އަލްފާޟިލް މުޙައްމަދު ރަޝާދު
މ. ޙުސައިންއާބާދު

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޠަލްޢަތު މަޙަމޫދުގެ އަޑު ހަނދާނަށް ގެނެސްދޭގޮތަށް ރީތި ރާގުތަކުން ހިތްތަކުގައި ފިރުމާލަދޭ ލަވަކިޔުންތެރިޔަކީ، އަލްފާޟިލް މުޙައްމަދު ރަޝާދެވެ.

އެންމެ ފުރަތަމަ ޢާއްމުންގެ ތެރޭގައި ލަވައެއް ކިޔުއްވީ، މާފަންނު ފިޔާތޮށި ކްލަބްގެ މިޔުޒިކް ގްރޫޕެއްގައި އުޅުއްވަމުންކަމަށާއި، އެއަށްފަހު މާލޭގެ އެކި ގްރޫޕްތަކަށް ލަވަ ކިޔުއްވައިދެއްވަން ފެށްޓެވީކަމަށް އޭނާ ބުނުއްވައެވެ. އޮލިމްޕިއަންސްގައި އުޅުއްވި ދުވަސްވަރު، ވަރަށް ގިނަ ތަފާތު ރާގުރާގަށް ޚާއްޞަކޮށް ހިންދުސްތާނު ފިލްމުތަކުގެ ރާގުރާގަށް ލަވަ ކިޔުއްވާފައިވާނެކަމަށް ބުނުއްވައެވެ. އެންމެ ގިނައިން ކިޔުއްވައި އުޅުއްވަނީ، މަދަޙައެވެ.

ލަވަ ކިޔުއްވުމުގެ އިތުރަށް، މިޔުޒިކް ކުޅުއްވުމަށް މަސައްކަތްކުރައްވައެވެ. މިގޮތުން، ހަރުމަނިޔާއާއި އޯގަން ކުޅުއްވާކަމަށް ބުނުއްވައެވެ. އަދި މިޔުޒިކްގެ ނޯޓް ބައްލަވައިގެން ހިސާބަކަށް ރާގު ކުޅުއްވަން އެނގިވަޑައިގަންނަވާކަމަށާއި، މިކަން ދަސްކޮށްދެއްވީ، އަލްފާޟިލް ގިނިރާހި އިބްރާހީމް އަޙްމަދު ކަމަށް ބުނުއްވަމުން، ލަވަ ކިޔުއްވުމާއި، މިޔުޒިކް ކުޅުމުގެ ޝައުޤުގައި ހުންނަވައި، މިރޮނގުން ކުރިއަށްދެވޭތޯ ބައްލަވަމުން ގެންދަވާނެކަމަށް ބުނުއްވައެވެ.