޘާނަވީ ތަޢްލީމުން ތަފާތު މާއްދާތަކަށް ޓިއުޝަން ދެއްވުމާއި، ފެންވަރު މަތިކުރުމަށް ކިޔަވައިދެއްވުމެވެ.

ތަފާތު ސަނަދުތައް ނެގުމަށް ޕްރޮގްރެސިވް ކްލާހުގައި ކިޔަވައިދެއްވިއިރު، ޕިޔޯނުކަމުގެ ސަނަދާއި، އިންސްޕެކްޓަރކަމުގެ ސަނަދާއި، 2 ނަންބަރު ކާތިބުކަމުގެ ސަނަދާއި، 1 ނަންބަރު ކާތިބުކަމުގެ ސަނަދާއި، އިނގިރޭސި ކާތިބުކަމުގެ ސަނަދާއި، ސެކްރެޓަރީކަމުގެ ސަނަދާއި، އިނގިރޭސި ސެކްރެޓަރީކަމުގެ ސަނަދާއި، ހިސާބު މުދައްރިސްކަމުގެ ސަނަދާއި، ދިވެހި މުދައްރިސްކަމުގެ ސަނަދާއި، ޢަރަބިތާނަ ލިޔުމުގެ މުދައްރިސްކަމުގެ ސަނަދާއި، ކަތީބުކަމުގެ ސަނަދާއި، މުދިމްކަމުގެ ސަނަދު ނެގުމަށް ކްލާސްތައް ހިންގަވާފައިވެއެވެ. 

މުޙައްމަދު ޔޫސުފަކީ، ހިސާބު ޢިލްމުގެ ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. މިރޮނގުން ކިޔަވައިދެއްވަމުން، އެދުވަސްވަރު ގިނަ ޢަދަދެއްގެ ފޮތްތަކެއްވަނީ އެކުލަވައިލައްވާފައެވެ. އެ ފޮތްތަކުގެ ތެރޭގައި،  ހިސާބުގެ ޓޭބަލް، ]ކަމްޕައުންޑް ރޫލް، ކަސްރު، ޑެސިމަލް، ބޭނުންތެރި ހިސާބުގެ އެއްވަނަބައި، ދެވަނަބައި، ތިންވަނަބައި، ހިމެނެއެވެ.  

މުޙައްމަދު ޔޫސުފްގެ ހިތްޕުޅުގައި ތަޢްލީމަށް އޮތް ޚާއްޞަ އަހަންމިއްޔަތާއި ޝައުޤުވެރިކަން ބޮޑުކަމާއެކު، އެހެން ބައެއް ކޯސްތަކުގައިވެސް މުޙައްމަދު ޔޫސުފް ވަނީ ކިޔަވައިދެއްވާފައެވެ. އެގޮތުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހިންގެވި ވެރިން ތަމްރީނުކުރާ ކޯހާއި، ރާއްޖެތެރޭގެ މުވައްޒަފުން ތަމްރީނުކުރާ ކޯހާއި، ރާއްޖެތެރޭގެ މުވައްޒަފުން ތާޒާ ކުރުމުގެ ކޯހުގައި، ހިސާބު މުދައްރިސެއްގެގޮތުން ކިޔަވައިދެއްވާފައި ވެއެވެ. އަދި މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގައި ހިންގެވި ޤާޒީން ތަމްރީނުކުރާ ކޯސްތަކާއި ވެރިން ތަމްރީނުކުރާ ކޯހުގައިވެސް ހިސާބު މުދައްރިސެއްގެގޮތުގައި މަސައްކަތްޕުޅު ކުރައްވާފައި ވެއެވެ.  

އައިޑެންޓިޓީ ކާޑު ޔުނިޓު ސަރުކާރުން އުފެއްދެވި ދުވަސްވަރު، ހިޖުރީ ތާރީޚު، މީލާދީ ތާރީޚަށް ބަދަލުކުރަން ދަންނަ މީހުން ރާއްޖޭގައި މަދުކަމާއެކު، ސަރުކާރުން އެދިވަޑައިގަންނަވައިގެން، ހިޖްރީ ތާރީޚު، މީލާދީ ތާރީޚަށް ބަދަލުކުރާ ޓޭބަލެއް މުޙައްމަދު ޔޫސުފް އަމިއްލަފުޅަށް ތައްޔާރުކުރައްވައި، ރާއްޖޭގެ ރަށްރަށުން ގެންނެވި މުވައްޒަފުންނަށާއި، އައި.ޑީ ކާޑު ޔުނިޓުގެ މުވައްޒަފުންނަށް ހިޖުރީ ތާރީޚު، މީލާދީ ތާރީޚަށް ބަދަލުކުރަން ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިންގަވައިދެއްވިއެވެ. މި ކޯސްތަކުގެ ފިލާވަޅުތައް މުޙައްމަދު ޔޫސުފް އަމިއްލަފުޅަށް އެކުލަވައިލައްވައިގެން، ތިންފަހަރެއްގެ މަތިން މި ކޯސްތައް ހިންގަވައިދެއްވިއެވެ. މިކަން މުޙައްމަދު ޔޫސުފް ސަރުކާރަށް ކޮށްދެއްވީ، އަގެއް ނުނަންގަވައި، ހިލޭ ކޮށްދެއްވި ކަމެއްގެ ގޮތުގައެވެ.

