އަލްފާޟިލް ޗިޅިޔާ މޫސާ މަނިކު
މއ.ޗިޅިޔާވިލާ

           ދާދިފަހަކާ ޖެހެންދެން ތަމްސީލުކުޅުން، ފިލްމުކުޅުންފަދަ ކަންތައްތައް ކުރުމަކީ ވަރަށް އާދައިގެ ދަށްމީހުން ކުރާކަމެއްގެ ގޮތުގައި އޮތީ ފާހަގަކުރެވިފައެވެ. މިކަން މިހެން އޮއްވައި އެނޫންގޮތަކަށް އެކަން ބަދަލުވެގެން ދިޔައީ، ޓެނިސް ކްލަބްގެ ތަމްސީލުތަކާއި، ސީ.ޑީ.އެސް.ގެ ތަމްސީލުތަކުގެ ސަބަބުންނެވެ. އަލްފާޟިލް ޗިޅިޔާ މޫސާ މަނިކަކީ، ސީ.ޑީ.އެސް.ގެ އިސް މެމްބަރެކެވެ.

           އޭނާ ބަޔާންކުރައްވާ ގޮތުގައި ތަމްސީލުކުޅުމަކީ، އޭނާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހޮބީއެއްގެގޮތަށް ކުރައްވާ ކަމެކެވެ. އޭނާގެ ޙަޤީޤީ މަސައްކަތަކީ، ކުރެހުމެވެ. ދެން އެއަށްފަހު ވާހަކަ ލިޔުއްވުމެވެ. ދެން ތަމްސީލުކުޅުއްވުމެވެ. މިކަންތައް އައި ތަރުތީބަށް ބަލައިފިނަމަ ފެންނަނީ އެންމެ ފުރަތަމަ ޚިޔާލު ކަރުދާހުގައި ސަފަކުރެއްވިކަމެވެ. ދެން ފަހުން ޢިބާރާތްތަކަކަށް ބަދަލުކުރެއްވީ ކަމަށެވެ. ދެން ހަމަ އަމިއްލަ ނަފްސު އެކަންތައްތައް ތަމްސީލުގެގޮތަށް ގެނެސްދެއްވީ ކަމުގައެވެ.

           ކަންދިމާވިގޮތުން މިއިނާމު ލިބުމުގެ ކުޑަދުވަސްކޮޅެއްގެ ކުރިން އޭނާ މޮސްކޯގައި އޮތް 1 ވަނަ ފިލްމު ފެސްޓިވަލްގެ ރަސްމިއްޔާތު ދެކެވަޑައިގަންނަވަން އެތަނަށް ވަޑައިގެން ބައިވެރިވެލައްވާފައިވެއެވެ. ޗިޅިޔާ މޫސާ މަނިކޭ ދެންނެވީމާ އެންމެ ފަސޭހައިން ހިތްޕުޅަށް ގެނެވޭނީ، ވިޔަޒޯރެވެ. ބޮޑުތަކުރުފާނުގެ ތަމްސީލުގެ ވިޔަޒޯރެވެ. ނުވަތަ ޕޯޗުގީޒުންގެ ހަނގުރާމައިގެ  ޕޯޗުގީޒުންގެ ލަޝްކަރުގެ ވެރިޔާއެވެ. އަދި ރޯދަމަހުގެ މޫސާ މަނިކުގެ ބާޒާރުކުރުމެވެ. މިހެންގޮސް، ތަމްސީލުގެ ދުނިޔޭގައި ޗިޅިޔާއަކީ، ވަރަށްވެސް ޚާއްޞަ ޝަޚުޞިއްޔަތެކެވެ.