އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން
ހ.ނީލްވިލާ

ރާއްޖޭގައި ނުކުންނަމުން ދިޔަ "މޫންލައިޓް" ނޫސް ހުއްޓުމާއެކުހެން "ހަވީރު" ނޫސް ނުކުންނަން ފަށައިފިއެވެ. އެދުވަހުން ފެށިގެން، ނޫސްވެރިކަމަށް އިތުރު ތަރައްޤީއެއް އަންނަން ފަށައިފިއެވެ. ނޫހުގެ ފެންވަރު ރަނގަޅުވެ، ސައިޒު ބޮޑުވެ، ޝާއިޢުކުރެވޭ ޚަބަރު މުއްސަނދިވާން ފެށިއެވެ. މިއައި ބަދަލުގެ ފަހަތުގައި ހުންނެވި އެއްބޭފުޅަކީ، އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނެވެ.

އެމަނިކުފާނަކީ، ނޫސްވެރިކަމުގެ ރޮނގުން ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެބޭފުޅެއްގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައިވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޟްމޫނުތަކުގެ ގޮތަކުންނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީކުރެއްވުން އެކަންޏެއްވެސް ނޫނެވެ. މިކަންތައްތަކުގެ އިތުރަށް، ނޫސް ޗާޕުކުރުމުގެ ފެންވަރު މައްޗަށް ގެންދެވުމާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމާއި، މިޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައިވެސް ހިންގެވޭތޯ އެތައް މަސައްކަތްތަކެއް ކުރެއްވުމުން އެމަނިކުފާނުގެ ޚިދުމަތްވަނީ، ނޫސްވެރިކަމުގެ ރޮނގުން ވަރަށް ބޮޑަށް ކުރިއަށްގޮސްފައެވެ.