އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް

އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަކީ، ބޯޓްފަހަރު ސަރވޭކުރުމާއި، ލައިފް ރާފްޓްގެ ޚިދުމަތް ދިނުމާއި، މެރިން ކޮންސަލްޓޭޝަން ދިނުމުގެ މަޤްޞަދުގައި 26 މާރިޗު 1995 ގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެކެވެ. ކަނޑުމަތީގައި ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ޙާދިޘާއެއް މެދުވެރިވެއްޖެނަމަ، އެ އުޅަނދުގައި ތިބޭ މީހުން ސަލާމަތްވުމަށް ބޭނުންކުރެވޭ ލައިފް ރާފްޓް ސަރވިސް ކުރުމުގެ ޚިދުމަތަކީ، އެ ކުންފުނިން މިއަދު ދެމުންގެންދާ މައިގަނޑު ޚިދުމަތެވެ. މި ޚިދުމަތަކީ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭގޮތަށް ދެމުންގެންދާ ޚިދުމަތެކެވެ.

މެރިން ލައިފް ރާފްޓް ސަރވިސް ކުރުމުގެ ޚިދުމަތަކީ، ރާއްޖޭގައި ބޯޓްފަހަރު ގެންގުޅޭ ފަރާތްތަކަށް 1995ގެ ކުރިން، ބޮޑު ޚަރަދެއް ކުރަންޖެހިފައިވާ ޚިދުމަތެކެވެ. ސަބަބަކީ، ރާއްޖެއިން މި ޚިދުމަތް އޭރު ލިބެން ނެތުމުން، ރާއްޖެއިން ބޭރުން މި ޚިދުމަތް ހޯދަން ނަގާ ވަގުތާއި، ހޭދަވާ ބޭރުފައިސާގެ އަދަދު އިތުރުވެ، ޚަރަދު ބޮޑުވުމެވެ.

އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވުޖޫދަށް ގެންނެވުމުގައި، އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ، މިއަދު އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރުގެ ގޮތުގައި ހުންނެވި އަދި ރާއްޖޭގައި ތިއްބެވި މާސްޓަރ މެރިނަރ އަދި މެރިން އިންޖިނޭރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކެޕްޓަން މުޙަންމަދު ޝަރީފެވެ. މުޙަންމަދު ޝަރީފުގެ އިތުރުން، ކެޕްޓަން ޤާސިމް މުޙަންމަދުފުޅާއި، އަލްފާޟިލް ޢަލީ ރިޒާއެވެ. އަލްފާޟިލް ޢަލީ އަޙްމަދުވެސް މި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކުންފުނި އުފެއްދެވުމުގައި އެންމެބޮޑު އިސްކަމެއް ދެއްވީ، މި ދާއިރާގެ އެންމެހައި މަސައްކަތްތައް، ދިވެހި އާގުބޯޓުފަހަރު ދުއްވާ ފަރާތްތަކާއި، ރާއްޖޭގެ ކޯސްޓްގާރޑާއި، ޔޮޓްފަހަރާއި، މިފަދަ އުޅަނދުތަކަށް އެއްފުރާޅެއްގެ ދަށުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މި ޚިދުމަތްތައް ލިބެން ހުންނަ ފަދައިން، އެ މިންގަނޑުގައި ރާއްޖެއިންވެސް  މި ޚިދުމަތްތައް ލިބޭނެމަގު ތަނަވަސްކޮށްދެއްވުމަށެވެ.  

ރާއްޖޭގެ ވަރަށްގިނަ ކުންފުނިތަކުން ދުއްވާ ބޯޓުފަހަރު ސަރވޭކުރުމުގެ މަސައްކަތާއި، ބޯޓުފަހަރު އަގުކުރުމުގެ މަސައްކަތާއި، އަދި ލައިފް ރާފްޓް ސަރވިސްކޮށް، އެކަންކަމަށް ބޭނުންވާ ތަކެތި ހަމަކޮށް، ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް، އެ ކުންފުނިން މިއަދު ގެންދަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި ދުއްވާ ސަރުކާރުގެ އުޅަނދުތަކާއި އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ސަރވޭކޮށް، ލައިފް ރާފްޓް ސަރވިސް ކުރުމުގެ ޚިދުމަތްވެސް ދެމުން ގެންދެއެވެ. އަދި އިންޓަރނޭޝަނަލް ޓަނޭޖް ކޮންވެންޝަން 1969 އާ އެއްގޮތަށް އިންޓަރނޭޝަނަލް ޓަނޭޖް ހެދުމާއި، ޝިޕް ބޯޑް އޮއިލް ޕޮލިއުޝަން އިމަރޖެންސީ ޕްލޭން ތައްޔާރުކުރުމާއި، ބޯޓުފަހަރަށް ދިމާވާ ހުރިހާ ކަމެއްގައި ފަންނީ އެހީ ދިނުމަކީވެސް، މި ކުންފުނިން ކުރަމުން ގެންދާ މަސައްކަތެކެވެ.

 މާލެ ވިލިނގިލީ އަވަށުގައި ހުންނަ އެ ކުންފުނީގެ ލައިފް ރާފްޓް ސަރވިސް ސެންޓަރަކީ، ލައިފް ރާފްޓް އުފައްދާ ބައިނަލްއަޤްވާމީ ކުންފުނިތަކުން އެޕްރޫވް ކޮށްފައިވާ ސެންޓަރެކެވެ. އަދި ބައިނަލްއަޤްވާމީ ކަނޑުދަތުރުކުރުމާބެހޭ ޖަމްޢިއްޔާ، އައި.އެމް.އޯ.ގެ ރިޒޮލިއުޝަނެއްގެ ދަށުން ސޭފްޓީ އޮފް ލައިފް އެޓް ސީ (SOLAS) ރެގިއުލޭޝަނާ އެއްގޮތަށް ސަރވިސް ކުރުމުގެ ގިނަ އަދަދެއްގެ މެނިފެކްޗަރ އެޕްރޫވަލް، އެ ކުންފުންޏަށް ލިބިފައިވާކަމީ، އަދި މީގެތެރޭގައި ލޮއިޑްސް ރަޖިސްޓަރގެ ކްލާސް އެޕްރޫވަލްވެސް ހިމެނޭކަމީ، އެ ކުންފުންޏަށް މިއަދު ލިބިފައިވާ ވަރަށްބޮޑު ކާމިޔާބީއެކެވެ.

އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޢަޒުމަކީ، ލައިފް ރާފްޓްގެ ޚިދުމަތް، ކުރިއަށްއޮތްތާނގައި ރާއްޖޭގެ މަސްވެރިންނަށް ލުއިފަސޭހަގޮތެއްގައި ހޯދައިދީ، ރާއްޖޭގެ މާޙައުލާ ގުޅޭފަދަ ގޮތަކަށް ލައިފް ރާފްޓްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެ، މަސްދޯނިފަހަރާއި، ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކުރާ ފަސިންޖަރުން އުފުލާ އުޅަނދުފަހަރާއި، މުދާ އުފުލާ އުޅަނދުފަހަރުގައި މިތަކެތި ހަރުކުރެވި، އެކަންކަމުގެ ފަސޭހަކަމާއި ރައްކާތެރިކަން، އެންމެހައި ދިވެހިންނަށް ލިބިދިނުމެވެ. މިގޮތުން، ބައިނަލްއަޤްވާމީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ކުޑަ ލައިފްރާފްޓެއް ތައްޔާރުކުރުމުގެ މަސައްކަތް، އެ ކުންފުނިން ގެންދަނީ ކުރަމުންނެވެ.