މުޙައްމަދު ޔޫސުފަކީ، ހިސާބު ކިޔަވައިދެއްވުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް، އޭރުގެ ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް ހުށަހަޅުއްވައިދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ހިސާބު ފިލާވަޅުތަކުގެ 50 ޕްރޮގްރާމް، އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވައި ދެއްވިއެވެ.

މުޙައްމަދު ޔޫސުފަކީ، ރާއްޖޭގެ ތަޢްލީމު އެހައި ފުޅާ ނޫން ދުވަސްވަރުގައިވެސް ގިނަބަޔަކަށް ތަޢްލީމު އުނގަންނައިދެއްވުމަށް ގިނަގުނަ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި ތަޢްލީމަށް ޚިދްމަތްކުރެއްވުމުގެ ރޮނގުން 1983 ވަނަ އަހަރު ޢާންމު ޚިދްމަތަށް ހިތްވަރު ދިނުމުގެ އިނާމު، މުޙައްމަދު ޔޫސުފަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 1990 ވަނަ އަހަރު މިނިވަން 25ގެ އިނާމުވެސްވަނީ ލިބިވަޑައިގެންފައެވެ. އޭގެފަހުންވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، މުޙައްމަދު ޔޫސުފް އުފެއްދެވި ޕްރޮގްރެސިވް ކްލާހުގެ ފެންވަރު، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކުރައްވައި، ގިނަ ބަޔަކަށް އެ ކްލާހުން ކިޔެވުމުގެ ފުރްޞަތު ތަނަވަސްކޮށްދެއްވުމަށްޓަކައެވެ. 31 އޮކްޓޯބަރ 2007 ގައި ޕްރޮގްރެސިވް ކްލާސް ވަގުތީގޮތުން ހުއްޓަވައިލެއްވީ، ކްލާސް ހިންގަވަމުން ގެންދެވި ޢިމާރާތުގައި ބައެއް ސަބަބުތަކާހުރެ ކްލާސް ހިންގެވެން ނެތުމުންނެވެ.

މުޙައްމަދު ޔޫސުފަކީ ސަރުކާރަށްވެސް 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވަނީ، ލޭންޑް ސަރވޭގެ މަސައްކަތުގައެވެ. މާލޭގެ ފަޅުތެރޭގެ ބިން ހިއްކާނޭގޮތުގެ ޕްލޭންކޮށް، އެގޮތަށް ބިންތަކާއި ގޯތިތައް ނަގައިދީ، މަގުތައް ހައްދަވައިދެއްވުމުގައި، މައްސާޙެއްގެ ޙައިޘިއްޔަތުން މުޙައްމަދު ޔޫސުފް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވާފައިވެއެވެ. އަދި މާލޭގެ މިސްކިތްތަކާ ގުޅިފައިވާ ޤަބުރުސްތާނުތަކުންނާއި ހުސް ބިންތަކުން ގޯތިނަގާނޭ ގޮތާއި، މަގުތައް ހަދާނޭގޮތް ޕްލޭންކޮށް، އެގޮތަށް އެތަންތަން ނަންގަވައިދެއްވުމުގައި މުޙައްމަދު ޔޫސުފްގެ ޙިއްޞާ ވަރަށް ބޮޑެވެ. އެންމެފަހުގެ މާލޭގެ އަޞްލު ޗާޓް ކުރެހުމުގައިވެސް، މުޙައްމަދު ޔޫސުފްގެ ޙިއްޞާ ވަރަށް ބޮޑެވެ. އަދި މުޙަންމަދު ޔޫސުފް ސަރވޭކުރައްވައި ވަރަށްގިނަ ރަށްރަށުގެ ޗާޓް ކުރައްސަވާފައިވެއެވެ. އެދުވަސްވަރު ޢިމާރާތްކުރި ބައެއް މިސްކިތްތަކުގެ ޤިބުލަ ފާހަގަކޮށްދެއްވާފައިވަނީވެސް މުޙައްމަދު ޔޫސުފެވެ. މީގެތެރޭގައި އިސްލާމީ މަރްކަޒުވެސް ހިމެނެއެވެ.

ތަޢްލީމީ ދާއިރާގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި މުޙައްމަދު ޔޫސުފް ޚިދްމަތް ކުރައްވާފައިވެއެވެ. ތަޢްލީމީ ދާއިރާއިން، ތަޢްލީމު އުނގަންނައި ދިނުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަދު ލިބިވަޑައިގަންނަވާއިރު، މުޙައްމަދު ޔޫސުފްގެ އެންމެބޮޑު އުންމީދަކީ، ކޮމްޕިއުޓަރ ޢިލްމާއި، ދުނިޔޭގެ ތަފާތު ބަސްތައް ކިޔަވައިދެއްވުމުގެ ކްލާސްތަކެއް، އަވަސް ފުރްޞަތެއްގެ ތެރޭގައި ފެށްޓެވުމެވެ.