އަލްފާޟިލް ޢަބްދުއްސައްތާރު ސީދީ
މ.ޕެޝަންފްލާވަރ

ދިވެހި ބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމަކީ 1979 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެއްވަމުން ގެންދަވާ އިނާމެކެވެ. މި އިނާމު ލިބިވަޑައިގެންފައިވާ އަލްފާޟިލް ޢަބްދުއްސައްތާރު ސީދީއަކީ، ބޭސްވެރިކަމުގެ ރޮނގުންނާއި، ފަންޑިތަ ހެއްދެވުމާއި، ޚިތާނުކުރެއްވުމުގެ ރޮނގުގައި މުޅި ރާއްޖެއަށްވެސް މަޝްހޫރު ބޭފުޅެކެވެ. ޢުމުރުފުޅުން 17 އަހަރުން ފެށިގެން މި ރޮނގުރޮނގުން ގެންދަވަނީ، ޚިދުމަތްކުރައްވަމުންނެވެ. ނިކަމެތި އަތްމަތިދަތި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އޭނާ ހިލޭ ބޭސްކޮށްދެއްވައި، ފަންޑިތަ ހައްދަވައިދެއްވަމުން ގެންދަވައެވެ. މިރޮނގުން އެވްރެޖްގޮތެއްގައި، މަހެއްގެ މައްޗަށް ސާޅީހަކަށް ނުވަތަ ފަންސާހަކަށް މީހުންނަށް ބޭސްކޮށްދެއްވައެވެ. ފަންޑިތަ ހައްދަވައި، ޚިތާނުކުރުމުގެ ސަނަދު ނެންގެވުމުގެ ކުރިންވެސް، ޢާއްމުންނަށް އެރޮނގުން ވަރަށް ބޮޑަށް ޚިދުމަތްދެއްވާފައިވެއެވެ. ނިކަމެތި ފަޤީރު މީހުންގެ ދަރިންގެ ތެރެއިން އަހަރެއްގެ މައްޗަށް 20 ނުވަތަ 25 ކުދިން، އަގަކާނުލައި، ޚިތާނުކޮށްދެއްވައެވެ. ޚިތާނުކުރެއްވުމުގެ ޝައުޤު ހިތްޕުޅުގައި އުފެދުނީ، މިރޮނގުން ފުރަތަމަ ކުރަންފެށި މަސައްކަޕުޅުގެ ސަބަބުންނެވެ.

މިހާރު އޭނާއަކީ، ޚިތާނުކުރުމުގެ ހުއްދައަށް އެދޭމީހުން އިމްތިޙާނުކުރުމުގެ ވަޒީފާދެއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ބޭސްވެރިން އިމްތިޙާނުކުރާ ކޮމިޓީއާއި ފަންޑިތަވެރިން އިމްތިޙާނުކުރާ ކޮމެޓީގެވެސް މެންބަރެކެވެ.

ބޭސްވެރިކަމުގެ ރޮނގުން ކުރިޔަށް ވަޑައިގަތުމަށްޓަކައި މަސައްކަތް ތަރައްޤީ ކުރެއްވުމުގެގޮތުން، އެކި ފާޑުގެ ޝަރުބަތު ތައްޔާރުކޮށް ތަފާތު އެއްޗެހީގެ ޢަރަޤުނެގުމުގެ މަސައްކަތްކުރިއަށް ގެންދަވައެވެ.