އަލްފާޟިލް ޔޫސުފް ރަފީޢު
މ.ބިގްފިޝް

އަލްފާޟިލް ޔޫސުފް ރަފީޢަކީ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް މަޤްބޫލުވެފައިވާ ފިލްމީ ތަރިއެކެވެ. ފިލްމު އުފެއްދުންތެރިއެކެވެ. ފިލްމަށް ވާހަކަ ލިޔުއްވާ ބޭފުޅެކެވެ. އޭނާގެ ގިނަ ފިލްމުތަކުގައި އަޅުގަނޑުމެންނަށް ފެންނަނީ، ހެއްވާ މީހެއްގެ ރޯލް އަދާކުރައްވަނިކޮންނެވެ. އެހެންނަމަވެސް، އޭނާގެ އަމިއްލަފުޅު ޙަޔާތުގައި ހެއްވާމީހަކަށް ވެވަޑައިގަންނަވާކަށް އޭނާ ބޭނުންފުޅެއް ނުވެއެވެ. ހެއްވާގޮތަށް ފިލްމުކުޅުއްވުމުގެ ބޭނުމަކީ، އޭނާ ވިދާޅުވާގޮތުގައި، މީހުންނަށް އޭނާ ދެއްވަން ބޭނުންފުޅުވާ މެސެޖް ނުވަތަ އިރުޝާދު، އެންމެ ފަސޭހައިން ދެއްވޭނީ، ކުޑަކުޑަ ލޮނުހެޔޮވަރު ކޮށްލެއްވުމަކާއެކުގައި ކަމަށްވާތީ، އެގޮތަށް އެމެސެޖް ރައްދުކުރެއްވުމުގެ ބޭނުމުގައެވެ.

އާދެ، އޭނާ އެކްޓަރަކަށް ވެވަޑައިގަތުމުގެ ޚިޔާލު އުފެދުނީ މަދްރަސީ ދައުރުގައި، މަޖީދިއްޔާގެ ޖުބިލީ ކާނިވަލުގައި ސްޓޭޖްމަތީގައި މަދްރަސާގެ ދަރިވަރުންގެ ލަވަ ކިޔުމުގައި ނުކުންނަވަން ޖެހުމާގުޅިގެންނެވެ. މަދްރަސާގެ ދައުރު ނިމުމާއެކު މަސައްކަތްކުރައްވަން ފެށްޓެވީ، ޓެލެވިޜަން މޯލްޑިވްސްގައެވެ.